29 މޭ 2023 - 19:15 0
ޭރޭ ގައުމީ ޓީމުތަކުގެ ކުޅުންތެރިންނާ އެކު ޔޫތު މިނިސްޓަރު މަހުލޫފް ބޭއްވި ބައްދަލުކުރެއްވުމުގެ ތެރެއިން.--- ފޮޓޯ: ރާއިފް ޔޫސުފް/ ޔޫތު މިނިސްޓްރީ މީޑިއާ
29 މޭ 2023 - 19:15 0
ރާއްޖޭގެ ގައުމީ ޓީމުތަކަށް މިހާރު ފަހިވާ ފުރުސަތުތަކުގެ ބޭނުންހިފައި، ކޮންމެ މުބާރާތެއްގައި ވެސް ކުރެވުނު މަސައްކަތެއް ކޮށްގެން މެޑަލް ހޯދަން ހުރިހާ ކަމެއް ކުރުމަށް ޔޫތު މިނިސްޓަރު އަހުމަދު މަހުލޫފް ހިތްވަރު ދެއްވައިފި އެވެ.
އެ ގޮތުން، ދިވެހިންގެ ގިނަ ބަޔެއްގެ ހިތްގުޅިފައިވާ ކުޅިވަރެއް ކަމަށްވާ ފުޓްބޯޅައިގެ ފޯރި އާއި ޖޯޝު ގެނައުމަށް އަންނަ މަހު ބާއްވާ ސާފް ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތުން މެޑަލް ހޯދުން މުހިންމު ކަމަށް މަހުލޫފު ވަނީ ވިދާޅުވެފަ އެެވެ. މިނިސްޓަރު މި ގޮތަށް ވާހަކަދެއްކެވީ ގައުމީ ޓީމްތަކާ އެކު ރޭ ބައްދަލުކުރައްވައި ދެއްކެވި ވާހަކައިގަ އެވެ.
ޒުވާނުންގެ މަރުކަޒުގައި ރޭ ކުރިއަށްދިޔަ ބައްދަލުކުރެއްވުމުގައި މި މަހު އައިއެޗްއެފް ޓްރޮފީގެ ދެކުނު/ސެންޓްރަލް އޭޝިއާ ޒޯނުގައި ވާދަކޮށް ލޯ މެޑަލް ހޯދި 17 އަހަރުން ދަށުގެ އަންހެން ހޭންޑްބޯޅަ ޓީމާއި، 19 އަހަރުން ދަށުގެ އަންހެން ހޭޑްބޯޅަ ޓީމާއި، ސައުތު އޭޝިއަން ޖޫނިއާ އެންޑް ކެޑޭޓް ޓޭބަލް ޓެނިސް މުބާރާތުން ރާއްޖެއަށް އަށް މެޑަލް ހޯދައިދިން ގައުމީ ޖޫނިއާ ޓީމުގެ އިތުރުން މިއަދު ނޭޕާލްގައި ނިމުނު ސެންޓްރަލް އޭޝިއަން ވޮލީބޯލް އެސޯސިއޭޝަން (ކާވާ) ވިމެންސް ޗެލެންޖް ކަޕްގައި ވާދަކުރި ޤައުމީ އަންހެން ވޮލީބޯޅަ ޓީމާވެސް މިނިސްޓަރު ބައްދަލުކުރެއްވި އެވެ.
މި ޓީމްތަކާ ބައްދަލުކުރައްވައި އެ ޓީމްތަކުން ހޯދި ކާމިޔާބީތައް ފާހަގަކުރައްވައި ހިތްވަރުދެއްވިއިރު، އަންނަ މަހު އޮންނަ ދެ މުބާރާތް ކަމަށްވާ ސާފް ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތާއި މާލޭގައި އޮންނަ ފައިވް ނޭޝަންސް ކަޕްގައި ވާދަކުރާ ދެ ޓީމަށް ވެސް ހިތްވަރު ދެއްވި އެވެ.
އެ ގޮތުން މިނިސްޓަރު މަހުލޫފު ވަނީ ސާފް ޗެމްޕިއަންޝިޕްގައި ވާދަކުރާ ގައުމީ ފުޓްބޯޅަ ޓީމުން އެ މުބާރާތުގައި ކާމިޔާބީ ހޯދުމަށް ހިތްވަރާ އެކު މަސައްކަތް ކުރުމަށް ގޮވާލައްވައިފަ އެވެ. ގައުމީ ފުޓްބޯޅަ ޓީމުން މި ދަނޑިވަޅުގައި ހޯދާ މެޑަލަކީ ފުޓްބޯޅަ ފޯރި އާއި ޖޯޝު ގެނައުމަށް އެޅޭނެ ބާރެއްކަމަށް މަހުލޫފު ވިދާޅުވި އެވެ.
