Advertisement

ދިވެހިންގެ ނިޔަފަތި ކެނޑުމުގެ ހަމަތައް

މީހަކު އަތުގެ ނިޔަފަތި ކަނޑަނީ


ދިވެހިންގެ ނިޔަފަތި ކެނޑުމުގެ ހަމަތައް

އިހު ދިވެހީން އެބައިމީހުން ސާފުތާހިރުވުމުގެ ގޮތުން ކުރަމުން އައި ކަންތައްތަކުގެ ތެރެއިން ރަށުތެރޭގެ ސާފުތާހިރުކަމާއި ގޯތިގެދޮރުގެ ސާފުތާހިރުކަމާއި އަދި ހަށިގަނޑުގެ ސާފުތާހިރު ކަމަކީ ހާއްސަ ސަމާލުކަމެއް ދީގެން ބަލަހައްޓަމުން އައިކަންތައްތެކެވެ. މި ލިޔުމުގައި އަޅުގަނޑު ބަލައިލާނީ މީގެ ތެރެއިން ހަށިގަނޑުގެ ސާފުތާހިރުކަމުގެ ތެރެއިން އަތްފައިގެ ނިޔަފަތި ކެނޑުމުގެ މައްޗަށެވެ.

ސާފުތާހިރުވުމުގެ ގޮތުން ކޮށްއުޅުނު ކަންތައްތަކުގައި އަބަދުވެސް ވަކި ހަމަތަކަކާއި އުސޫލުތަކެއް ގެންގުޅުނެވެ. މި ގޮތުން އަޅުގަނޑުމެންގެ ކާބަފައިން އެމީހުންގެ ނިޔަފަތި ކެނޑުމުގައި ވެސް އެ ހަމަތައް ގެންގުޅުނެވެ. އެމީހަކު ހުރި ތަނަކުން، ހިތަށް އެރި ކޮންމެ ވަގުތަކު އަތްފައިގެ ނިޔަފަތި ކަނޑާއުޅުމަކީ އިހުގައި ކޮށް އުޅުނު ކަމެއް ނޫނެވެ.

އާންމު ގޮތެއްގައި ދިވެހިން ނިޔަފަތި ކަނޑައި އުޅުނީ ހަފުތާގެ ދުވަސްތަކުގެ ތެރެއިން ބުދަ، ބުރާސްފަތީގަ އެވެ. ނަމަވެސް ފިރިހެނުންނަކީ ގިނައިން ކަނޑުމަތީގައްޔާއި އެކިއެކި މަސައްކަތްތަކުގައި އުޅޭ ބައެއް ކަމުން، ހުކުރު ދުވަހަކީ އެ މީހުން ބޯކޮށުމާއި ތުނބުޅި މަތިމަސް ބާލާ ދުވަހަށް ވާތީ އެ ދުވަހު ނިޔަފަތި ކަނޑަ އެވެ. މި ނޫން ދުވަސްތަކުގައި އެއްވެސް މީހަކު ނިޔަފައްޗެއް ނުކަނޑާނެވެ. މި ދުވަސްތަކުގައި ނިޔަފަތި ކަނޑާއިރު ވެސް މެންދުރުން އަނބުރާލުމުން ނިޔަފައްޗެއް ނުކަނޑާނެވެ. އަމުދުން ރޭގަނޑު ނިޔަފަތި ކަނޑައިގެން ނުވާނެ އެވެ. މެންދުރު ފަހު މީހެއްގެ ނިޔަފަތި ކަނޑަން ޖެހިއްޖެ ހާލަތެއް މެދުވެރިވިޔަސް ބަލާ މިންގަނޑެއް އޮވެ އެވެ. މި ގޮތުން ބަލާ މިންގަނޑަކީ މެންދުރު ފަހު މީހަކު މަރުވުމުން، އެމީހާ ހިނަވައި ކަފުންކޮށް ވަޅުލެވޭހާ ވަގުތު އޮއްވާ މެނުވީ ނިޔަފަތި ނުކެނޑުމެވެ.

