28 މޭ 2023 - 12:20 0
ހޭންޑްބޯޅަ އެސޯސިއޭޝަން ޗެމްޕިއަންޝިޕްގައި ފިއުޗާ ސްޕޯޓްސް ކުލަބު އެކަޑެމީ ވާދަކުރި މެޗުގެ ތެރެއިން - ފޮޓޯ: މުހައްމަދު ޝާބިން/އަދަދު
28 މޭ 2023 - 12:20 0
ހޭންޑްބޯލް މޯލްޑިވްސް ޗެމްޕިއަންޝިޕްގެ ފިރިހެން ބައިގެ ސެމީ ފައިނަލުން ކުލަބު ޒެފްރޯލް ޖާގަ ހޯދައިފި އެވެ.
މިދިޔަ މަހުގެ 20 އިން ފެށިގެން އަންނަ މަހުގެ ނުވަ ވަނަ ދުވަހާ ހަމައަށް ކުރިއަށްދާ ހޭންޑްބޯލް މޯލްޑިވްސް ޗެމްޕިއަންޝިޕްގެ ފިރިހެން ޑިވިޝަންގައި ވާދަކުރަނީ 10 ޓީމަކުންނެވެ. 10 ޓީމް ދެ ގްރޫޕަކަށް ބަހާލާފައިވާއިރު ސެމީގެ ޖާގަ ލިބޭނީ ކޮންމެ ގްރޫޕަކުންވެސް ގަދަ ދެ ޓީމަށެވެ.
ގްރޫޕް އޭގައި ޒެފްރޯލް ކުޅުނު ތިން ވަނަ މެޗުގައި ރޭ ވަނީ ފިއުޗާ ސްޕޯޓްސް ކުލަބު އެކަޑެމީ ބަލިކޮށްފަ އެވެ. ވާދަވެރި އަދި ފޯރިގަދަ މި މެޗު ޒެފްރޯލް ކާމިޔާބުކުރީ 31-28 އިންނެވެ. މި މެޗުގެ މޮޅު ކުޅުންތެރިއަކީ ޒެފްރޯލްގެ އަބްދުﷲ ޒިޔާއު އެވެ.
ރޭގެ މޮޅާއިއެކު ޒެފްރޯލް ވަނީ ގްރޫޕުގައި މިހާތަނަށް ކުޅުނު ތިން މެޗު ކާމިޔާބުކޮށް ނުވަ ޕޮއިންޓް ހޯދާފަ އެވެ. މި ގްރޫޕްގެ ދެވަނައިގައި އޮތީ ކުޅުނު ތިން މެޗުގެ ތެރެއިން ދެ މެޗު ކާމިޔާބުކޮށް ހަ ޕޮއިންޓް ހޯދާފައިވާ އައިލެންޑާސް ހޯޕްސް އެވެ.
މިފަހަރުގެ ހޭންޑްބޯލް މޯލްޑިވްސް ޗެމްޕިއަންޝިޕަށް ޒެފްރޯލް ތައްޔާރުވީ ވަރުގަދަކޮށެވެ. އެގޮތުން, ރާއްޖޭގައި މިވަގުތު ތިބި އެންމެ ހުނަރުވެރި ކުޅުންތެރިންގެ ތެރޭގައި ހިމެނޭ އަބްދުﷲ ޒިޔާއު އާއި މުހައްމަދު ފިރުނާޝް އަބްދުﷲ ވަނީ އެޓީމަށް ސޮއިކޮށްފަ އެވެ. ޒެފްރޯލް ގްރޫޕް ސްޓޭޖުގައި ކުޅުނު ފުރަތަމަ މެޗުގައި ތުޅާދޫ ޔަންގް އީގަލްސް ސްޕޯޓްސް އަތުން 39-14 އިން މޮޅުވިއިރު ދެވަނަ މެޗުގައި ފިއޮންތި ސްޕޯޓްސް ކުލަބު އަތުން މޮޅުވީ 38-20 އިންނެވެ.
މުބާރާތުގެ އަންހެން ޑިވިޝަނަށް ބަލާއިރު ދިވެހި ސިފައިންގެ ކުލަބުން ވަނީ ގްރޫޕް އޭ އިން ކުއާޓާ ފައިނަލުގެ ޖާގަ ހޯދާފަ އެވެ. ގްރޫޕް ސްޓޭޖުގައި އެޓީމްގެ ފަހު މެޗުގައި ޕާލްސް އަތުން ސިފައިން މޮޅުވީ 32-10 އިންނެވެ. މި މެޗުގެ މޮޅު ކުޅުންތެރިޔަކީ ސިފައިން ޓީމްގެ އިނާޔާ ނަސީރު އެވެ.
އަންހެން ބައިގެ ގްރޫޕް އޭއިން އޮރިކްސްވެސް ވަނީ ސެމީގެ ޖާގަ ޔަގީންކޮށްފަ އެވެ. އެޓީމަށް ބާކީ އޮތީ އާއި ސްޕޯޓްސް ކުލަބާ ދެކޮޅަށް ކުޅެން ޖެހޭ މެޗެވެ.
އަންހެން ޑިވިޝަންގައި ރޭ ކުޅުނު އަނެއް މެޗުގައި ޒެނިތުން ވަނީ މުބާރާތުގައި އެޓީމްގެ ފުރަތަމަ މޮޅު ހޯދާފަ އެވެ. އެ ޓީމް މޮޅުވީ ޕޮލިސް ކުލަބާ ވާދަކޮށް 20-11 އިންނެވެ. މިމެޗުގެ މޮޅު ކުޅުންތެރިޔަކީ ޒެނިތުގެ މަރިޔަމް ނައިފާ އެވެ.
ޒެނިތު ކުޅުނު ތިން މެޗުގެ ތެރެއިން ފުރަތަމަ ދެ މެޗުގައި ވަނީ ގެލެކްޓިކޯސް އަދި ތުޅާދޫ ޔަންގް އީގަލްސް ސްޕޯޓްސް އަތުން ބަލިވެފަ އެވެ.
މުބާރާތުގައި މިއަދުވެސް ތިން މެޗެއް ކުޅޭނެ އެވެ. ފުރަތަމަ މެޗުގައި ފިރިހެން ޑިވިޝަންގެ ދިވެހި ސިފައިންގެ ކުލަބުން ނިކުންނާނީ ހުޅުމާލެ ސްޕޯޓްސް ކުލަބާ ދެކޮޅަށެވެ. މިރޭ ކުޅޭނީ އަންހެން ޑިވިޝަންގެ ދެ މެޗެވެ. ފުރަތަމަ މެޗުގައި ސުޕަ ޖެނެރޭޝަންސ ކުލަބާއި ތުޅާދޫ ޔަންގް އީގަލްސް ވާދަކުރާއިރު ފަހު މެޗުގައި އާރްޖީބީ ސްޕޯޓްސް ކުލަބު ނިކުންނާނީ ފޭސް 2 ސްޕޯޓްސް ކުލަބާ ދެކޮޅަށެވެ.
Comment