Advertisement

ކައިރި ގައުމުތަކާ ގުޅިގެން ގަލްފް ސަރަހައްދުގެ ސެކިއުރިޓީ ބެލެހެއްޓޭނެ: އިރާން

ގަލްފް ސަރަހައްދުގައި އޮތް އިރާނުގެ ބޯޓެއް. -- ފޮޓޯ: އޭޕީ


ކައިރި ގައުމުތަކާ ގުޅިގެން ގަލްފް ސަރަހައްދުގެ ސެކިއުރިޓީ ބެލެހެއްޓޭނެ: އިރާން

ތެހްރާން، އިރާން (މޭ 21) - ކައިރި ގައުމުތަކާ ގުޅިގެން ގަލްފު ސަރަހައްދުގެ ސެކިއުރިޓީ ބެލެހެއްޓޭނެ ކަމަށް އިރާނުން ބުނެފި އެވެ.

"އޮމާން ކަނޑާއި ހޮރްމޫޒް ސްޓްރެއިޓް އަދި އިރާނުގެ ގަލްފް ސަރަހައްދުގެ ސެކިއުރިޓީ ބެލެހެއްޓުމުގެ ގާބިލްކަން އެބަ އޮތް،" އިރާން ސިފައިންގެ ޗީފް އޮފް ސްޓާފް މުހައްމަދު ބަގޭރީ ވިދާޅުވި އެވެ.

ދުނިޔޭގެ ކަނޑުތަކުގެ އަޑީގައިވާ ތެލުގެ ތިންބައި ކޮށްފައި އެއްބައި ހުންނަނީ ގަލްފް ސަރަހައްދުގައި ކަމަށް ބެލެވެ އެވެ. އެ ތަނަށް ހުޅަނގުގެ ގައުމުތަކުން ބާރު ފޯރުވަން މަސައްކަތް ކުރެ އެވެ.

ދާދި ފަހުން އެމެރިކާގެ ސިފައިންގެ ބޯޓެއް ވަނީ ހޮރްމޫޒް ސްޓްރެއިޓުން ދަތުރުކޮށްފަަ އެވެ. އެކަަމުގައި އިނގިރޭސި އަދި ފްރާންސްގެ ކޮމާންޑަަރުން ވެސް ބައިވެރިވި އެވެ.

އެ ގައުމުތަކުން ބޭނުންވަނީ އެ ސަރަހައްދު ރައްކާތެރިކަން ކުރާނެކަން އިރާނަށް އެންގުމަށެވެ. އެ ތަނުގައި އިރާނުގެ ބޯޓުތަކުން އެހެން ބޯޓުތަކަށް ހަމަލާދޭ ކަމަށް ހުޅަނގުން ތުހުމަތު ކުރެ އެވެ.

މި މަހުގެ ކުރީކޮޅު އެމެރިކާއިން ބުނީ ގަލްފް ސަރަހައްދަށް އެ ގައުމުގެ އިތުރު ބޯޓުތަކާއި ސިފައިން ފޮނުވާނެ ކަމަށެވެ. އެއީ އިރާނުގެ ފުރައްސާރަ ހުއްޓުވަން ކަމަށް ބުންޏެވެ.

އެމެރިކާ އާއި އިރާނުގެ މަޝްރަހު ހޫނުވާން ފެށީ މިދިޔަ އެޕްރީލް މަހު މާޝަލް އައިލެންޑްސްގެ ދިދަ ނަގާފައިވާ އެޑްވާންޓޭޖް ސްވީޓްސް ތެޔޮ ޓޭންކަރު އެމެރިކާއަށް ދަތުރު ކުރަނިކޮށް އިރާނުން ހިފެހެއްޓުމުންނެވެ.

އިރާނުން ބުނީ އެ ޓޭންކަރު ހުއްޓުވީ އެ ގައުމުގެ އުޅަނދެއްގައި ޖެހި އެކްސިޑެންޓުވުމުން ކަމަށެވެ. އެ ހާދިސާގައި އިރާނުގެ ދެ މީހުން ގެއްލި އިތުރު ބަޔަކަށް އަނިޔާވި އެވެ.