7 ޖޫން 2023 - 12:19 0
މުހައްމަދު އުޝާމް
7 ޖޫން 2023 - 12:19 0
ރައްޔިތުންގެ މަޖިލީހަށް ސަރުކާރުން ހުށަހަޅާފައިވާ ކުނި މެނޭޖު ކުރުމުގެ ބިލުގެ ބަހުސްގައި، ނިޒާމީ ނުކުތާތަކެއް ނަންގަވައިގެން އެއް މެންބަރަކު އަނެއް މެންބަރަކަށް އިންޒާރު ދިން ކަމަށް ވިދާޅުވެ ތުހުމަތު އަޅުވައިފި އެވެ.
އެ ބިލުގެ ބަހުސްގައި ދިއްގަރު ދާއިރާގެ މެންބަރު އިކްރާމް ހަސަން ވާހަކަ ދައްކަވަމުން ދަނިކޮށް، އެފަދަ ތުހުމަތެއް ފުރަތަމަ ކުރެއްވީ ހެންވޭރު ދެކުނު ދާއިރާގެ މެންބަރު ހުސައިން ޝަހީމް (އަނދުން ހުސައިން) އެވެ.
"މަޖިލިހަށް ވަދެ ތިބި ޑިމޮކްރެޓްސް ހަދަން އުޅޭ ހަތަރު މީހަކު އަޅުގަނޑާ ދިމާކޮށް އިންޒާރު ދިން، އެ ވާހަކަ މަޖިލީހުގެ ރައީސާ ހިއްސާކުރުމުން، އެތައް ބަޔަކު ކުރިމަތީގައި ވިދާޅުވީ، އަދި ކަލޭ ކަންފަތްމަތީގައި ވެސް އެ މީހުން ލައްވާ ޖަހުވާނަމޭ،" ހުސައިން ޝަހީމް ވިދާޅުވި އެވެ.
ހުސައިން ޝަހީމް ވިދާޅުވީ މީގެ ކުރިން ވެސް އޭނައަށް އެކި ފަހަރު މަތިން އިންޒާރުތައް ލިބޭތީ އެ މައްސަލަ މަޖިލީހަށް ހުށަހަޅާފައިވާ ކަމަށެވެ. ސެކިއުރިޓީއަށް ވެސް އެދިފައިވާއިރު އަދި އަދަށް ވެސް ސެކިއުރިޓީ ހަމަޖައްސާފައިނުވާ ކަމަށް އޭނާ ވިދާޅުވި އެވެ.
"އެކަމާ އަޅާ ނުލީމަ އަޅުގަނޑުމެން ދެން މި އުޅެނީ ސެކިއުރިޓީއާ ވެސް ނުލާ،" ހުސައިން ޝަހީމް ވިދާޅުވި އެވެ.
ހުސައިން ޝަހީމް އެ ތުހުމަތު ކުރެއްވުމުން ޑިމޮކްރެޓްސް އުފެއްދުމުގައި އިސްކޮށް އުޅުއްވާ ބޭފުޅުން ވެސް ނިޒާމީ ނުކުތާ ނެންގެވި އެވެ. ކުޅުދުއްފުށި އުތުރު ދާއިރާގެ މެންބަރު ޔާސިރު އަބްދުއްލަތީފާއި، މައްޗަންގޯޅި އުތުރު ދާއިރާގެ މެންބަރު މުހައްމަދު ރަޝީދު (ބޯދިގު) ވަނީ އެ ތުހުމަތުތައް ދޮގުކުރެއްވި އެވެ.
"މީޑިއާގައި ހެޑްލައިން އަޅުއްވަން ދެން ކޮންމެ ފަދަ ވާހަކައެއް ދެއްކިޔަކަސް އަޅުގަނޑުމެންނަށް އެނގޭ، ދިވެހި ރައްޔިތުންނަށް ވެސް އެނގޭ މި ވެގެން އުޅޭ ގޮތް،" މުހައްމަދު ރަޝީދު ވިދާޅުވި އެވެ.
ޑިމޮކްރެޓްސް އުފައްދަވާ މެންބަރުން ހުސައިން ޝަހީމްގެ ތުހުމަތު ދޮގުކުރެއްވުމުން، ހަނިމާދޫ ދާއިރާގެ މެންބަރު އަބްދުލްޣަފޫރު މޫސާ ވަނީ ނިޒާމީ ނުކުތާއެއް ނަންގަވައި "އަޅުގަނޑު ހުރި ތަނެއްގައި ހިނގި ކަމެއް،" ކަމަށް ވިދާޅުވެފަ އެވެ.
އެ ފަހުން ކުޑަހުވަދޫ ދާއިރާގެ މެންބަރު އަހުމަދު އާމިރު ނިޒާމީ ނުކުތާއެއް ނަންގަވައި ޣަފޫރަށް ތުހުމަތު އެޅުވި އެވެ. "ސައި ކޮޓަރި ތެރޭގައި މީގެ ކުރިން ހަނިމާދޫ ދާއިރާގެ އިއްޒަތްތެރި މެންބަރު ވެސް ވިދާޅުވި އަޅުގަނޑާ ދިމާއަށް ކަލޭ ހޭ އަރުވާލާނެ ކަމަށް،" ވިދާޅުވި އެވެ.
އޭގެ ފަހުން މައްޗަންގޯޅި އުތުރު ދާއިރާގެ މެންބަރު މުހައްމަދު ރަޝީދު ވަނީ މީގެ ތިން އަހަރު ކުރިން މަގުމަތީ ހިންގަވާފައި ދަނިކޮށް އޭނާއަށާއި އޭނާގެ އަނބިކަނބަލުންނަށް އިންޒާރު ދިން މައްސަލައެއް ފުލުހަށް ހުށަހެޅި މައްސަލާގައި މިއަދާ ހަމައަށް އެއްވެސް ފިޔަވަޅެއް އެޅި ކަމަށެވެ.
އެހެން ފާހަގަ ކުރައްވާ މައްސަލަތައް، މަޖިލީހުގެ އިދާރާއަށާއި މަޖިލީހުގެ އިމްތިޔާޒުތަކުގެ ކޮމިޓީއަށް ހުށަހަޅައިގެން ކުރިއަށް ގެންދިޔުމަށް ރިޔާސަތުގައި އިންނެވި ވިލުފުށި ދާއިރާގެ މެންބަރު ހަސަން އަފީފް އެދިވަޑައިގަތެވެ.
މެންދުރުފަހުގެ ދަންފަޅީގައި، މެންބަރު ހަސަން އަފީފު ރިޔާސަތާ ހަވާލުވި ފަހުން ގިނަ މެންބަރުން ގެންދަވަނީ ނިޒާމީ ނުކުތާ ނަންގަވައި އެއް ބޭފުޅަކު އަނެއް ބޭފުޅަކަށް ބަހުގެ ހަމަލާތައް ބަދަލުކުރައްވައި ރައްދު ދެއްވަމުންނެވެ.
Comment