Advertisement

އަލިފާނުގައި ފިއްލަދޫ ގެއެއް ބިމާ ހަމަ, ހަތް މީހުން ވަގުތީ ހިޔާއަށް

1 ޖޫން 2023 - 13:23 0

ނިމާ ހަސަން

ނިމާ ހަސަން

ފިއްލަދޫ ހިތަށްފިނިވާގޭގައި ހިނގި އަލިފާނުގެ ހާދިސާގައި އެގެ, ބިމާ ހަމަވެފައި; އެގޭގައި ދިރިއުޅޭ 7 މީހުންނަށް ވަނީ ވަގުތީ ހިޔާ ފޯރުކޮށްދީފައި.


އަލިފާނުގައި ފިއްލަދޫ ގެއެއް ބިމާ ހަމަ, ހަތް މީހުން ވަގުތީ ހިޔާއަށް

1 ޖޫން 2023 - 13:23 0

ރޭ މެންދަމު ހއ. ފިއްލަދޫގައި ހިނގި އަލިފާނުގެ ހާދިސާއެއްގައި, އެރަށު ހިތަށްފިނިވާގޭގައި ދިރިނޫޅޭވަރަށް ގެއްލުން ލިބިއްޖެ އެވެ.

ހިތަށްފިނިވާގޭގައި ހިނގި އަލިފާނުގެ ހާދިސާއާ ބެހޭގޮތުން ފިއްލަދޫ ކައުންސިލުގެ ރައީސް ފަތުހުالله ހަސަން 'އަދަދު' އަށް ވިދާޅުވީ, އެ ހާދިސާ ހިނގީ ރޭ މެންދަމު 1:00 ހާއިރު އެގޭ މީހުން ނިދާފައި ތިއްބާ ކަމަށެވެ. އަދި, އަލިފާން ރޯވި ކަމަށް ބެލެވެނީ ކަރަންޓު ޝޯޓަކުން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ފަތުހުالله ވިދާޅުވީ ހިތަށްފިނިވާގޭގައި ރޯވި އަލިފާން ނިއްވާލީ ކައުންސިލާއި ރަށުގެ ރައްޔިތުން ގުޅިގެން ކުރި މަސައްކަތުން އަލިފާން ރޯވިތާ ދެ ގަޑިއިރެއްހާއިރު ފަހުންނެވެ.

"އިރާދަކުރެއްވިއްޔާ އެއްވެސް މީހަކަށް އަނިޔާއެއް ނުވޭ. އަނިޔާއެއް ނުވެ ހުރިހާ އެންމެން ވެސް ގެއިން ބޭރަށް ނެރެވުނު," ފަތުހުالله ވިދާޅުވި އެވެ.

އަލިފާނުގެ ހާދިސާގައި ހިތަށްފިނިވާގާއި ދިރިނޫޅެވޭ ވަރަށް އަނދާފައި ވާއިރު, އެގޭ ތެރޭގައި ތިބި ހުރިހާ ތަކެއްޗެއް ވަނީ ހަލާކުވެ ގޮސްފަ އެވެ. އެގޮތުން އެގޭގެ މީހުންގެ އައިޑީކާޑާއި ޕާސްޕޯޓާއި, ކޭޝް ކާޑު އަދި ކުދިންގެ ވެކްސިން ކާޑާއި ސްކޫލަށް ގެންދާތަކެތި ވެސް ވަނީ ހަލާކުވެފަ އެވެ. އެގޭގެ ފާރުވެސް ވަނީ ވެއްޓިފަ އެވެ.

ފިއްލަދޫ ހިތަށްފިނިވާގޭގައި އަލިފާން ރޯވެފައި; އެގެ ވަނީ ބޭނުން ނުކުރެވޭ ވަރަށް އަނދައި, ބިމާ ހަމަވެފައި


ހިތަށްފިނިވާގޭގައި ދިރިއުޅެނީ އުމުރުން ދުވަސްވީ ދެމަފިރިންނާއި, ދެ އަންހެނުންނާއި, ތިން ކުޑަކުދިންނެވެ. އޭގެ ތެރެއިން އެއް އަންހެނަކީ ޖަޕާނަށް ނިސްބަތްވާ މީހެކެވެ. 7 މީހުންގެ މި އާއިލާއަށް މިހާރު ވަނީ ފިއްލަދޫ ގެއަކުން ވަގުތީ ހިޔާ ހަމަޖައްސާފަ އެވެ.

ފަތުހުالله ވިދާޅުވީ އަލިފާނުގެ ހާދިސާގައި އެގެއަށް ލިބުނު ގެއްލުން ވަޒަން ކުރުމަށާއި, އާއިލާއަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުމަށް ނެޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީއާ ގުޅިގެން މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. އަދި އެގެ ސާފު ކުރުމުގެ މަސައްކަތް މިއަދު ހަވީރު ކުރުމަށް ހަމަޖެހިފައިވާ ކަމަށް ވެސް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ, މި ހާދިސާއާ ގުޅިގެން ކައުންސިލުން ބޭއްވި ކުއްލި ބައްދަލުވުމުގައި ހާއްދަ ޓާސްކްފޯހެއް އުފައްދާ, ހާލުގަިއ ޖެހުނު އާއިލާއަށް ބޭނުންވާ ގާނޫނީ ލިޔެކިއުންތައް އަލުން ހެއްދުމުގެ މަސައްކަތް ފަށާފައިވާ ކަމަށެވެ. އަދި އެ އާއިލާއަށް އެހީތެރިވުމަށް ފަންޑެއް ހުޅުވުމަށް ނިންމާފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.