Advertisement

ގާސިމްގެ އިލްތިމާސްއާ ދެކޮޅު ހަދައި އަލީ ހުސެއިން ޖަލްސާގައި

3 ޖޫން 2023 - 00:40 0

މުހައްމަދު ޝަހްޒާން

މުހައްމަދު ޝަހްޒާން

މިރޭގެ ޖަލްސާގައި އަލީ ހުސެއިން ވާހަކަދައްކަވަނީ -- ފޮޓޯ: މުހައްމަދު ޝާބިން / އަދަދު


ގާސިމްގެ އިލްތިމާސްއާ ދެކޮޅު ހަދައި އަލީ ހުސެއިން ޖަލްސާގައި

3 ޖޫން 2023 - 00:40 0

ރާއްޖޭގެ މަސްކަނޑުން ބައެއް ވިއްކާލާފައިވާ ކަމަށް ބުނެ އިދިކޮޅު ޕީޕީއެމުން އިސްވެ ބޭއްވި ޖަލްސާގައި ބައިވެރިނުވުމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު، ގާސިމް އިބްރާހިމް އިލްތިމާސްކޮށްފައި އޮއްވައި ކެންދޫ ދާއިރާގެ މެންބަރު، އަލީ ހުސެއިން އެ ހަރަކާތުގައި ބައިވެރިވެވަޑައިގެން ވާހަކަދައްކަވައިފި އެވެ.

ސަރުކާރަށް ސީރިއަސް ތުހުމަތުތަކެއްކޮށް ބޭއްވި އެ ޖަލްސާގައި ބައިވެރި ނުވުމަށް މިއަހަރުގެ ރިޔާސީ އިންތިހާބުގައި ވެސް ވާދަކުރެވުމަށް ނިންމަވާފައިވާ ގާސިމް އިބްރާހިމް އިލްތިމާސް ކުރެއްވީ މިއަދު ވީޓީވީއަށް ދެއްވި ހާއްސަ އިންޓަވިއުއެއްގަ އެވެ.

އެ އިންޓަވިއުގައި ގާސިމް ވިދާޅުވީ ރާއްޖޭގެ އިން ކަނޑައެޅުމާ ގުޅުވައި މިރޭ ބޭއްވި ޖަލްސާއިން ރަނގަޅު ނަތީޖާއެއް ނިކުންނާނެ ކަމަށް ގަބޫލު ނުކުރައްވާ ކަމަށާއި ޖަލްސާގެ ސަބަބުން ހުރިހާ ގެއްލުމެއް ލިބޭނީ ޖުމްހޫރީ ޕާޓީއަށް ކަމަށެވެ.

ނަމަވެސް އެ އިލްތިމާސްއަށް ބެލުމެއް ނެތި އަލީ ހުސެއިން ވަނީ މިރޭގެ ޖަލްސާގައި ވާހަކަދައްކަވައި ސަރުކާރަށް ފާޑުވެސް ވިދާޅުވެފަ އެވެ. މިރޭގެ ޖަލްސާގައި ވާހަކަދައްކަވަމުން އޭނާ ވިދާޅުވީ އެތަނަށް ވަޑައިގަތުމުން ވަރަށް ގިނަ ބައެއްގެ ހިތުގައި އޭނާ އެކަނި އެތަނަށް ވަޑައިގަތީ ކީއްވެތޯ ސުވާލު އުފެދޭނެ ކަމަށާއި އޭނާ އެ ހަރަކާތުގައި ބައިވެރިވީ އެކަނި ނޫން ކަމަށެވެ.

"ނޫން، އަޅުގަނޑު މިހުރީ އެކަނި މާއެކަންޏެއް ނޫން، އަޅުގަނޑާ އެކުގައި މިއަދު މިތިއްބެވީ ދިވެހި ރައްޔިތުން، އަޅުގަނޑާ އެކުގައި، އަޅުގަނޑުމެންނާ އެކުގައި މި މަސައްކަތުގައި ބައިވެރިވާން ތިބި ދިވެހި ރައްޔިތުންނެއް މަދެއް ނޫން،" ޖުމްހޫރީ ޕާޓީގެ ނިންމުމަށް ފާޑު ވިދާޅުވާ ފަދަ މޭރުމަކުން އޭނާ ވިދާޅުވި އެވެ.

އަލީ ހުސެއިން ވިދާޅުވީ މަގުމަތިން ދިމާވާ މީހުން ދައްކާ ވާހަކަައިން އުންމީދު ލިބޭ ކަމަށާއި އެ ޖަލްސާއަށް ވަޑައިގެންނެވީ ވެސް ހަމަ ވަރަށް އުއްމީދުގައި ކަމަށެވެ.

"ކޮން ސިއްރެއް ތޯ؟ ގުދުރަތުގެ އެ ސިއްރަކީ ސިޔާސީ ގޮތުން ކޮންމެ ތަނަކު ތިއްބަސް، ކޮންމެ ފިކުރެއްގައި ތިއްބަސް، ކޮންމެ ހިޔާލެއް އޮތް ނަމަވެސް ގައުމާ ޖެހުނީމާ، ގައުމުގެ މިނިވަންކަމާ ޖެހުނީމާ ގައުމަށްޓަކައި، ގައުމުގެ ހައްގަށްޓަކައި އަދިވެސް ނިކުންނާނޭ، ދެން ވެސް ނިކުންނާނޭ،" އޭނާ އެ ހަރަކާތުގައި ބައިވެރިވި ސަބަބު ބަޔާންކޮށްދެއްވަމުން ވިދާޅުވި އެވެ.

މިރޭގެ ޖަލްސާގައި އެމްއެންޕީއާއި ޕީޕީއެމް/ޕީއެންސީ އަދި އެމްޑީޕީން އަމިއްލައަށް ވަކިވެ، އާ ޕާޓީއެއް އުފެއްދުމަށް މަސައްކަތް ކުރަމުންދާ ނަޝީދުގެ ސަޕޯޓަރުން ވެސް ބައިވެރިވެލެއްވި އެވެ. އޭގެއިތުރުން ރިޔާސީ އިންތިހާބުގައި ވާދަކުރައްވާނެކަން އިއުލާނު ކުރައްވާފައިވާ ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރުއާއި ދަގެނތި ދާއިރާގެ މެންބަރު މުހައްމަދު ނާޒިމްގެ އިތުރުން ކުރީގެ ބަންޑާރަ ނައިބު، ޑރ. މުނައްވަރު ވެސް ބައިވެރިވެލެއްވި އެވެ.

މިރޭގެ ޖަލްސާގައި ގިނައިން ބައިވެރިވީ އިދިކޮޅު ޕީޕީއެމް/ޕީއެންސީގެ މެންބަރުންނެވެ. އެ ޖަލްސާގައި ވަނީ "އިންޑިއާ އައުޓް" ޖަހާފައިވާ ބެނާއެއް ވެސް ދަމާފަ އެވެ.