Advertisement

ޗެޓްޖީޕީޓީގެ މޯބައިލް އެޕް ނެރެފި

ެ. ޗެޓްޖީޕީގެ އޮރިޖިނަލް އެޕް މިވަގުތު ލިބޭނީ ހަމައެކަނި އެޕަލްސްޓޯގެ ޔޫއެސް ވާޝަން އިން


ޗެޓްޖީޕީޓީގެ މޯބައިލް އެޕް ނެރެފި

ޗެޓްޖީޕީގެ އޮފިޝަލް އެޕް މިހާރު އައިއޯއެސް އަށް ލިބޭނެކަން އޯޕެންއޭއައި އިން ހާމަކޮށްފި އެވެ.

ޗެޓްޖީޕީޓިގެ ވެބް ވާޝަން އެކޭ އެއްފަދައިން މި އެޕް ބޭނުންކުރުމަށް އެއްވެސް ފައިސާއެއް ދައްކާކަށް ނުޖެހޭނެ އެވެ. އަދި ވެބް ވާޝަންއާއި މޯބައިލް ވާޝަން އަބަދުވެސް ސިންކްވަމުންދާނެ އެވެ. އެހެންކަމުން ކޮންމެ ޑިވައިސްއެއްގައި ވެސް ކުރީގެ ކޮންވަސޭޝަންތަކަށް ދެވޭނެ އެވެ. މީގެ އިތުރުން ވެބް ވާޝަން އެކޭ އެއްގޮތަށް މޯބައިލް ވާޝަންގައި ވެސް އެއްވެސް އިސްތިހާރެއް ނުހުންނާނެކަން އޯޕެންއޭއައި އިން ވަނީ ވަރަށް ބޮޑަށް ފާހަގަކޮށްފަ އެވެ.

މޯބައިލް އެޕްގައި އިތުރުވާ ހަމައެކަނި ފީޗާއަކީ ވޮއިސް އިންޕުޓެވެ. އޯޕެން އޭއައިގެ ސްޕީޗް ރިކޮގްނިޝަން ސިސްޓަމް "ވިސްޕާ" ގެ ސަބަބުން މޯބައިލް އެޕްގައި އަޑު ބޭނުންކޮށްގެން ނުވަތަ ވާހަކަ ދައްކައިގެން ޕްރޮމްޕްޓު ދެވޭނެ އެވެ. ފްރީ ވާޝަންގެ އިތުރުން ސަބްސްކްރައިބްކޮށްފައިވާ ފަރާތްތަކަށް ޗެޓް ޖީޕީޓީ ވާޝަން 4 ވެސް އެޕުން ލިބޭނެ އެވެ.

މިހާރުވެސް ޓެކްނޮލިޖީ އިންޑަސްޓްރީއަށް އަދި ހާއްސަގޮތެއްގައި ސާޗް އިންޖީންތަކަށް ބުރޫއަރުވަމުން އަންނަ ޗެޓްޖީޕީޓީއިން މޯބައިލް އެޕް ނެރުމަކީ އަނެއްކާވެސް ވާދަވެރިންނަށް ލިބޭނެ ވަރަށް ބޮޑު ގެއްލުމެކެވެ. އެގޮތުން ގޫގުލްއަށް ކުރަމުން ދިޔަ އަސަރު އިތުރަށް ބޮޑުވެ، އެޕަލްގެ "ސިރީ" އާއި މީހުން ދުރުވެ ޗެޓްޖީޕީޓީ މޯބައިލް ބޭނުންކުރުމުގެ ފުރުސަތު ވަރަށް ބޮޑެވެ.

ގޫގުލް، މައިކްރޯސޮފްޓް، މެޓަ ފަދަ ބޮޑެތި ކުންފުނިތަކުން އޭއައި ރޭހުގައި ކުރިއެރުން ހޯދުމަށް ކުރަމުން އަންނަ މަސައްކަތް ހަލުވިކަމާއެކު ކުރިއަށް ގެންދާ ނަމަވެސް، މި ރޭހުގެ އެންމެ ކުރީގައި އަދިވެސް އުޅެނީ ޗެޓްޖީޕީ އެވެ.

މީގެ ކުރިން ޗެޓްޖީޕީޓީގެ އެތައް ފޭކް އެޕްތަކެއް ވަނީ އެޕްސްޓޯ އަދި ޕްލޭސްޓޯގައި އާންމުކޮށްފަ އެވެ. ޗެޓްޖީޕީގެ އޮރިޖިނަލް އެޕް މިވަގުތު ލިބޭނީ ހަމައެކަނި އެޕަލްސްޓޯގެ ޔޫއެސް ވާޝަން އިންނެވެ. ކުރިއަސް އޮތް ދުވަސްތަކުގައި ހުރިހާ ގައުމެއްގެ އެޕްސްޓޯއަށް ލިބޭނެ ކަމަށް އޯޕެންއޭއައި އިން ބުނެ އެވެ. އަދި އެންޑްރޮއިޑް ވާޝަން ގެ މަސައްކަތް ވެސް ކުރިއަށްދާ ކަމަށް އެކުންފުނިން ބުނެ އެވެ.