7 ޖޫން 2023 - 11:35 0
ހޭންޑްބޯޅަ އެސޯސިއޭޝަން ޗެމްޕިއަންޝިޕްގެ މެޗެއްގެ ތެެރެއިން ތުޅާދޫ ޔަންގް އީގަލްސް ސްޕޯޓްސްގެ ނޫރާ އަބްދުލް ހަމީދު ބޯޅަ ގޯލަށް ފޮނުވާލަނީ - ފޮޓޯ: އަބްދުﷲ އިޔާން/އަދަދު
7 ޖޫން 2023 - 11:35 0
މިހާރު ކުރިއަށްދާ ހަ ވަނަ ހޭންޑްބޯލް މޯލްޑިވްސް ޗެމްޕިއަންޝިޕްގެ އަންހެން ޑިވިޝަންގެ ސެމީ ފައިނަލުން އޮރިކްސް ހޭންޑްބޯޅަ ކުލަބު، ރެޑްހޯކްސް ސްޕޯޓްސް ކުލަބު، ކީންސް ސްޕޯޓްސް ކުލަބު އަދި ތުޅާދޫ ޔަންގް އީގަލްސް ސްޕޯޓްސް ކުލަބު ޖާގަ ހޯދައިފި އެވެ.
ހޭންޑްބޯލް މޯލްޑިވްސް ޗެމްޕިއަންޝިޕްގެ އަންހެން ބައިގެ ސެމީ ފައިނަލުގައި ވާދަކުރާ ޓީމްތައް ކަށަވަރުވިއިރު ފިރިހެން ބައިގެ ސެމީ ފައިނަލުގައި ވާދަކުރާ ޓީމްތައް ވެސް އިއްޔެ ވަނީ ކަށަވަރުވެފަ އެވެ. ފިރިހެން ބައިގެ ސެމީ ފައިނަލުގައި ވާދަކުރާނީ ޒެފްރޯލް، ފިއުޗާ ސްޕޯޓްސް ކުލަބު އެކަޑެމީ، ދިވެހި ސިފައިންގެ ކުލަބު އަދި ވެލިދޫ ޔުނައިޓެޑެވެ.
އަންހެން ބައިގެ ކުއާޓާ ފައިނަލް ފުރަތަމަ މެޗުގައި އޮރިކްސް ނިކުތީ ޒެފްރޯލްއާ ދެކޮޅަށެވެ. މި މެޗު ޗެމްޕިއަން އޮރިކްސް އިން ކާމިޔާބުކުރީ 26-08 އިންނެވެ. މެޗުގެ މޮޅު ކުޅުންތެރިޔަކީ އޮރިކްސްގެ ފާތިމަތު އަރުޝާ އެވެ.
ސެމީ ފައިނަލް ފުރަތަމަ މެޗުގައި އޮރިކްސް ނިކުންނާނީ ކުއާޓާ ފައިނަލް ދެ ވަނަ މެޗު ކާމިޔާބުކުރި ރެޑްހޯކްސްއާ ދެކޮޅަށެވެ. ރެޑްހޯކްސް ކުއާޓާ ފައިނަލް މެޗު ކާމިޔާބުކުރީ ސުޕަ ޖެެރޭޝަން ސްޕޯޓްސްއާ ވާދަކޮށް 30-21 އިންންވެ. މި މެޗުގެ މޮޅު ކުޅުންތެރިޔަކީ ރެޑްހޯކްސްގެ ޔަޝްފާ އާދަމް އެވެ.
އަންހެން ބައިގެ ސެމީ ފައިނަލް ދެ ވަނަ މެޗުގައި ވާދަކުރާނީ ކީންސް އާއި ތުޅާދޫ އެވެ. ކީންސް ވަނީ ކުއާޓާ ފައިނަލުގައި ދިވެހި ސިފައިން ކުލަބު އަތުން ފަސޭހަ މޮޅެއް ހޯދައިފަ އެވެ. މި މެޗު ކީންސް އިން 41-16 އިން ކާމިޔާބުކުރިއިރު، މެޗުގެ މޮޅު ކުޅުންތެރިއަކީ ކީންސްގެ ހައްވާ ސުލައިމާން އެވެ.
ތުޅާދޫ ޔަންގް އީގަލްސް ސެމީގެ ޖާގަ ޔަގީންކުރީ ކުއާޓާ ފައިނަލުގައި ޕްރޯ ސްޕޯޓްސް އެކަޑެމީ 24-15 އިން ބަލިކޮށްގެންނެވެ. މެޗުގެ މޮޅު ކުޅުންތެރިޔަކީ ތުޅާދޫ ޓީމްގެ ޝިޒްނާ ރަޝީދު އެވެ.
އަންހެން ޑިވިޝަންގެ ސެމީ ފައިނަލް މެޗުތައް ކުޅޭނީ މާދަމާ ރޭ އެވެ. މިރޭ ކުޅޭނީ ފިރިހެން ޑިވިޝަންގެ ސެމީ ފައިނަލް ދެ މެޗެވެ.
ހޭންޑްބޯލް މޯލްޑިވްސް ޗެމްޕިއަންޝިޕްގެ ފިރިހެން ޑިވިޝަންގެ ސެމީ ފައިނަލް ފުރަތަމަ މެޗުގައި ކުލަބު ޒެފްރޯލް ނިކުންނާނީ ވެލިދޫ ޔުނައިޓެޑާ ދެކޮޅަށެވެ. ދެވަނަ މެޗުގައި ދިވެހި ސިފައިންގެ ކުލަބު ނިކުންނާނީ ފިއުޗާ ސްޕޯޓްސް ކުލަބާ ދެކޮޅަށެވެ.
Comment