"ފުޓްބޯޅައިގެ ފޯރި ގެނައުމަށް އެ ޖޯޝު ގެނައުމަށް ގައުމީ ޓީމުން އެބަ ޖެހޭ ވަރަށް ބޮޑު އެފަޓެއް ލާން. އެހެންވީމަ ދޭތިން އެކައްޗަށް އެ ދާގޮތަށްގޮސް މިފަހަރު އެބަޖެހޭ މެޑަލް ހޯދަން. ފުޓްބޯޅަ ޓީމް ޖަޕާނަށް ތިކުރާ ދަތުރަށްފަހު އަޅުގަނޑުމެންނަށް މެޑަލްއެއް ގެނެސްދިނުމަކީ އަޅުގަނޑުމެންގެ ވަރަށް ބޮޑު އެދުމެއް." މަހުލޫފު ވިދާޅުވި އެވެ.
މިނިސްޓަރު މަހުލޫފު ވިދާޅުވީ ފުޓްބޯޅަ ކުރިއެރުވުމަށް ކުރެވޭ އެންމެ ބޮޑު އެއް މަސައްކަތަކީ ރާއްޖޭގެ އެކި ހިސާބުތަކުގައި އަޅަމުން އަންނަ ފުޓްބޯޅަ ދަނޑުތައްކަމަށާއި، މިވަގުތު މަސައްކަތްކުރިއަށްދާ ދަނޑުތަކާއިއެކު މިސަރުކާރުން އެޅި ދަނޑުތަކުގެ އަދަދު 120 އަށް އަރާނެކަަމަށެވެ.
"މިއަދު ރާއްޖޭގެ އެއްކޮޅުން އަނެއްކޮޅަށް މަތިން ދަތުރުކުރާއިރު އެންމެ ފުރަތަމަ އަޅައިގަންނާނީ ބޮޑެތި ފުޓްބޯޅަ ދަނޑުތައް. 50 ވަނަ ދަނޑު އިރާދަކުރެއްވިއްޔާ ދެ ތިންމަސް ތެރޭގައި މި ނިންމަނީ. މިހާރު މަސައްކަތްކުރިއަށްދާ ދަނޑުތަކާއެކު 120 އަށްވުރެ ގިނަ ވާނެ. މިކަންކަމަކީ އަޅުގަނޑު ގަބޫލުކުރާ ގޮތުގައި މީގެ ފަސް އަހަރު ހަ އަހަރު ފަހުން އާ ޓެލެންޓްތަކެއް ފެނިގެން އަންނާނެކަމެއް" އޭނާ ވިދާޅުވި އެވެ.
ގައުމީ ފުޓްބޯޅަ ޓީމްގެ އިތުރުން އަންނަ މަހު މާލޭގައި އޮންނަ ފޯ ނޭޝަންސް ކަޕްގައި ވާދަކުރާ ބާސްކެޓްބޯޅަ ޓީމުންވެސް ރަނގަޅު ކާމިޔާބީއެއް ހޯދުމަށް މަސައްކުރުމަށް މިިނިސްޓަަރު ވިދާޅުވި އެވެ.
"މިދިޔަ އަހަރު އަންހެން (ބާސްކެޓް)ޓީމުން ހުރިހާ ސަޕޯޓަރުންގެ ކުރިމަތީގައި ވަރަށް ފޯރީގައި ވަރަށް ޖޯޝުގައި ކުޅުނު. ނިމުނީ ހަމަ ރަނގަޅު ކާމިޔާބަކާއިއެކު ރޮއްވާލާފައި އެންމެން، ފިރިހެން ޓީމްވެސް ހަމަ އެ ޖޯޝުގައި ކުޅެ ކާމިޔާބީ ހޯދާނެކަމަށް އުއްމީދުކުރަނީ." މަހުލޫފު ވިދާޅުވި އެވެ.
މި ސަރުކާރު އައި ފަހުން ރާއްޖޭގައި ވަނީ ގިނަ އަދަދެއްގެ ބައިނަލްއަގުވާމީ މުބާރާތްތަކެއް ހޯސްޓްކޮށްފަ އެވެ.
Comment