މަގޫދޫގައި ބޭއްވި ރަސްމިއްޔާތުގައި ހަލީމް ވާހަކަ ދައްކަވަނީ؛ ވިދާޅުވީ ސަރުކާރާއެކު ދެމިހުންނާނެ ކަމަށް-- ފޮޓޯ: ޕްލޭނިން މިނިސްޓްރީ
އެއްވެސް މީހެއްގެ ނުފޫޒަކަށް ބޯ ނުލަނބައި، ސަރުކާރާއެކު މަޖިލީހުގައި ދެމިހުންނާނެ ކަމަށް ބިލެތްދޫ ދާއިރާގެ މެމްބަރު އަހުމަދު ހަލީމް (ދޮންބިލެތް) މިރޭ ވިދާޅުވެއްޖެ އެވެ.
މަގޫދޫގައި ނިމިފައިވާ މަޝްރޫއުތައް ރަސްމީކޮށް ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން އަހުމަދު ހަލީމް ވަނީ މަޖިލިސް އިންތިހާބުގެ ކެމްޕެއިނު ދުވަސް ވަރު ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވި ވާހަކައެއްގެ ހަނދާން އާ ކުރައްވައިފަ އެވެ. އެގޮތުން, އިންތިހާބަށް ދެ ދުވަހަށް ވެފައިވަނިކޮށް ބިލެތްދޫގައި އޮތް ޖަލްސާއެއްގައި "ދޮންބިލެތް އަހުމަދު ރައްޔިތުންގެ މަޖިލީހުގައި އިންނަންޖެހެޔޭ" އެމަނިކުފާނު ވިދާޅުވި ކަމަށް އޭނާ ބުންޏެވެ.
"މިއަދު އަޅުގަނޑަށް އެނގެނީ އަޅުގަނޑު މަޖިލީހުގައި އިންނަން ޖެހޭ ސަބަބަކީ ސަރުކާރު ދަމަހައްޓަން މަޖިލީހުގައި ހުރުން ކަން، އެކަންކަން ނުކޮށް ރައީސުލްޖުމްހޫރިއްޔާއަށް ސަރުކާރު ނުފިހެއްޓޭނެކަން،" މީގެ ކުރިން ސަރުކާރާ ދެކޮޅަށް މަސައްކަތްތަކެއް ކުރައްވާފައިވާ އަހުމަދު ހަލީމް ވިދާޅުވި އެވެ.
އަހުމަދު ހަލީމް މީގެ ކުރިން ބޮޑަށް މަސައްކަތް ކުރައްވާފައިވަނީ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް ތާއީދުކޮށް، ސަރުކާރަށް ފާޑުވިދާޅުވާ މެމްބަރެއްގެ ގޮތުގަ އެވެ. އެހެންނަމަވެސް ޖީއެސްޓީ އާއި ޓީޖީއެސްޓީ ބޮޑުކުރުމަށް ވޯޓު ދީފައިވަނީ ސަރުކާރާ އެއްކޮޅަށެވެ. އޭގެ ފަހުން ދެމިހުރީ އެގޮތުގަ އެވެ.
ދޮންބިލެތް ރައީސް ސޯލިހާއެކު މަގޫދޫގައި-- ފޮޓޯ: ރައީސް އޮފީސް
ޓެކްސް ބޮޑުކުރުމުގެ މައްސަލައިގައި އިދިކޮޅު ފަރާތްތަކުން އިތުރު ގޮތަކަށް ވިސްނައިދޭން މަސައްކަތް ކުރި ނަމަވެސް ތަރައްގީ ގެނައުމަށް އެ ނޫން ގޮތެއް ނެތް ކަމަށް އޭނާ ވިދާޅުވި އެވެ.
"އަޅުގަނޑަށް އެނގޭ ދިވެހިރާއްޖޭގެ ސަރުކާރުގައި ފައިސާ ހުރެގެން ކަން ކަންކަން ކުރެވޭނީ، އެކަން ކުރަން އޮތް ގޮތަކީ، އެއީ ރާއްޖެއިންނާއި ބޭރުން ވެސް ފައިސާ ހޯދަން، އެހެންވެ އެ ދުވަހު އަޅުގަނޑު ވޯޓު ދިނީ،" އޭނާ ވިދާޅުވި އެވެ.
ހަލީމް ވިދާޅުވީ އޭނާއަކީ އެއްވެސް މީހެއްގެ ނުފޫޒުގެ ދަށު ވެގެން މަސައްކަތް ކުރާނޭ މީހެއް ނޫން ކަމަށާއި މަސައްކަތް ކުރާނީ ރައްޔިތުން ބޭނުންވާ ގޮތަށް ކަމަށެވެ. އަދި ރައްޔިތުން ބޭނުންވަނީ މި ސަރުކާރު ދަމަހައްޓަން ކަމަށެވެ.
"ރައްޔިތުން ވިސްނާ ގޮތާއި ރައްޔިތުންގެ ވިންދާއި ރައްޔިތުންގެ ރޫހާ އެއްގޮތަށް މަސައްކަތް ކުރާ މީހެއް، އަޅުގަނޑަކީ ވަކި މީހެއްގެ ނުފޫޒަކަށް ލެނބިހުރި މީހެއް ނޫން، އަޅުގަނޑަކީ ދޮންބިލެތް އަހުމަދު، އަޅުގަނޑު މާސްކު ނެގިޔަސް ހުންނާނީ ހަމަ ދޮންބިލެއް އަހުމަދު،" އޭނާ ވިދާޅުވި އެވެ.
ސަރުކާރު ދަމަހައްޓަން މަޖިލިސް ތެރެއިން ކުރަން ޖެހުނު މަސައްކަތެއް ދެން އޮތް ތަނުގައި ވެސް ކުރައްވާނެ ކަމަށް ހަލީމް ވިދާޅުވި އެވެ.
"ޔަގީން ކަން އަރުވަން ކުރިން ވެސް ދިން އެއްބާރުލުން އަޅުގަނޑު މަޖިލިސް ތެރެއިން ދެން ވެސް ދޭނަން، އަޅުގަނޑު ވިސްނުން ގަބޫލުކުރާ ކަންކަމުގައި ހަމަ ރަނގަޅަށް އެކަންކަން ކުރާނަން،" އޭނާ ވިދާޅުވި އެވެ.
ނަޝީދުގެ އަރިސް ބޭފުޅެއްގެ ގޮތުގައި ހުންނެވި ހަލީމް ވިސްނުން ބަދަލުކުރެއްވުމަށް ފަހު އެމްޑީޕީ ރިޔާސީ ޕްރައިމަރީގައި ވެސް ތާއީދުކުރައްވާފައިވަނީ ރައީސް ސޯލިހަށެވެ. އެހެން ނަމަވެސް ރައީސް ސޯލިހަށް ތާއީދުކުރައްވައި އޭނާ ފާޅުކަން ބޮޑުގޮތެއްގައި ވާހަކަ ދެއްކެވި މިއީ ފުރަތަމަ ފަހަރެވެ.
Comment