Advertisement

41 އަހަރުގައި އިބްރަހިމޮވިޗް ފުޓްބޯޅައިން ރިޓަޔާކޮށްފި

5 ޖޫން 2023 - 07:08 0

އިބްރަހިމޮވިޗް ރިޓަޔާކުރަން ނިންމިކަން އިއުލާނުކުރަން ބޭއްވި އިވެންޓްގެ ތެރެއިން.


41 އަހަރުގައި އިބްރަހިމޮވިޗް ފުޓްބޯޅައިން ރިޓަޔާކޮށްފި

5 ޖޫން 2023 - 07:08 0

މިލާން (ޖޫން 5) - އެކާވީސް ވަނަ ގަރުނުގައި ފެނިގެންދިޔަ އެންމެ މޮޅު ފޯވާޑުންގެ ތެރޭގައި ހިމެނޭ ސްވިޑެންގެ ތަރި، ޒަލަޓާން އިބްރަހިމޮވިޗް، އުމުރުން 41 އަހަރުގައި ފުޓްބޯޅައިން ރިޓަޔާކޮށްފި އެވެ.

މަޝްހޫރު ގިނަ ޓީމުތަކަށް ކުޅެފައިވާ އިބްރަހިމޮވިޗް ފުޓްބޯޅަ ކުޅުން ހުއްޓާލަން ނިންމިކަން އިއުލާނުކުރީ ރޭ އިޓާލިއަން ލީގުގައި އޭސީ މިލާނުން 3-1 އިން ވެރޯނާ އަތުން މޮޅުވި މެޗަށް ފަހު ބޭއްވި ހާއްސަ އިވެންޓެއްގެ ތެރެއިންނެވެ.

"މިއީ ފުޓްބޯޅަ އަށް އަލްވަދާއު ކިޔަންވީ ވަގުތު. ހަމައެކަނި ތި ސަޕޯޓަރުންނާ ވަކިވާ ވަގުތަށް ވުރެން ހާއްސަ ވަގުތެއް މިއީ،" އިބްރަހިމޮވިޗް ބުންޏެވެ. "މިއީ އަހަންނަށް ހުރިހާ ގޮތަކުން ބެލިޔަސް ވަރަށް ޖަޒުބާތީ ވަގުތެއް،"

ރޭގެ މެޗުގެ ކުރިން ވެސް އިބްރަހިމޮވިޗް ވަނީ މިލާނާ އެކު ކޮންޓްރެކްޓް އާ ނުކުރާނެކަން އިއުލާނުކޮށްފަ އެވެ. އިބްރަހިމޮވިޗް، ކެރިއަރުގައި ދެ ފަހަރެއްގެ މަތިން ކުޅެފައިވާ މަދު ޓީމުތަކުގެ ތެރޭގައި މިލާން ހިމެނެ އެވެ. އެ ގޮތުން، އިބްރަހިމޮވިޗް، މިލާނަށް ކުޅުނު ދެ ބުރުގައި ވެސް އިޓާލިއަން ލީގު އެ ޓީމަށް ކާމިޔާބު ކޮށްދޭން އެހީވި އެވެ. އެއީ، 2011 ވަަނަ އަހަރާއި 2022 ވަނަ އަހަރު އެވެ.

"މިލާނަށް ފުރަތަމަ ކުޅުނުއިރު، ލިބުނީ ހިތްހަމަޖެހުން، ދެ ވަނަ ފަހަރަށް މި ޓީމަށް އައިސް ކުޅުންއިރު، ތި ސަޕޯޓަރުން ތި ދިން ލޯބި ހަނދާނުން ނުފޮހެވޭނެ،" އިބްރަހިމޮވިޗް ބުންޏެވެ.

ފުޓްބޯޅައިގައި މުސްތަގުބަލާ ބެހޭގޮތުން ނޫސްވެރިން އޭނާއާ ސުވާލުކުރާ ކޮންމެ ފަހަރަކު ވަރަށް ޖެހިލުންވާ އިހުސާސެއް ކުރެވޭ ކަމަށާއި އެކަމަކު، ފުޓްބޯޅަ ކުޅުން ހުއްޓާލަން ނިންމި ހިސާބުން، އެ ބިރު ވެސް ގޮސްފައިވާ ކަމަށް އިބްރަހިމޮވިޗް ވަނީ ބުނެފަ އެވެ.

