Advertisement

ނަން އިއްވީ މަޖިލިސް ގަވާއިދާ ހިލާފަށް, އެފަދަ އަމުރަކަށް ކިޔަމަން ނުވާނަން: ރޮޒައިނާ

18 މޭ 2023 - 12:23 1

އައިޝަތު ނުޒުހާ

އައިޝަތު ނުޒުހާ

އައްޑޫ މީދޫ ދާއިރާގެ މެންބަރު ރޮޒައިނާ އާދަމް؛ އޭނާ ވިދާޅުވީ ތަޅުމުން ނުނިކުތީ ގަވައިދާ ހިލާފަށް ނަން އިއްވުމުން ކަމަށް-- ފޮޓޯ: މިރާން ނާޝިމް/ އަދަދު


ނަން އިއްވީ މަޖިލިސް ގަވާއިދާ ހިލާފަށް, އެފަދަ އަމުރަކަށް ކިޔަމަން ނުވާނަން: ރޮޒައިނާ

18 މޭ 2023 - 12:23 1

މަޖިލިސް ތަޅުމުން ނިކުންނަން ދެކޮޅު ހެއްދެވީ ގަވައިދާ ހިލާފަށް ނަން އިއްވުމުން ކަމަށް އައްޑޫ މީދޫ ދާއިރާގެ މެންބަރު ރޮޒައިނާ އާދަމް ވިދާޅުވެއްޖެ އެވެ.

މަޖިލީހުގައި މިއަދު ރޮޒައިނާގެ ނަން އިއްވައި، ތަޅުމުން ނިކުންނަން އެންގީ އެމްޑީޕީއިން އިސްތިއުފާ ދިން މަޖިލިސް މެންބަރުންނަށް، އެ ޕާޓީގެ ބަހުސުގެ ވަގުތު ދޭތީ އެކަމާ ދެކޮޅަށް އަޑުގަދަ ކުރެއްވުމުންނެވެ.

އެހެންނަމަވެސް، ތަކުރާރުކޮށް ނަން އިއްވުމުން ވެސް ރޮޒައިނާ ވަނީ ތަޅުމުން ނިކުންނަން ދެކޮޅު ހައްދަވައިފަ އެވެ.

މިކަމާ ގުޅިގެން, މަޖިލީހުގެ ދޮރުމަތީގައި ހުންނަވާ ރޮޒައިނާ "އަދަދު" އަށް ވިދާޅުވީ ނަން އިއްވައި ނިކުންނަން އެންގީ ގަވާއިދާ އެއްގޮތަށް ކަމަށް ގަބޫލު ނުކުރައްވާ ކަަމަށެވެ.

"ފުރަތަމަ ނަސޭހަތްތެރިވަމޭ ވިދާޅުވި ހިސާބުން އަޅުގަނޑު އެއްވެސް އެއްޗެއް ވިދާޅުނުވަން، އަޅުގަނޑު އިންނާނީ ވެސް ގޮނޑީގައި އިށީންދެގެން، އެކަމަކު ހަމަ ބަރިއަކަށް އަނެއްކާ ވެސް ނަސޭހަތްތެރިވަމޭ އަނެއްކާ ވެސް ނަސޭހަތްތެރިވަމޭ ވިދާޅުވެފަ ނަން އިއްވީ،" މަޖިލިސް އިދާރާ ބޭރުގައި ހުންނަވައިގެން ރޮޒައިނާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ނަސޭހަތްތެރިވުމަށް ފަހު، އަޑުގަދަ ކުރެއްވުން ހުއްޓާލުމުން އެ ހިސާބުން މައްސަލަ ނިމޭނެ ކަމަށް މަޖިލިސް ގަވާއިދުގައި ސާފުކޮށް ބަޔާންކޮށްފައި އޮންނާނެ ކަމަށާއި ދެ ވަނަ ފަހަރަށް ނަސޭހަތްތެރިވާން ޖެހޭނީ އެކަން ތަކުރާރު ކުރުމުން ކަމަށެވެ.

މަޖިލިސް ތަޅުމުން ނިކުންނަން ދެކޮޅު ހެއްދެވީ އެގޮތަށް އެކަން ކުރުމުން ކަމަށް ރޮޒައިނާ ވިދާޅުވި އެވެ.

"މަޖިލީހުގެ ގަވައިދާ ހިލާފަށް ކުރާ އަމުރަކަށް އަޅުގަނޑެއް ކިޔަމަނެއް ނުވާނަން، ދެން ފިރިހެން ބޭފުޅަކު ފޮނުވީ އަޅުގަނޑު ނެރެން ވެސް، އެ ބޭފުޅާ އަރިހު ވެސް އެކަން ދެންނެވިން،" ރޮޒައިނާ ވިދާޅުވި އެވެ.

ރޮޒައިނާ ވިދާޅުވީ މަޖިލީހުގެ ރައީސް އަމަލު ކުރެއްވީ ގަވައިދާ ހިލާފަށް ކަމަށް އަމީންއާންމު ވެސް އެއްބަސްވާ ކަަމަށާއި އެކަން ރައީސަށް އެންގެވި ވެސް ކަމަށެވެ.

އަދި، މަޖިލީހުގައި ނެތް ކަމަށް ބަލައި ޖަލްސާ ކުރިއަށް ގެންދެވީ ވެސް ގަވައިދާ ހިލާފަށް ކަން ނަޝީދު ގަބޫލުކުރައްވާތީ ކަމަށް ތުހުމަތު ކުރެއްވި އެވެ.

"ގަވާއިދާ ހިލާފަށް ކަމަށް އިއުތިރާފުވެވަޑައި ނުގަންނަވާ އެހެން ގޮތަކަށް އަޅުގަނޑު ޗެމްބާ ތެރޭގައި ބައިންދައިގެން ކުރިއަށް ގެންދާނީއޭ ނެތް މީހެކޭ އެ ހުރިހާ ކަމެއް މި ހިނގައި ދިޔައީ،" ރޮޒައިނާ ވިދާޅުވި އެވެ.

ތަކުރާރުކޮށް މަޖިލީހުގެ ގަވައިދާ ހިލާފަށް ނަޝީދު އަމަލު ކުރުމުގެ ފުރުސަތު ނުދޭނެ ކަމަށް ވެސް ރޮޒައިނާ ވިދާޅުވި އެވެ.

ނަޝީދުގެ ފިކުރެއްގެ ދިރުމުގެ މެންބަރުން އެމްޑީޕީން އިސްތިއުފާ ދީފައިވާ ކަން އީސީން ވެސް ވަނީ މަޖިލީހަށް އަންގައިފަ އެވެ.

އެހެންނަމަވެސް، މަޖިލީހުގެ މިއަދުގެ ޖަލްސާ ފައްޓަވަމުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ މެންބަރުން މަޖިލީހުގެ ދަފްތަރުން ވަކިކުރާނީ އަމިއްލައަށް އެކަން މަޖިލީހަށް އެންގުމުން ކަމަށެވެ. އެފަދައިން ވިދާޅުވެ، ނަޝީދު ވަނީ ފިކުރެއްގެ ދިރުމުގެ މެންބަރުންނަށް އެމްޑީޕީއަށް ލިބިދޭ ބަހުސް ވަގުތުން ފުރުސަތު ދީފަ އެވެ.