6 ޖޫން 2023 - 08:37 0
ހޭންޑްބޯޅަ އެސޯސިއޭޝަން ޗެމްޕިއަންޝިޕްގައި ފިއުޗާ ސްޕޯޓްސް ކުލަބު އެކަޑެމީ ވާދަކުރި މެޗެއްގެ ތެރެއިން - ފޮޓޯ: މުހައްމަދު ޝާބިން/އަދަދު
6 ޖޫން 2023 - 08:37 0
ހޭންޑްބޯލް މޯލްޑިވްސް ޗެމްޕިއަންޝިޕްގެ ފިރިހެން ބައިގެ ސެމީ ފައިނަލުން ފިއުުޗާ ސްޕޯޓްސް ކުލަބު އެކަޑެމީ އާއި ވެލިދޫ ޔުނައިޓެޑް ޖާގަ ހޯދައިފި އެވެ.
ހޭންޑްބޯޅަ މުބާރާތުގެ ގްރޫޕް ސްޓޭޖުގެ އެއް މެޗު ފިޔަވައި ހުރިހާ މެޗެއް މިހާރު ނިމިފައިވާއިރު ފިރިހެން ޑިވިޝަންގެ ސެމީ ފައިނަލުގެ ތިން ޖާގަ މިހާރު ވަނީ ޔަގީންވެފަ އެވެ. އެއީ ގްރޫޕް އޭގެ އެއް ވަނަ ހޯދި ޒެފްރޯލް އާއި ދެ ވަނަ ހޯދި ފިއުޗާ ސްޕޯޓްސް އެވެ.
ގްރޫޕް ބީ އިން ސެމީގެ ޖާގަ ޔަގީންކޮށްފައިވަނީ ވެލިދޫ ޔުނައިޓެޑެވެ. ފަހު ޖާގަ އަށް ވާދަކުރަނީ ދިވެހި ސިފައިންގެ ކުލަބާއި ޕޮލިސް ކުލަބެވެ. މި ދެ ޓީމް ވާދަކުރާ މެޗު ކުޅޭނީ މިއަދު ހަވީރު އެވެ. ސެމީގެ ޖާގަ ލިބޭނީ މި މެޗުން މޮޅުވާ ޓީމަކަށެވެ. ސެމީގައި ޓީމްތައް ވާދަކުރާނެ ގޮތް ޔަގީންވާނީ މި މެޗުގެ ނަތީޖާއިންނެވެ.
ގްރޫޕް އޭގެ ދެ ވަނަ ފިއުޗާއިން ހޯދީ ފަހު މެޗުގައި ތުޅާދޫ ޔަންގް އީގަލްސް ސްޕޯޓްސް 40-18 އިން ބަލިކޮށްގެންނެވެ. ގްރޫޕް ސްޓޭޖުގައި އެޓީމް ބަލިވީ ޒެފްރޯލް އަތުންނެވެ. ފިއުޗާ މޮޅުވީ ތުޅާދޫ، ފިއޮންތި ސްޕޯޓްސް ކުލަބު އަދި އައިލެންޑާސް ހޯޕް ސްޕޯޓްސް ކުލަބު އަތުންނެވެ.
ވެލިދޫ ޔުނައިޓެޑް ވަނީ އެ ޓީމްގެ ފަހު މެޗުގައި 36-20 އިން ބޮންތި ސްޕޯޓްސް ކުލަބު ބަލިކޮށްފަ އެވެ. ގްރޫޕް ސްޓޭޖުގައި ވެލިދޫ ބަލިވީ ދިވެހި ސިފައިންގެ ކުލަބު އަތުންނެވެ. އެ ޓީމް މޮޅުވީ ބޮންތި، ޕޮލިސް އަދި ހުޅުމާލެ ސްޕޯޓްސް ކުލަބު އަތުންނެވެ.
ހޭންޑްބޯލް މޯލްޑިވްސް ޗެމްޕިއަންޝިޕްގައި މިއަދު އޮތީ ފިރިހެން ބައިގެ ގްރޫޕް ސްޓޭޖުގެ ފަހު މެޗާއި އަންހެން ޑިވިޝަންގެ ކުއާޓާ ފައިނަލް ހަތަރު މެޗެވެ.
އަންހެން ބައިގެ ކުއާޓާ ފައިނަލް ފުރަތަމަ މެޗުގައި މިއަދު ހަވީރު އޮރިކްސް ނިކުންނާނީ ޒެފްރޯލްއާ ދެކޮޅަށެވެ. ދެވަނަ މެޗުގައި މިރޭ ރެޑްހޯކްސް އާއި ސުޕަ ޖެނެރޭޝަން ކުލަބު ވާދަކުރާއިރު ތިންވަނަ މެޗުގައި ކީންސް ނިކުންނާނީ ދިވެހި ސިފައިންގެ ކުލަބާ ދެކޮޅަށެވެ. ކުއާޓާގެ ފަހު މެޗުގައި ތުޅާދޫ ޔަންގް އީގަލްސް ނިކުންނާނީ ޕްރޯ ސްޕޯޓްސް ކުލަބާ ދެކޮޅަށެވެ.
ހޭންޑްބޯލް މޯލްޑިވްސް ޗެމްޕިއަންޝިޕްގެ ފިރިހެން ބައިގެ ސެމީ ފައިނަލް މެޗުތައް ކުޅޭނީ މާދަމާ އެވެ. އަންހެން ބައިގެ ސެމީ ފައިނަލް މެޗުތައް ބުރާސްފަތި ދުވަހު ކުޅޭއިރު ދެ ޑިވިޝަންގެ ފައިނަލް މެޗު އޮންނާނީ ހޮނިހިރު ދުވަހު އެވެ.
Comment