23 މޭ 2023 - 10:35 0
ރާއްޖެ އާއި ޕާކިސްތާނުން ލ. ގަމުގައި ކުޅުނު އެކުވެރިކަމުގެ މެޗުގެ ތެރެއިން.--- ފޮޓޯ: މުހައްމަދު ޝާބިން/ އަދަދު
23 މޭ 2023 - 10:35 0
ސާފް ޗެމްޕިއަންޝިޕަށް ތައްޔާރުވާން ޕާކިސްތާންގެ ގައުމީ ފުޓްބޯޅަ ޓީމުން އެކުވެރިކަމުގެ މުބާރާތެއްގައި ވާދަކުރަން ނިންމައިފި އެވެ.
އަންނަ މަހުގެ 21 އިން ޖުލައި 4 އަށް ކުރިއަށްދާ ދެކުނު އޭޝިއާގެ އެންމެ ވަރުގަދަ ފުޓްބޯޅަ މުބާރާތުގައި ޕާކިސްތާން މިފަހަރު ވާދަކުރަނީ އެއް މުބާރާތުގެ މެދުކެނޑުމަކަށްފަހު ގަ އެވެ. އެ ޓީމުން އެންމެ ފަހުން ކުޅުނީ 2018 ގައި ބަންގްލަދޭޝްގައި އޮތް މުބާރާތުގަ އެވެ.
އިންޑިއާގެ ބެންގަލޫރުގައި އަންނަ މަހު އޮންނަ މުބާރާތުގައި ޕާކިސްތާން ލައްވާލީ ގްރޫޕް އޭގަ އެވެ. އެ ގްރޫޕްގައި ދެން ހިމެނެނީ އިންޑިއާ، ކުވެއިތު އަދި ނޭޕާލް އެވެ. ޕާކިސްތާން ފުރަތަމަ މެޗުގައި އަންނަ މަހު 21 ވަަަނަ ދުވަހުގެރޭ ކުޅޭނީ އިންޑިއާއާ އެވެ.
ސާފް ޗެމްޕިއަންޝިޕަށް ތައްޔާރުވާން ޕާކިސްތާނުން ގައުމީ ޓީމުގެ ޕްރެކްޓިސްތައް މި ހަފްތާ ބަންދުގައި ފަށާނެ އެވެ. އެ ޓީމުން ޕްރެކްޓިސްތައް ފަށާނެ ކަމަށް ބެލެވެނީ 27 ކުޅުންތެރިންގެ ސްކޮޑަކާ އެކުގަ އެވެ. ޕާކިސްތާނުން ސްކޮޑު އެކުލަވާލާނީ ޔޫރަޕްގެ އެކި ގައުމުތަކުގައި ދިރިއުޅޭ ޕާކިސްތާނަށް އުފަން ޕްރޮފެޝަނަލް ކުޅުންތެރިން ހިމަނައިގެންނެވެ. މިދިޔަ މާޗް މަހު ލ. ގަމުގައި ރާއްޖެ އަތުން 1-0 އިން ޕާކިސްތާން ބަލިވި މެޗުގައި ކުޅުނީ އެ ގައުމުގައި އެ ވަގުތު ކުޅެމުން އައި ކުޅުންތެރިން ހިމަނައިގެންނެވެ. އެހެންކަމުން، ސާފް ޗެމްޕިއަންޝިޕަށް ޕާކިސްތާން ސްކޮޑު ވަރަށް ބޮޑަށް ބަދަލުވާނެ އެވެ.
މީގެ އިތުރުން އަންނަ މަހު މޮރިޝަސްގައި އޮންނަ ފޯ ނޭޝަންސް އެކުވެރިކަމުގެ މުބާރާތެއްގައި އެ ގައުމުން ވާދަކުރާނެ އެވެ. ޖޫން 8 އިން 18 އަށް އޮންނަ މި މުބާރާތުގައި ވާދަކުރަނީ މޮރިޝަސް، ކެންޔާ އަދި ޖިބޫޓީ އެވެ.
ސާފް ޗެމްޕިއަންޝިޕް އަށް ތައްޔާރުވާ އެކި ގައުމުތަކުން މިހާރު ތަމްރީންތައް ފަށައި ފުރުސަތުތައް ހޯދަމުން އަންނައިރު އިންޑިއާ އިން ތައްޔާރުވަނީ އެ ގައުމުގައި އޮންނަ އިންޓަކޮންޓިނެންޓަލް ކަޕަށެވެ. ނޭޕާލުން އެކުވެރިކަމުގެ މެޗެއް ކުޅުމާއި ތަމްރީންތަކަށް ފިލިޕީންސް އަށް ދިޔުމަށް ވަނީ ހަމަޖެހިފަ އެވެ.
ސަރަހައްދީ މުބާރާތުގެ ދެ ފަހަރުގެ ޗެމްޕިއަން ރާއްޖެއިން ތަމްރީންތައް މީގެ އެއް ދުވަސް ކުރިން ފެށީ 30 ކުޅުންތެރިންގެ ސްކޮޑަކާ އެކު އެވެ. މާލޭގައި ދެ ހަފްތާ ތަމްރީން ހެދުމަށް ފަހު އަންނަ މަހުގެ ފަސް ވަނަ ދުވަހު ރާއްޖޭގެ ގައުމީ ފުޓްބޯޅަ ޓީމު ތަމްރީން ކޭމްޕަކަށް ޖަޕާނަށް ފުރާނެ އެވެ.
Comment