18 މޭ 2023 - 13:02 0
މުހައްމަދު އުޝާމް
ޑރ. މުހައްމަދު މުއިއްޒު؛ ދޮގު ބަޔާން ދިން ކަމަށް ބުނާ މައްސަލާގައި ހުކުމްކޮށްފި - ފޮޓޯ: މުހައްމަދު ޝާބިން / އަދަދު
18 މޭ 2023 - 13:02 0
މާލެ ސިޓީގެ މޭޔަރު އަދި ޕީޕީއެމްގެ ނައިބު ރައީސް ޑރ. މުހައްމަދު މުއިއްޒުގެ މައްޗަށް ދައުލަތުން ކުރި ދޮގު ބަޔާނުގެ ދައުވާ ސާބިތުނުވާ ކަމަށް ކްރިމިނަލް ކޯޓުން މިއަދު ކަނޑައަޅައިފި އެވެ.
މުއިއްޒު ދޮގު ބަޔާނެއް ދިން ކަމަށް ދައުލަތުން ތުހުމަތު ކުރަނީ ހައުސިން ޔުނިޓުތަކެއް ހެދުމަށް ނޫމަޑި ކުންފުންޏާއެކު ސަރުކާރުން ހެދި އެއްބަސްވުން ބާތިލުކުރުމުން ނޫމަޑިން 155 މިލިއަން ޑޮލަރު ހޯދަން ނެދަލޭންޑްސްގައި ހުންނަ ޕާމެނެންޓް ކޯޓު އޮފް އާބިޓްރޭޝަންނަށް ހުށަހެޅި މައްސަލައިގަ އެވެ.
ނޫމަޑިއާއެކު ދިވެހި ސަރުކާރުގެ ފަރާތުން ހައުސިން މިނިސްޓްރީން ވެފައިވާ އެއްބަސްވުން އުވާލިއިރު މުއިއްޒަކީ އޭރުގެ ހައުސިން މިނިސްޓަރެވެ.
މުއިއްޒު އެ ދައުވާއަށް އިންކާރު ކުރައްވަ އެވެ. މުއިއްޒު އިންކާރު ކުރައްވަނީ ނޫމަޑީގެ މައްސަލައާ ގުޅިގެން އެއްވެސް ބަޔާނެއް އާބިޓްރޭޝަނަކަށް ދެއްވި ކަމުގެ ވާގިއާ ވެސް ހިމެނޭ ގޮތަށެވެ.
މައްސަލައިގެ ހުކުމް އިއްވުމަށް ބޭއްވި ޝަރީއަތުގެ މަޖިލީހުގައި، މައްސަލަ ބެއްލެވި ގާޒީ ސޮފްއަތު ހަބީބު ވިދާޅުވީ އާބިޓްރޭޝަނަށް ބަޔާނެއް ދިން ކަމަށް މުއިއްޒު އިންކާރު ކުރައްވާއިރު އާބިޓްރޭޝަނަށް ބަޔާން ދިން މީހަކީ މުއިއްޒު ކަން ސާބިތު ކުރުމަކީ ދައުލަތަށް އޮތް ބުރައެއް ކަމަށެވެ.
ގާޒީގެ އެ ނުކުތާތަކަށް ބާރު ދެއްވީ ސުޕްރީމް ކޯޓުގެ އަބްދުﷲ އާރިފު ވ. އެޕޯލޯ ޕްރައިވެޓް ލިމިޓެޑް ގަޒިއްޔާއަށް ހަވާލާ ދެއްވައިފަ އެވެ. އޭގައި ބުނަނީ ލިޔެކިޔުން ހުށަހެޅި ފަރާތް ނޫން ފަރާތުން އެއާ މެދު ސުވާލު އުފެއްދުމުން، ލިޔެކިޔުމުގެ ސައްހަކަން ސާބިތުކުރާނީ ލިޔެކިޔުން ޝަރީއަތަށް ހުށަހެޅި ފަރާތް ކަމަށެވެ.
