25 މޭ 2023 - 20:59 0
އާމިނަތު ނިއުޝާ
ބީއެމްއެލްގެ ކޯޕަރޭޓު ބޭނުންތަކަށް ނަގާފައިވާ ފޮޓޯއެއް. އަލަށް ވިޔަފާރި ފަށަށް އެންމެ ރަނގަޅު ހުށަހެޅުމެއް ހުށަހަޅާ ދެ ވިޔަފާރީގެ ތެރެއިން ކޮންމެ ވިޔަފާރިއަކަށް ބީއެމްއެލްއިން 500،000ރ. ދޭނެ. -- ފޮޓޯ: ބީއެމްއެލް
25 މޭ 2023 - 20:59 0
އަލަށް ފަށާ ވިޔަފާރިތަކަށް ބޭންކު އޮފްް މޯލްޑިވްްސް (ބީއެމްއެލް) ދޭ އެހީއަށް އެދި ހުށަހަޅަން ހުޅުވާލައިފި އެވެ.
ބީއެމްއެލް ސްޓާޓަޕް ގްރާންޓަކީ އުފެދެމުން އަންނަ ވިޔަފާރިވެރިންނަށް ރާއްޖޭގައި އަލަށް ވިޔަފާރި އެއް ފެށުމަށް ނުވަތަ ހިންގަމުންދާ ވިޔަފާރިއެއް ކުރިއެރުވުމަށް އަމާޒުކޮށް ދޫކުރާ ހިލޭ އެހީ އެކެވެ. މި އަހަރު ދެ ވިޔަފާރިއެއް ހޮވައި، އޭގެ ތެރެއިން ކޮންމެ ވިޔަފާރިއަކަށް 500،000ރ. ދިނުމަށް ވަނީ ހަމަޖެހިފައެވެ. މީގެ އިތުރުން އެ ވިޔަފާރިތަކުން ހުށަހަޅާ ޕްލޭނާ އެއްގޮތަށް ކާމިޔާބު ކަމާއެކު ވިޔަފާރި ފަށައި، ހިންގުމަށް ބޭނުންވާ ލަފާ ދޭނެ އެވެ.
މި އެހީއަށް ހުށަހެޅުމުގެ ސުންގަނޑިއަކީ އަންނަ ޖުލައި 2 ވަނަ ދުވަހުގެ ރޭގަނޑު 12:00 އެވެ.
މި އެހީ ކާމިޔާބުކުރާ ވިޔަފާރި ހޮވާނީ ދެ މަރުހަލާއަކަށް ބަހާލައިގެންނެވެ. ފުރަތަމަ މަރުހަލާގައި ވިޔަފާރި ޕްލޭންތައް އިވެލުއޭޓް ކުރުމަށް ފަހު އެންމެ ފާހަގަ ކޮށްލެވޭ ވިޔަފާރި ޝޯޓްލިސްޓް ކުރާނެ އެވެ. ދެ ވަނަ މަރުހަލާގައި ޝޯޓްލިސްޓްވި ވިޔަފާރިއާ ގުޅޭ ޕްރެސެންޓޭޝަން، އިވެލުއޭޝަން ކޮމިޓީއަށް ހުށަހަޅަން ޖެހެ އެވެ.
"އަޅުގަނޑުމެންގެ އެސްއެމްއީ ޓީމުގެ އިރުޝާދުގެ ދަށުން މިދިޔަ އަހަރު ސްޓާޓަޕް ގްރާންޓް ކާމިޔާބު ކުރި ވިޔަފާރިތައް އަންނަނީ ވިޔަފާރިތައް ފެށުމުގެ މަސައްކަތް ކުރަމުން. އަޅުގަނޑުމެން އެދެނީ މިއަހަރު ވެސް އީޖާދީ، ދެމެހެއްޓެނެވި ޕްރޮޕޯސަލްތަކެއް ހުށަހެޅިގެންދިއުން." ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިން ޑައިރެކްޓަރ ކާލް ސްޓުމްކަ ވިދާޅުވި އެވެ.
މި ހިލޭ އެހީގެ ދަށުން މިދިޔަ އަހަރު ބޭންކުން ވަނީ ހަތަރު ވިޔަފާރިއަކަށް އެހީތެރިކަން ފޯރުކޮށްދީފައެވެ.
އެޕްލިކޭޝަން، އަދި ޝަރުތުތަކާއި ޕްރޮސެސް އާ ބޭހޭ އިތުރު މައުލޫމާތު ބޭންކުގެ ވެބްސައިޓުން ލިބޭނެ އެވެ.
Comment