Advertisement

މަގޫދޫ އެއާޕޯޓު 1800 މީޓަރަށް ދިގުކޮށް، ޕްރައިވެޓު ޖެޓު ޖެއްސޭ ގޮތަށް ތަރައްގީކުރަނީ

27 މޭ 2023 - 21:53 0

ފ. މަގޫދޫ

އައިޝަތު ނުޒުހާ

އައިޝަތު ނުޒުހާ

މަގޫދު ފެނާއި ނަރުދަމާގެ ނިޒާމު އިފްތިތާހުކުރުމާއި ފެނަކަ އާ އިމާރާތް ހުޅުވުމުގެ ރަސްމިއްޔާތުގައި ރައީސް ސޯލިހު ވާހަކަފުޅު ދައްކަވަނީ--- ފޮޓޯ: ރައީސް އޮފީސް


މަގޫދޫ އެއާޕޯޓު 1800 މީޓަރަށް ދިގުކޮށް، ޕްރައިވެޓު ޖެޓު ޖެއްސޭ ގޮތަށް ތަރައްގީކުރަނީ

27 މޭ 2023 - 21:53 0

ފ. މަގޫދޫ

ފ. މަގޫދޫގައި ހަދަމުން އަންނަ އެއާޕޯޓުގެ ސައިޒު ބޮޑުކޮށް، ޕްރައިވެޓު ޖެޓުތަކަށް ވެސް ޖެއްސޭ ވަރަށް ތަރައްގީކުރުމަށް ނިންމާފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު މިރޭ ވިދާޅުވެއްޖެ އެވެ.

މަގޫދޫ އެއާޕޯޓު އެޅުމަށް އެމްޓީސީސީއާ ހަވާލުކުރީ އޮކްޓޯބަރު، 2022، ގަ އެވެ. އެ ކުންފުންޏާއެކު ސޮއިކުރީ 1500 މީޓަރު ދިގު، 30 މީޓަރު ފުޅާ ރަންވޭއެއް ހަދައި، ޕަސެންޖާ ޓާމިނަލަށް އިމާރާތެއް ހަދައި، ކޮންޓްރޯލް ޓަވަރާއެކު ފަޔާ ސްޓޭޝަނެއް ހެދުމަށެވެ.

މަގޫދޫގައި މިރޭ ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން ރައީސް ވިދާޅުވީ ކުރިން ޕްލޭން ކުރި ވަރަށް ވުރެ، ރަންވޭ ދިގު ކުރަން މިހާރު ނިންމާފައިވާ ކަމަށެވެ. އަދި، ބޭނުމަކީ ރަށް ކައިރީގައި ހުރި މަތީ ފެންވަރުގެ ރިސޯޓުތަކަށް އަންނަ ޕްރައިވެޓު ޖެޓު ޖެއްސޭ ގޮތް ހެދުން ކަމަށް ވިދާޅުވި އެވެ.

"އަދި އެ އަންނަ ޖެޓު ބަނދަރު ކުރެވޭނެ ޕާކިން އަކާއި ވީއައިޕީ ޓާމިނަލެއް ގާއިމް ކުރާނަން، އަދި ދެ ވަނަ ތަނަކަށް ތެޔޮ އަޅަން ނުގޮސް، ފިއުލް ފާމްއެއް ވެސް އެއާޕޯޓަށް ގެންނާނަން،" އެއާޕޯޓުގެ އާ ޕްލޭން ހިއްސާ ކުރައްވަމުން ރައީސް ވިދާޅުވި އެވެ.

އޭގެ އިތުރުން، ޕްރައިވެޓު ޖެޓުތަކުގައި އަންނަ އެ އުޅަނދުތަކުގެ ފަޅުވެރިން ރަށުގައި މަޑުކުރެވޭނެ ގޮތަށް އެއާޕޯޓާއެކު ކުޑަ ހޮޓަލެއް ގާއިމް ކުރާނެ ކަމަށް ވެސް ރައީސް ވަނީ ވިދާޅުވެފަ އެވެ.

"މި އެއާޕޯޓު ތަރައްގީ ކުރެވުމުން ވެގެން ދާނީ މުޅި ރާއްޖޭގައި ވެސް އޮތް އެންމެ މަތީ ފެންވަރުގެ ރީޖަނަލް އެއާޕޯޓަށް،" ރައީސް ވިދާޅުވި އެވެ.

އެއާޕޯޓު މަޝްރޫއަކީ މި އަތޮޅުގައި ސަރުކާރުން ހިންގާ އެންމެ ބޮޑު މަޝްރުއު ކަން ފާހަގަކުރައްވައި ރައީސް އިތުރަށް ވިދާޅުވީ އޭގެ ސަބަބުން މި އަތޮޅުގެ ހުރިހާ ރައްޔިތުންނަށް ފަސޭހަތަކާއި ފައިދާތަކެއް ލިބިގެން ދާނެ ކަމަށެވެ.

މީގެ ކުރީ ސަރުކާރުން ޕްލޭން ކުރީ ނިލަންދޫގައި އެއާޕޯޓު އެޅުމަށެވެ. އެހެންނަމަވެސް އެކަން ކުރިއަށް ނުގޮސް ވަނިކޮށް މި ސަރުކާރުން ނިންމީ މަގޫދޫގައި އެއާޕޯޓު އެޅުމަށެވެ.

މި ނިންމުން ދިފާއު ކުރައްވައި ރައީސް ވިދާޅުވީ މަގޫދޫއަކީ މި އަތޮޅުގައި އެއާޕޯޓު ގާއިމް ކުރުމަށް އެންމެ ރަނގަޅު ތަން ކަމަށެވެ.