ބަޔާނުގައި އޮތް ސޮޔަކީ މުއިއްޒުގެ ސޮއިކަން ސާބިތު ކުރަން ތަހުގީގަށް ކުރެވުނު މަސައްކަތެއް ދައުލަތަށް ބުނެ ނުދެވޭ ކަމަށް ވެސް ގާޒީ ވިދާޅުވި އެވެ.
އެހެންކަމުން ދައުލަތުން ކުރާ ދައުވާގައި ހިމެނޭ ފުރަތަމަ އުންސުރު ކަމަށްވާ މުއިއްޒު އާބިޓްރޭޝަނަށް ބަޔާނެއް ދިން ކަމާ މެދު ވެސް ޝައްކުތަކެއް އުފެދިފައިވާތީ ކުށް ސާބިތު ނުވާ ކަމަށް ގާޒީ ކަނޑައެޅުއްވި އެވެ.
މުއިއްޒުގެ މައްޗަށް ކޮށްފައިވާ އެ ދައުވާގެ އަދަބުގެ އާސާސީ މިންގަނޑަކީ ހަތަރު މަހާއި 24 ދުވަހަށް ޖަލަށް ލުމެވެ. ދައުވާ ސާބިތު ނުވުމުން، މުއިއްޒު ވަނީ ސަލާމަތްވެފަ އެވެ.
މީގެ ކުރިން ރައްޔިތުންގެ މަޖިލީހުގެ ކޮމިޓީއަކަށް ވެސް މުއިއްޒު ހާޒިރުކޮށް އެ ކަމާ ގުޅޭ ގޮތުން ސުވާލުކޮށްފައިވެ އެވެ. ނެދަލެންޑްސްގެ އާބިޓްރޭޝަނަށް ނޫމަޑީގެ ހެކިވެރިއެއްގެ ގޮތުގައި އެއްވެސް ބަޔާނެއް ދީފައިވޭތޯ މަޖިލިސް މެންބަރުން ސުވާލު ކުރެއްވުމުން، އެއްވެސް ޖަވާބެއް މުއިއްޒު ނުދެއްވަ އެވެ.
މިއާއެކު އެ މައްސަލަ ބެލުމަށް ފުލުހުުންގެ އިދާރާއަށް މަޖިލީހުން އަންގަން ވެސް އެންގި އެވެ. ފުލުހުން މައްސަލަ ތަހުގީގުކޮށް، ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހަށް ފޮނުވުމުން އެ އޮފީހުން މުއިއްޒުގެ މައްޗަށް އެ ދައުވާ ކުރުމަށް ނިންމި އެވެ.
ދައުލަތުން ކޯޓަށް ހުށަހަޅާފައިވާ ދައުވާގައި ބުނަނީ ނޫމަޑި ކުންފުނީގެ ހެއްކެއްގެ ގޮތުގައި މުއިއްޒުގެ ނަން އާބިޓްރޭޝަނަށް ހުށަހެޅި ކަމަށެވެ. އަދި ހެކިވެރިޔެއްގެ ގޮތުގައި އާބިޓްރޭޝަނަށް ދެއްވި ބަޔާނުގައި މަސައްކަތް ޝެޑިއުލްއާ އެއް ގޮތަށް ކުރިއަށްދިޔަ ކަމަށާއި އެ ކުންފުންޏަށް އެހެން ޕްރޮޖެކްޓެއް ދިނުމާ ގުޅޭ ގޮތުން ކުރިއަށް ދިޔަ މަޝްވަރާތަކެއްގައި ބައިވެރިވެފައިނުވާ ކަމަށް ވިދާޅުވެފައިވާ ކަމަށެވެ.
ދައުލަތުން މުއިއްޒުގެ މައްޗަށް ތުހުމަތު ކުރަނީ، ހައުސިން މިނިސްޓަރު ކަމުގެ މަގާމުގައި ހުންނަވައި އޭނާ އަމިއްލައަށް ނިންމެވި ނިންމުންތަކެއް އެއީ ދޮގެއް ކަމަށް ވިދާޅުވެ، މިނިސްޓަރު ކަމުގެ މަގާމުން ވަކިވެވަޑައިގަތުމަށް ފަހު އާބިޓްރޭޝަނަށް ބަޔާން ދެއްވި ކަމުގަ އެވެ.
Comment