Advertisement

14 އަހަރަށް ފަހު ރެއާލް ދޫކޮށްލަން ބެންޒެމާ ނިންމައިފި

4 ޖޫން 2023 - 15:22 0


14 އަހަރަށް ފަހު ރެއާލް ދޫކޮށްލަން ބެންޒެމާ ނިންމައިފި

4 ޖޫން 2023 - 15:22 0

މެޑްރިޑް (ޖޫން 4) - ރެއާލް މެޑްރިޑްގެ ކެޕްޓަން، ކަރިމް ބެންޒެމާ، 14 އަހަަރަށް ފަހު އެ ކްލަބް ދޫކޮށްލަން ނިންމާފައިވާ ކަމަށް އެ ޓީމުން ހާމަކޮށްފި އެވެ.

ލިޔޯން ދޫކޮށް، 33 މިލިއަން ޑޮލަރުގެ ފީ އަކަށް، 2009 ވަނަ އަހަރު، ރެއާލަށް ބަދަލުވި ބެންޒެމާ، 35، ހޯދަން ސައުދީ އަަރަބިއްޔާގެ ޓީމަކުން 400 މިލިއަން ޑޮލަރު ހުށަހަޅާފައިވާ ކަމަށް ފާއިތުވި ދުވަސްތަކުގައި މީޑިއާ އިން ވަނީ ރިޕޯޓްކޮށްފަ އެވެ. އެކަމަކު، ސްޕެއިނުގެ ނޫސް، މާކާގެ އިވެންޓެއްގައި ވާހަކަ ދައްކަމުން ބެންޒެމާ ވަނީ އިންޓަނެޓް ތެރޭގައި ދެކެވެނީ ހަގީގަތެއް ނެތް ވާހަކަތަކެއް ކަމަށް ބުނެފަ އެވެ.

ބެންޒެމާ ދެން ބަދަލުވާނީ ސައުދީ އަރަބިއްޔާގެ ޕްރޯ ލީގުގެ ގަދަބާރު އަލް އިއްތިހާދަށް ކަމަށް ގިނަ މީޑިއާތަކުން ވަނީ ރިޕޯޓްކޮށްފަ އެވެ. އަދި އަންނަ ހަފްތާގައި ބެންޒެމާ ސައުދީ އަރަބިއްޔާ އަށް ގޮސް އެ ޑީލްގެ ކަންކަން ނިންމާނެ ކަމަށެެވެ.

ރެއާލްގައި ހޭދަކުރި 14 އަހަރު ތެރޭ ބެންޒެމާ ވަނީ އެ ޓީމަށް ކުޅެދިން 647 މެޗުން 353 ގޯލު ޖަހައިފަ އެވެ.

ބެންޒެމާ ވަނީ ރެއާލަށް ކުޅުނުއިރު ޖުމްލަ އެކު، 24 ތަށި އުފުލާލައިފަ އެވެ. އޭގެ ތެރޭގައި ފަސް ފަހަރު ޗެމްޕިއަންސް ލީގު ކާމިޔާބު ކުރުން ހިމެނެ އެވެ.

ބެންޒެމާ، ރެއާލް ދޫކޮށްލަން ނިންމިކަން އިއުލާނުކުރަން އެ ކްލަބުން ނެރުނު ބަޔާނުގައި ބުނެފައިވަނީ ބެންޒެމާ އަކީ އެ ކްލަބްގައި ލީޑަޝިޕާއި އެެހެނިހެން ގޮތްގޮތުން ނަމޫނާ ދެއްކި ކުޅުންތެރިއެއް ކަމަށެވެ. އަދި އެ ކްލަބްގެ ތާރީހުން ބެންޒެމާ އަށް ހާއްސަ ޖާގައެއް އަބަދުވެސް އޮންނާނެ ކަމަށް ރެއާލްގެ ބަޔާނުގައިވެ އެވެ.

ބެންޒެމާގެ އިތުރުން، މާކޯ އަސެންސިއޯ ވެސް ރެއާލް ދޫކޮށްލާނެ ކަމަށް އެ ކްލަބުން ވަނީ އިއުލާނުކޮށްފަ އެވެ. އެ ގޮތުން، އަސެންސިއޯ ވަނީ ޕީއެސްޖީ އަށް ހިލޭ ޓްރާންސްފާއެއްގައި ބަދަލުވާން ނިންމައިފަ އެވެ. މީގެ އިތުރުން ރެއާލުން ވަނީ އެ ޓީމަށް ކުޅެމުން އަންނަ ބެލްޖިއަމްގެ އެޑެން ހަޒާޑްގެ ކޮންޓްރެކްޓް އުވާލަން ނިންމައިފަ އެވެ.

ރެއާލުން ބެންޒެމާގެ ބަދަލުގައި ގެންނާނެ ކަމަށް ބެލެވެނީ ޓޮޓެންހަމް ހޮޓްސްޕާސްގެ ފޯވާޑް ހެރީ ކޭން ކަމަށް މީޑިއާ ރިޕޯޓްތައް ބުނެ އެވެ. އެކަމަކު، ރެއާލްގެ އެއްވެސް އޮފިޝަލަކު އެކަމާ ބެހޭގޮތުން އަދި މީޑިއާގައި ވާހަކަ ދައްކާފައިނުވެ އެވެ.