Advertisement

ކުނި މެނޭޖު ކުރަން ލަންދޫއަށް ގެނައި ޕިކަޕުގައި ރޯވެ އެނދި މައްސަލަ ތަހުގީގު ކުރަނީ

30 މޭ 2023 - 17:39 1

ނަޖާހު މަސްއޫދު

ނަޖާހު މަސްއޫދު

ލަންދޫ ކައުންސިލުން ކުނި މެނޭޖު ކުރަން ގެނައި ޕިކަޕުގައި ރޯވަމުންދަނީ: އެ މައްސަލަ ފުލުހުން ދަނީ ތަހުގީގު ކުރަމުން


ކުނި މެނޭޖު ކުރަން ލަންދޫއަށް ގެނައި ޕިކަޕުގައި ރޯވެ އެނދި މައްސަލަ ތަހުގީގު ކުރަނީ

30 މޭ 2023 - 17:39 1

ނ. ލަންދޫ ކައުންސިލުން ކުނި މެނޭޖު ކުރަން ގެނައި ޕިކަޕުގައި، ރޭ ފަތިހު އަލިފާން ރޯވެ އެ ޕިކަޕު ބޭނުންނުކުރެވޭ ވަރަށް އަނދައި ހަލާކުވި މައްސަލަ ތަހުގީގު ކުރަމުންދާ ކަމަށް ފުލުހުން ބުނެފި އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލަކު ބުނީ، ލަންދޫ ކައުންސިލުގެ ޕިކަޕެއްގައި ރޯކޮށްލި މައްސަލަ ފުލުހުންނަށް ހުށަހަޅާފައި ވަނީ ރޭ ފަތިހު 4:22 ހާއިރު ކަމަށެވެ. އަދި އެ މައްސަލަ ތަހުގީގު ކުރަމުންދާ ކަމަށް ފުލުހުން ބުންޏެވެ.

ޕިކަޕުގައި ބަޔަކު ރޯކޮށްލީ ކަމަށް ފުލުހުންނަށް ރިޕޯޓުކޮށްފައިވާ ނަމަވެސް، އަދި އެކަން ކަށަވަރެއް ނުވެ އެވެ. ފުލުހުން ބުނި ގޮތުގައި، އެ މައްސަލައާ ގުޅިގެން މިހާތަނަށް މީހަކު ހައްޔަރުކޮށްފައި ނުވެ އެވެ.

ލަންދޫ ކައުންސިލުގެ ރައީސް އަބްދުލް އަޒީޒް މުހައްމަދު ވެސް ވިދާޅުވީ، ކުނި އުފުލަން ގެނައި އެ ޕިކަޕުގައި ބަޔަކު ރޯކޮށްލީ ކަމެއް ނުވަތަ ރޯވީ ކަމެއް އަދި ބުނަން ނޭނގޭ ކަމަށެވެ.

އެހެންނަމަވެސް، އޭނާ ވިދާޅުވީ، ރަށު ކައުންސިލުގެ އިދާރާއާ މާ ދުރުނޫން ތަނެއްގައި ޕިކަޕު ބަހައްޓާފައި ހުރީ އަލިފާން ރޯވާ ޒާތުގެ އެއްޗެއް ނެތް އަދި ކަރަންޓު ވަޔަރު ވެސް ނާޅާ ހުރި ވަށާ ފާރު ނެތް ފަޅު ތަނެއްގައި ކަމަށެވެ.

ލަންދޫ ކައުންސިލުން ކުނި މެނޭޖު ކުރަން ގެނައި ޕިކަޕުގައި ރޯވެ ބޭނުން ނުކުރެވޭ ވަރަށް އަނދާފައި


އޭނާ ވިދާޅުވި ގޮތުގައި، އެ ޕިކަޕަކީ ތިމާވެއްޓާ ބެހޭ މިނިސްޓްރީ އާއި ރަށު ކައުންސިލުން ހަރަދުކޮށްގެން ގެނައި 486،000ރ. ގެ އަގުހުރި ޕިކަޕެކެވެ.

އެ ޕިކަޕުގައި ރޯވެ ބޭނުން ނުކުރެވޭ ވަރަށް އެނދި އިރު ޕިކަޕު އަލަށް ވެސް ބޭނުން ކުރަން ނުފަށަ އެވެ. އެ ޕިކަޕު ރަށަށް ގެނައިތާ އަދި ދެ މަސް ވެސް ނުވާއިރު ބޭނުންނުކޮށް އޮތީ ރަޖިސްޓްރޭޝަންގެ ކަންކަން ފުރިހަމަ ނުވެގެންނެވެ.