28 މޭ 2023 - 07:21 0
ލޫޓަންގެ ކުޅުންތެރިން ޕްލޭއޮފް ޓްރޮފީ ލިބުމުން ބޭއްވި އުފާފާޅުކުރުމުގެ ތެރެއިން.
28 މޭ 2023 - 07:21 0
ލަންޑަން (މެއި 28) - ދުނިޔޭގެ އެންމެ އަގުބޮޑު ފުޓްބޯޅަ މެޗު ކަމަށްވާ، އިނގިރޭސި ޗެމްޕިއަންޝިޕް (ދެ ވަނަ ޑިވިޝަން) ގެ ޕްލޭއޮފް މެޗުން ޕެނަލްޓީ ޖަހައިގެން މޮޅުވެ، ލޫޓަން ޓައުން 31 އަހަރަށް ފަހު އިނގިރޭސި އެންމެ މަތީ ޑިވިޝަނުގައި ކުޅުމުގެ ފުރުސަތު ހޯދައިފި އެވެ.
ކޮވެންޓްރީ އަތުން ޕެނަލްޓީ ޖަަހައިގެން، 6-5 އިން ލޫޓަން މޮޅުވި މި ފަހަރުގެ ޕްލޭއޮފް މެޗުގެ ޖުމްލަ އަގަކީ 210 މިލިއަން ޑޮލަރެވެ. ރޭގެ މެޗުގެ 120 މިނިޓްގެ ކުޅުން ހަމަވިއިރު، ދެ ޓީމު ވެސް އޮތީ 1-1 އިން އެއްވަރުވެފަ އެވެ. ނަތީޖާ ނެރެން ޕެނަލްޓީ ޖެހިއިރު، ލޫޓަން އިން ހަ ޕެނަލްޓީ ވެސް ވައްދާލި އެވެ. ކޮވެންޓްރީ ބަލިވީ ހަ ވަނަ އަށް ފޮނުވާލި ޕެނަލްޓީ ނާކާމިޔާބު ވުމުންނެވެ.
އިނގިރޭސި ފުރަތަމަ ޑިވިޝަން ޕްރިމިއާ ލީގަށް 1992 ވަނަ އަހަރު ރީބްރޭންޑް ކުރި ފަހުން ލޫޓަން އަކީ ފަސް ވަނަ ޑިވިޝަނުގައި ކުޅެފައި ޕްރިމިއާ ލީގަށް ޕްރޮމޯޓްވި ފުރަތަމަ ޓީމެވެ. މިއީ ފާއިތުވި 10 ސީޒަނުގެ ތެރޭގައި ލޫޓަން އެއް ޑިވިޝަނުން އަނެއް ޑިވިޝަނަށް ޕްރޮމޯޓްވި ހަތަރު ވަނަ ފަހަރެެވެ.
ލޫޓަންގެ މިޑްފީލްޑަރު، ޕެލީ ރުޑޮކް އެމްޕަންޒޫ އަކީ ލޫޓަން ޕްރިމިއާ ލީގަށް މި ކުރި ދަތުރުގައި ހާއްސަ ކުޅުންތެރިއެކެވެ. އޭނާ އަކީ ނޭޝަންސް ލީގުން ފެށިގެން ޕްރިމިއާ ލީގާ ހަމައަށް ޓީމެއް ކުރި ދަތުރުގައި އެއް ކްލަބެއްގައި ދެމިހުރި ހަމައެކަނި ކުޅުންތެރިޔާ އެވެ.
"ކުރެވޭ އިހުސާސަކީ، އަހަންނަށް ފުޓްބޯޅައިގެ ހުރިހާ ކަމެއް ހާސިލްކުރެވުނު ކަމުގެ އިހުސާސް،" އެމްޕަންޒޫ ބުންޏެވެ.
އާންމު ގޮތެއްގައި ޕްލޭއޮފުން މޮޅުވާ ޓީމެއްގެ އާމްދަނީ އުޅެނީ 170 މިލިއަން ޑޮލަރާއި 260 މިލިއަން ޑޮލަރާ ދެމެދުގަ އެވެ. ފުޓްބޯޅަ އެހެން މެޗުތަކަށް ވުރެ މި މެޗުގެ އަގު ބޮޑުވަނީ ޓީވީ ރައިޓްސް، ފައިސާގެ އިނާމްގެ އިތުރުން ޕްރިމިއާ ލީގު ބޯނަސް، ކޮމާޝަލް ބޯނަސްގެ އިތުރުން ބެޓިން ފައިސާގެ ހިމަނައިގެންނެވެ. ޗެމްޕިއަންސް ލީގު ޗެމްޕިއަންކަން ހޯދައިގެން ވެސް އެންމެ ގިނަވެގެން ހޯދެނީ 90-100 މިލިއަން ޑޮލަރެވެ. އަދި ފީފާ ވޯލްޑް ކަޕް ޗެމްޕިއަންކަން މިދިޔަ އަހަރު ހޯދި އާޖެންޓީނާ އަށް އިނާމް ފައިސާގެ ގޮތުގައި ލިބިފައިވަނީ 42 މިލިއަން ޑޮލަރު އެވެ.
އަންނަ ސީޒަނުގެ ޕްރިމިއާ ލީގަށް ޕްރޮމޯޓްވި ޓީމުތަކަކީ ދެ ވަނަ ޑިވިޝަން ޗެމްޕިއަން، ވިންސެންޓް ކޮމްޕެނީ ކޯޗުކޮށްދޭ ބާންލީގެ އިތުރުން ޝެފީލްޑް ޔުނައިޓެޑާއި ލޫޓަން ޓައުން އެވެ.
Comment