30 މޭ 2023 - 19:52 1
ހަސަން މުހައްމަދު
ކުރީގެ ރައީސް މައުމޫން: ގިނަ ބަޔަކު ބުނީ އެމަނިކުފާނުގެ ވެރިކަމުގައި ކުރީގެ ރައީސް ނާސިރަށް އެފަދަ ނަން ނަމުން ގޮވަން ހިތްވަރު ދެއްވި ކަމަށް -- ފޮޓޯ: ރައީސް އޮފީސް
30 މޭ 2023 - 19:52 1
ހުތުރު ނަން ނަމުން މީހުންނާ މުހާތަބު ކުރުން ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ކުށްވެރި ކުރެއްވުމުން، އެމަނިކުފާނުގެ ވެރިކަމުގައި ރައީސް އިބްރާހިމް ނާސިރަށް އަމާޒުކޮށް ދަށު ދަރަޖައިގެ ލަވަ ހެދުމުގެ ފުރުސަތު ފަހިކޮށްދެއްވި ކަމަށް ބުނެެ، އާންމުންގެ ފާޑުކިޔުން މައުމޫނަށް އަމާޒުވެއްޖެ އެވެ.
ވެރިކަން ކުރައްވާ ބޭފުޅުންނަށް ހުތުރު ނުވަތަ ބޭ އަދަބީ ނަން ނަމުން މުހާތަބު ކުރުމާމެދު ބަހުސެއް ފެށުނީ ޗެނަލް-13 ގެ މައްސަލައެއް މަޖިލީހަށް ވެއްދުމުން މީޑިއާގެ މިނިވަންކަމާމެދު ބަހުސް ކުރުމުގެ ތެރެއިންނެވެ. އެ ވާހަކަ ބޮޑަށް ފެތުރުނީ އެފަދަ ނަން ނަމުން މުހާތަބު ކުރުމަކީ މައްސަލައެއް ނޫން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވުމުންނެވެ.
"މުއުމިނުން އެއް ބަޔަކު އަނެއް ބަޔަކަށް ހުތުރު ލަޤަބުތަކުން ގޮވުން މާތް ﷲ ވަނީ ނަހީ ކުރައްވާފައި . އަލް ހުޖުރާތު ސޫރަތުގެ 11 ވަނަ އާޔަތް ބައްލަވާ،" އެ ބަހުސްގެ ތެރެއަށް ވަންނަވަމުން، ނޮވެމްބަރު، 1978 އިން ނޮވެމްބަރު، 2008، އާ ހަމައަށް ރާއްޖޭގައި ވެރިކަން ކުރެއްވި މައުމޫން ވިދާޅުވި އެވެ.
ސޯޝަލް މީޑިއާ ޕްލެޓްފޯމް ޓުވިޓާގައި މައުމޫން އެހެން ވިދާޅުވުމާއެކު ކުރީގެ ރައީސް ނާސިރަށް މައުމޫނުގެ ވެރިކަމުގައި ލަވަ ހަދައި ކާޓުނު ކުރެހި ވާހަކަ ހަނދާންކޮށް، ހުތުރު ނަން ނަމުން މީހުންނާ މުހާތަބު ކުރުމުން މައުމޫން އިސްތިސްނާ ނުވާ ގިނަ ބަޔަކު ބުންޏެވެ.
މަނިކްފާން ރައީސް ނާސިރަށް ގޮވިހާ އަވަގުރާން ހަދާން ނެތުމަކީ ދެރަވަރު ކަމެއް،" އެކަކު ބުނެފައިވެ އެވެ.
ޓުވިޓާގައި ހިޔާލުފާޅު ކުރި އެހެން މީހަކު ބުނީ، ރައީސް ނާސިރަށް ލަވަ ހެދުމުގެ ފުރުސަތު ދެއްވުމަށްފަހު މިއަދު އެފަދަ ކަންކަން ކުށްވެރި ކުރުމުން މައުމޫނުގެ ބަހާއި އަމަލު ދިމާނުވާ ކަމަށެވެ.