"އަހަރެން ވަރަށް ދަތުރުކޮށްފިން، ފުޓްބޯޅައިން އަހަންނަށް ވަރަށް ގިނަ ކަންތައްތައް ދަސްވެއްޖެ، އަހަރެން މީހަކަށް ހަދައިދިނީ ފުޓްބޯޅައިން، ފުޓްބޯޅައިގައި އަހަންނަށް ހާސިލްކުރެވުނު ހުރިހާ ކަމެއް ވެސް ހާއްސަ،" މަޝްހޫރު ގިނަ ޓީމުތަކާ އެކު، ކާމިޔާބު ހޯދި އިބްރަހިމޮވިޗް ބުންޏެވެ.

މިލާނުން ރޭ ބޭއްވި އިބްރަހިމޮވިޗަށް ހާއްސަ އިވެންޓްގެ ތެރެއިން.


ގާތްގަނޑަކަށް 24 ވަރަކަށް އަހަރުވީ ސީނިއާ ފުޓްބޯޅަ ކެރިއަރުގައި އިބްރަހިމޮވިޗް ވަނީ ނެދަލެންޑްސް، ސްޕެއިން، އިޓަލީ އަދި ފްރާންސްގައި ލީގު ތަށި ހޯދައިފަ އެވެ. އެކަމަކު، އިބްރަހިމޮވިޗްގެ ކެރިއަރުގައި ޔޫރަޕްގައި ހޯދި ހަމައެކަނި ތަށްޓަކީ 2017 ވަނަ އަހަރު މެންޗެސްޓާ ޔުނައިޓެޑަށް ކުޅެމުން ހޯދި ޔޫރޮޕާ ލީގެވެ.

ސީނިއާ ކްލަބް ކެރިއަރުގައި، އިބްރަހިމޮވިޗް ވަނީ ސްވިޑެންގެ މަލްމޯ، ނެދަލެންޑްސްގެ އަޔަކްސް، އިޓަލީގެ ޔުވެންޓަސް، އޭސީ މިލާން އަދި އިންޓަ މިލާނަށް ކުޅުމުގެ އިތުރުން، ސްޕެއިންގެ ބާސެލޯނާ، ފްރާންސްގެ ޕީއެސްޖީ އަދި އިންގްލެންޑްގެ މެންޗެސްޓާ ޔުނައިޓެޑަށް ކުޅެފަ އެވެ.

މުޅި ކެރިއަރަށް ބަލާއިރު، އިބްރަހިމޮވިޗް ވަނީ 34 ތަށި ހޯދައިފަ އެވެ. އަދި ބެލޮންޑިއޯ އެވޯޑަށް 11 ފަހަރު ނޮމިނޭޓްވި އެވެ.

ސްވިޑެން ގައުމީ ޓީމަށް 2016 ވަނަ އަހަރު ކުޅުން ހުއްޓާލުމަށް ފަހު 2021 ވަނަ އަހަރު އެނބުރި އައިސް، އަންނަ އަހަރުގެ ޔޫރޯގައި ވެސް ކުޅެން އިބްރަހިމޮވިޗް އަޒުމުކަނޑައެޅި އެވެ. އެ މުބާރާތަށް ތައްޔާރުވުމުގެ ގޮތުން އަންނަ ސީޒަނުގައި އިޓަލީގެ މޮންޒާ އިން އިބްރަހިމޮވިޗް ފެނިދާނެ ކަމުގެ ވާހަކަތައް ވެސް ދެކެވުނެވެ. އެކަމަކު، އެ ހުރިހާ ވާހަކަ އަކަށް ނިމުން އައީ އިބްރަހިމޮވިޗް ފުޓްބޯޅައިން ރިޓަޔާމަންޓް އިއުލާނުކުރުމުންނެވެ.