ހޮނިހިރު، އާދީއްތަ، ހޯމަ އަދި އަންގާރަ، މި ދުވަސްތަކުގައި މީހެއްގެ ނިޔަފަތި ކަނޑަށް ޖެހިގެން ކަނޑާނީ މަރުބަލީގައި އޮންނަ މީހާ ނިޔަފަތި ކަނޑާ ދުވަހެއް އަންނަންދެން ދުނިޔޭގައި ނުއޮންނާނެ ކަމަށް ފެނިއްޖެ ހާލަތެއްގަ އެވެ. މިނޫން ހާލަތެއްގައި މިދުވަސްތަކުގައި މީހުންގެ އަތްފައިގެ ނިޔަފަތި ކެނޑުމަކީ ކުރަން ހެޔޮވާވަރު ކަމެއް ނޫނެވެ.

އެ ޒަމާނަކީ ނިޔަފަތި ކެނޑުމަށްޓަކައި ޒާތްޒާތުގެ ދަތި ފަދަ ތަކެތި ގެންގުޅުނު ޒަމާނެއް ނޫނެވެ. ނިޔަފަތި ކަނޑާ އުޅުނީ ފިޔޮހި ފަދަ ތަކެތިންނެވެ. ނިޔަފަތި ކަނޑަންވުމުން ތަށްޓެއް ފަދަ އެއްޗަކަށް ފެން އަޅައި އެ ތަށީގެ ތެރެއަށް އިނގިލިތައް ލުމަށްފަހު ނިޔަފަތިތައް މަޑުކޮށްލަ އެވެ. އެއަށްފަހު ނިޔަފަތި ކަނޑަމުން އެ ކަނޑާ ނިޔަފަތި ގެއްލުނަނުދީ ފަރުވާތެރިކަމާއެކު އެ ފެންތަށީގެ ތެރެއަށްލަ އެވެ. ނިޔަފަތި ކަނޑަން ތިބޭނީ ގޭން ބޭރުގަ އެވެ. ކަނޑާ ނިޔަފަތި ގޭތެރޭގައި އޮތުމަކީ ގެ ފަޅުވެދާނެ ކަމެއް ކަމުގައި ދެކެއެވެ. ނިޔަފަތި ކަނޑާ ނިމުމުން ފެންއެޅި ތަށި ހިފައިގެން ގޮސް ވަޅެއް ކޮނެ، އެ ވަޅަށް ފެންތަށި އޮއްސާލައި ފަސްއަޅަ އެވެ. މި ގޮތަށް ނިޔަފަތި ވަޅުލާއިރު ކުރާ ދުއާއެއްގެ ގޮތުން "ހަތް އުޑާއި ހަތް ބިމާ ކޯހެކިވާ ދުވަހުގާ މި ނިޔަފަތިކޮޅު ރައްބީގެ ނޫރުން ނޫރު ލައްވާނދޭވެ" ކިޔައެވެ.

ޒަމާނުން ފެށިގެން ދިވެހިން ނިޔަފަތި ކަނޑާ އުޅުނީ މި ގޮތްމަތިންނެވެ. މިއަދަކު ނިޔަފަތި ކެނޑުމަކަށް ވަކި ވަގުތެއް ވަކި ތަނެއް ނެތެވެ. ޖެހުނު ކޮންމެ ވަގުތަކު ކަނޑަންވީ މީހަކު ކަނޑަންވީ އެވެ. ނަމަވެސް އަޅުގަނޑުމެންގެ ތެރެއިން ކިޔަވައިދޭން ހުންނަ އެދުރުމީހާ އާއި އޮފީސް އޮފީހުގެ ވެރިންނާ ބައްދަލުވާއިރު ގަލަމާއި ފަންސޫރުގައި ހިފަން އުނދަގޫ ވާވަރަށް ނިޔަފަތި ދިގުކޮށްފައި ތިއްބަވާ ބޭފުޅުން ފެނެ އެވެ. މިއަދު މި ކަމަކީ ހުތުރު ކަމަކަށް ނުވާއިރު ނިޔަފަތި ދިގުކުރުން ވެފައި އޮންނަނީ "މާ ކޫލް، ސަޅި" ކަމެއްގެ ގޮތުގަ އެވެ. ނަމަވެސް ވަލު ޖަނަވާރުންނާއި އަޅުގަނޑުމެންނާއި ތަފާތުވާ ކަންކަމުގެ ތެރޭގައި ނިޔަފަތި ދިގުވުމުން ނިޔަފަތި ކަނޑަންވާކަން އެނގި ނިޔަފަތި ކަނޑާ ކެނޑުން ހިމެނެ އެވެ.