7 ޖޫން 2023 - 14:57 1
އިސްމާއީލް އަޒްމީން
2015 ވަނަ އަހަރުގެ ވޯލްޑް ކަޕް ކޮލިފައިން މެޗެއްގެ ތެރެއިން ހޮންކޮންގްގެ ކުޅުންތެރިއަކު ކައިރިން ބޫޓާންގެ ޗެންޗޯ ބޯޅަ ހިފައިގެންދަނީ.--- ފޮޓޯ: އޭއެފްޕީ
7 ޖޫން 2023 - 14:57 1
މި މަހުގެ ފަހުކޮޅު އިންޑިއާގެ ބެންގަލޫރުގައި އޮންނަ ސާފް ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތުގައި ބޫޓާން ޓީމުގެ ކެޕްޓަން ޗެންޗޯ ގްޔެލްޝްޓެން އަށް އަނިޔާގެ ސަބަބުން ނުކުޅެވިދާނެ ކަމަށް ބެލެވިއްޖެ އެވެ.
ބޫޓާންގެ ތަރި ޗެންޗޯ އަކީ އެ ގައުމުން ބޭރު ލީގެއްގައި ކުޅުނު ފުރަތަމަ ބޫޓާން ކުޅުންތެރިޔާ އެވެ. އެގައުމުގެ "ރޮނާލްޑޯ"ގެ ނަމުން މަޝްހޫރު ޗެންޗޯ ވަނީ އިންޑިއާގެ އައި ލީގާއި ސުޕަ ލީގުގެ ގިނަ ޓީމްތަކަކަށް ކުޅެފަ އެވެ. އެންމެ ފަހުން އޭނާ ކުޅުނީ ނޭޕާލް ލީގުގެ ގަދަ ބާރު މަޗިންދުރަ އެފްސީ އަށެވެ.
ނޭޕާލް ލީގުގައި ކުޅެނިކޮށް މިދިޔަ އޭޕްރިލް މަހު އޭނާގެ ފައިތިލައަށް ލިބުނު އަނިޔާގެ ސަބަބުން އަދިވެސް ޗެންޗޯ ހުރި ކުޅުމާ ދުރުގަ އެވެ.
ޗެންޗޯގެ އަނިޔާއާ ގުޅޭގޮތުން ބޫޓާން ޓީމުގެ ވައިސް ކެޕްޓަން ކަރްމާ ޝެރިން ބުނީ ޓީމުގެ އެންމެ މުހިންމު ކުޅުންތެރިޔާ އަށް މި މުބާރާތުގައި ނުކުޅެވިއްޖެނަމަ އެއީ އެޓީމަށް ފޫ ނުބެއްދޭނެވަރުގެ ގެއްލުމެއް ކަމަށެވެ. ކަރްމާ ބުނީ ޓީމުގެ ޑޮކްޓަރުންނާ އެކު ޗެންޗޯގެ ރިކަވަރީގެ ކަންކަން ދަނީ ރަނގަޅަށް ކަމަށާއި، މުބާރާތުގައި ކުޅެވޭނެކަމުގެ ފުރުސަތު ކުޑަކަމަށެވެ.
ސާފް ޗެމްޕިއަންޝިޕަށް ބޫޓާންގެ ޓީމްގެ ތައްޔާރީތަކާ ގުޅޭގޮތުން ކަރްމާ ޝެރިން ބުނީ ބޫޓާން ޓީމްގައި މި ވަގުތު ގިނައީ އާ ކުޅުންތެރިން ކަމަށާއި، އޭގެ ތެރެއިން ވެސް ގިނައީ ކިޔަވާ ކުދިން ކަމަށެވެ. އެހެންކަމުން ކިޔެވުމުގެ ކަންކަން ހުރި ގޮތުން ބައެއް ކުޅުންތެރިންނަށް ގައުމީ ޓީމާ އެކު ހުރިހާ ފަރިތަކުރުންތަކުގައި ބައިވެރިނުވެވޭ ކަމަށް އޭނާ ބުނެފައިވެ އެވެ.
ސާފް ޗެމްޕިއަންޝިޕަކީ ބޫޓާނަށް އަބަދުވެސް މުހިންމު މުބާރާތެއްކަން ފާހަގަކުރަމުން އޭނާ ބުނީ ކޮވިޑަށް ފަހު ބޫޓާންގެ ގައުމީ ޓީމަށް ކުޅެން އެހެންކަމުން ސާފް ޗެމްޕިއަންޝިޕަށް އެ ގައުމުން މުހިންމު އިސްކަމެއްދޭކަމަށެވެ.
މި އަހަރުގެ މާޗު މަހު ނޭޕާލްގައި އޮތް ތުރީ ނޭޝަންސް ކަޕެއްގައި ވެސް ބޫޓާން ވާދަކުރި އެވެ. ލާއޯސް އާއި ނޭޕާލްގެ އިތުރުން ބޫޓާން ވާދަކުރި މުބާރާތުން އެ ޓީމަށް ލިބުނީ ތިން ވަނަ އެވެ. ކަރްމާ ބުނީ އެ މުބާރާތަށް ފަހު ވެސް ޓީމަށް ބަދަލުތަކެއް އަތުވެއްޖެ ކަމަށާއި، މި ފަހަރުގެ ސާފް ޗެމްޕިއަންޝިޕަކީ ބޫޓާންގެ އާ ޓީމުގެ ފެށުން ކަމަށް ގަބޫލު ކުރާކަމަށެވެ.
މި ފަހަރުގެ މުބާރާތުގައި ސާފުން ބޭރުން ވާދަކުރާ ދެ ޓީމުގެ ސަބަބުން ސާފް ޗެމްޕިއަންޝިޕްގެ ފެންވަރު މަތިވާނެކަން ފާހަގަކުރަމުން އޭނާ ބުނީ ކުވެއިތާއި ލެބަނަން މި މުބާރާތުގައި ވާދަކުރުމަކީ ސަރަހައްދީ ފުޓްބޯޅައިގެ ކުރިއެރުމަށް އެޅުނު ރަނގަޅު ފިޔަވަޅެއް ކަމަށެވެ.
ސާފް ޗެމްޕިއަންޝިޕްގައި ބޫޓާން ކުޅޭ ފުރަތަމަ މެޗުގައި ޖޫން 22 ގައި ނުކުންނާނީ ރާއްޖެއާ ދެކޮޅަށެވެ. ދެ ވަނަ މެޗުގައި ލެބަނާންއާ ވާދަކުރާއިރު ފަހު މެޗުގައި ބަންގްލްދޭޝްއާ ދެކޮޅަށް ނުކުންނާނެ އެވެ.
ބޫޓާނުގެ ގައުމީ ޓީމަށް 33 މެޗު ކުޅެދީފައިވާ މިޑްފިލްޑަރު ކަރްމާ ޝެރިން ބުނީ ސާފް ޗެމްޕިއަންޝިޕުގައި މި ފަހަރު ވެސް އެ ޓީމްގެ ޓާގެޓަކީ ސެމީ ފައިނަލުގައި ވާދަކުރުންކަމަށެވެ.
Comment