"މަނިކުފާނުގެ ޒައާމަތުގައި ރ އިބްރާހިމް ނާސިރަށް ހުތުރުކަން ބޮޑު ލަގަބުތްކަކުން ލަވަވެސް ހަދާ ކިޔާފަ އެބަހުރި. އެކަންތައް ހުއްޓުވަން އެއްވެސް މަސައްކަތެއް ނުކުރޭ. ބަހާ އަމަލު ދިމަލެއް ނުވޭ،" އޭނާ ބުނެފައިވެ އެވެ.
މިއަދު މެންދުރު 2:40 ގައި މައުމޫން ކުރެއްވި ޓުވީޓު 13،000 އަށް ވުރެ ގިނަ މީހުންނަށް ފެނިފައިވާއިރު 50 އަށް ވުރެ ގިނަ މީހުން އެ ޕޯސްޓަށް ކޮމެންޓުކޮށްފައިވެ އެވެ. އޭގެ ތެރެއިން ވަރަށް ގިނަ މީހުން ވަނީ މައުމޫނަށް ފާޑުކިޔައިފަ އެވެ.
ރައީސް ނާސިރަށް އަމާޒުކޮށް ލަވަ ހަދަން ފެށީ މައުމޫނުގެ ވެރިކަމުގެ ކުރީކޮޅު ބަގާވަތެއް ގެންނަން އުޅޭކަމުގެ އަޑު ފެތުރުމުން އެއަށްފަހެވެ. ބޭރުގެ ބަޔަކާ ގުޅިގެން ބަޔަކު ބަގާވާތެއް ކުރަން އުޅުނު ކަމަށް މައުމޫނު ބޭރުގެ ބައެއް ނޫސްތަކަށް ދެއްވި އިންޓަވިއުތަކުގައި ވިދާޅުވި އެވެ. އޭގެ ފަހުން، ރައީސް ނާސިރަށް ހެދި ދަށު ދަރަޖައިގެ ލަވަތައް ގައުމީ ރޭޑިއޯ ދިވެހިރާއްޖޭގެ އަޑުން ވެސް ފޮނުވި އެވެ. އަދި އެއިރު ނެރުނު ބައެއް ނޫސްތަކުގައި ނާސިރުގެ ކާޓޫނު ވެސް ޖެހި އެވެ.
ރައީސުންނަށް އަމާޒުކޮށް ކިޔާ ވަނަންތަކާ ގުޅޭ ގޮތުން އިއްޔެ ބަހުސް ކުރައްވަމުން ކުރީގެ ރައީސް ނަޝީދު ވިދާޅުވީ ވަކި ނަމަކުން ގޮވައިގެން މާ ބޮޑަށް ރުޅި އަންނަ ނަމަ އެއީ ޑިމޮކްރެޓިކް ގޮތެއް ނޫން ކަމަށެވެ.
"އަޅުގަނޑު ވެސް ހަނދާންކޮށްދޭނަން އިއްޒަތްތެރި މެމްބަރުންނަށް، ކުރީގެ ރައީސް އިބްރާހީމް ނާސިރަށް ކަރުކުރު ބައިސާ، ކުރީގެ ރައީސް މައުމޫނު އަބްދުލް ގައްޔޫމަށް ގޮޅާބޯ، ކުރީގެ ރައީސް މުހައްމަދު ނަޝީދަށް ގަންޖާބޯ، ކުރީގެ ރައީސް ވަހީދަށް ބާގީ ވަހީދު، ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް ރާގޮނޑި ރާޖާ، މި ނަންތައް އަޅުގަނޑުމެން ވަނީ މި މަޖިލީހުގަޔާ އަދި އެހެން ތަންތަނުގައި އެކި ގޮތް ގޮތަށް ކިޔާފައި،" ނަޝީދު ވިދާޅުވި އެވެ.
Comment