މިލާން (މެއި 25) - ފައިނަލުގައި ފިއޮރެންޓީނާ އަތުން 2-1 އިން މޮޅުވެ، އިންޓަ މިލާނުން އިޓާލިއަން ކަޕް ދިފާއުކޮށްފި އެވެ.
މިއީ އިންޓަ އިން މި މުބާރާތް ކާމިޔާބުކުރި ނުވަ ވަނަ ފަހަރެވެ. އިންޓަ އިން މިދިޔަ އަހަރު ތަށި އުފުލާލީ ފައިނަލުގައި އިތުރު ވަގުތުގެ ދެ ހާފް ކުޅެގެން ޔުވެންޓަސް ބަލިކޮށްގެންނެވެ.
ރޭގެ މެޗު ފަށައިގެން މާ ގިނައިރެއްނުވެ، ފިއޮރެންޓީނާ އިން ވަނީ އިންޓަ ސިއްސުވާލުމަށް ފަހު ތިން ވަނަ މިނިޓްގައި ލީޑުނަގައިފަ އެވެ. އޭރިއާ އަރިމަތިން ފިއޮރެންޓީނާގެ އިކޯނޭ އޭރިއާތެރެއަށް ތިރިތިރިން ހުސްކޮށްލާފައި ދިން ބޯޅަ އަށް އަރައި، ނިކޯ ގޮންޒާލޭޒް ވަނީ ފިއޮރެންޓީނާ އަށް ލީޑުނަގައިދީފަ އެވެ.
އިންޓަ އިން ވަނީ ފުރަތަމަ ހާފު ނިމުމުގެ ކުރިން ދެ ގޯލު ޖަހައި ނަތީޖާ އަނބުރާލައިފަ އެވެ. އެ ގޮތުން އިންޓަގެ ދެ ގޯލު ވެސް ޖެހީ ފަހަކަށް އައިސް ރަނގަޅު ފޯމެއްގައި ކުޅެމުން އަންނަ ފޯވާޑް، ލަޓާރޯ މާޓީނޭޒް އެވެ.
ލަނޑު ޖެހުމަށް ފަހު އިންޓަގެ މާޓީނޭޒް އުފާފާޅުކުރަނީ.--- ފޮޓޯ: އޭއެފްޕީ
މެޗުގެ 29 ވަނަ މިނިޓްގައި މާޓީނޭޒަށް ލިބުނު ފުރުސަތުން އޭނާ ވަނީ ގޯލުގެ ދުރު ކަނަށް ބޯޅަ އަމާޒުކޮށްލައި، ނަތީޖާ ހަމަހަމަކޮށްދީފަ އެވެ. އޭގެ ކުރިން އިންޓަގެ އެޑިން ޖެކޯ އަށް ގޯލު ޖަހަން ލިބުނު ފުުރުސަތުން ފޮނުވާލި ބޯޅަ ދިޔައީ ހުރަސްދަނޑިމަތިންނެވެ.
އިންޓަ އިން ލީޑުނެގި ގޯލު މާޓީނޭޒް ކާމިޔާބުކުރީ 37 ވަނަ މިނިޓްގަ އެވެ. އެ ގޮތުން، އިންޓަގެ މިޑްފީލްޑަރު، ނިކޯލޯ ބަރޭލާ މަތިން އޭރިއާތެރެއަށް ހުރަސްކޮށްލި ބޯޅަ މާޓީނޭޒް ވަނީ ވޮލީ އަކުން ގޯލުގެ މަތީ ދާގަނޑަށް އަމާޒުކޮށްލައިފަ އެވެ.
ދެ ވަނަ ހާފުގައި އިންޓަ އަށް ގޯލެއް ޖަަހައިދޭން އެ ޓީމުގެ ބެލްޖިއަމް ފޯވާޑް، ރޮމެއޫ ލުކާލޫ ކުރި މަސައްކަތް ކާމިޔާބެއްނުވި އެވެ. މެޗުގެ 72 ވަަނަ މިނިޓްގައި ފިއޮރެންޓީނާގެ ނިކޯ ގޮންޒާލޭޒް ޖެހި ބޯޅަ އިންޓަގެ ކީޕަރު ސާމިރު ހަންޑަނޯވިޗް ވަނީ މަތަކޮށްފަ އެވެ. އޭގެ ހަ މިނިޓް ފަހުން، ފިއޮރެންޓީނާގެ ލޫކަ ޔޯވިޗަށް އޭރިއާތެރެއިން މުޅިން ހުސްކޮށް ލިބުނު ފުރުސަތުން ޖެހި ބޯޅަ ވެސް ހުއްޓުވީ ކީޕަރު ހަންޑަނޯވިޗް އެވެ.
ފިއޮރެންޓީނާ އަށް ދެން އޮތީ ހަތެއް ޖޫންގައި ވެސްޓް ހޭމް ޔުނައިޓެޑާ ދެކޮޅަށް ކުޅޭ ޔުއެފާ ކޮންފަރެންސް ލީގުގެ ފައިނަލެވެ. އަނެއްކޮޅުން، ޖޫން 10 ވަނަ ދުވަހު މެންޗެސްޓާ ސިޓީއާ ދެކޮޅަށް ޗެމްޕިއަންސް ލީގުގެ ފައިނަލުގައި ކުޅޭނީ 2010 ވަނަ އަހަރުގެ ފަހުން ފުރަތަމަ ފަހަރަށް މުބާރާތުގެ ފައިނަލަށް ދަތުރުކުރި އިންޓަ އެވެ.
Comment