Advertisement

ގައުމީ ޓީމަށް ބުރުގެ ކުޅުންތެރިން ނެގުމުގެ ފައިދާ ޓީމަށް ކުރާނެ: ނިޒާމްބެ

18 މޭ 2023 - 14:39 0

ބުރު ސްޕޯޓްސް ކްލަބްގެ ކޯޗު މުހައްމަދު ނިޒާާމްބެ: މީޑިއާ އަށް އިންޓަވިއުދެނީ.--- ފޮޓޯ: މުހައްމަދު ޝާބިން/ އަދަދު


ގައުމީ ޓީމަށް ބުރުގެ ކުޅުންތެރިން ނެގުމުގެ ފައިދާ ޓީމަށް ކުރާނެ: ނިޒާމްބެ

18 މޭ 2023 - 14:39 0

ގައުމީ ފުޓްބޯޅަ ޓީމުން ބުރުގެ ކުޅުންތެރިންނަށް ޖާގަ ލިބުމަކީ ޓީމުގެ މޯޓިވޭޝަނަށް އޭގެ ސަބަބުން ރަނގަޅު ބަދަލުތަކެއް އަންނާނެ ކަމެއް ކަމަށް ބުރު ސްޕޯޓްސް ކުލަބުގެ ކޯޗު މުހައްމަދު ނިޒާމް (ނިޒާމްބެ) ބުނެފި އެވެ.

ދިވެހި ޕްރިމިއާ ލީގުގައި މިރޭ ބުރު އާއި ކްލަބް ވެލެންސިއާ ވާދަކުރާއިރު، އިއްޔެ އިއުލާނުކުރި ގައުމީ ޓީމުގެ ޕްރިލިމިނަރީ ސްކޮޑުގައި ބުރުގެ ހަތަރު ކުޅުންތެރިއަކު ހިމެނެ އެވެ. އެއީ މުހައްމަދު، ސާއިފް، ފާރޫގު އިސްމާއިލް، އަހުމަދު އުސާމާ އަދި ކީޕަރު ޝައިހާން އަލީ އެވެ.

ސާފް ޗެމްޕިއަންޝިޕަށް ނެގި ޕްރިލިމިނަރީ ސްކޮޑަށް ބުރުގެ ކުޅުންތެރިން ނެގުމާ ގުޅޭގޮތުން ނިޒާމްބެ ބުނީ އެއީ ކޮންމެ ކުޅުންތެރިއަކަށް ވެސް ލިބޭނެ ބޮޑު ހިތްވަރެއް ކަމަށާއި، އެކަމުގެ ސަބަބުން ރަނގަޅު ފައިދާތަކެއް ޓީމަށް ކުރާނެ ކަމަށެވެ.

"ޓީމުގެ ބައެއް ކުޅުންތެރިން ގައުމީ ޓީމަށް ހޮވުމަކީ ބާކީ ތިބި ކުޅުންތެރިންނަށް ލިބޭ ވަރަށް ބޮޑު ހިތްވަރެއް. ދެން އެ ކުޅުންތެރިން ގައުމީ ޓީމުގައި ރަނގަޅަށް މަސައްކަތްކުރަން އިރުޝާދުދެމުން މި އަންނަނީ އެއީ. މި ކަހަލަ ފުރުސަތެއް ލިބޭނީ މަދު ފަހަރެއްގައި. އެހެންވެ، އެކަން ވިސްނައިދެމުން މި އަންނަނީ. އެކުދިން އަނބުރާ އަންނައިރު ޓީމަށް އިތުރު ކުރިއެރުމެއް ލިބޭނެކަމަށް މި ބަލަނީ." ނިޒާމްބެ ބުންޏެވެ.

މިރޭގެ މެޗާ ބެހޭގޮތުން، ނިޒާމްބެ ބުނީ ޓީމުގެ ތައްޔާރީތައް ރަނގަޅު ކަމަށާއި، މިދިޔަ މެޗުގައި ރަތް ކާޑު ދެއްކި އަލީ ހަމްދާން (އައްޔަ) ފިޔަވައި ޓީމުގެ ހުރިހާ ކުޅުންތެރިން ވެސް ތިބީ ފިޓުކޮށް ކަމަށެވެ. އައްޔަ އަށް މި މެޗުގައި ސަސްޕެންޝަނުގެ ސަބަބުން ނުކުޅެވެނޭ އެވެ.

ވެލެންސިއާއާ ގުޅޭގޮތުން ނިޒާމްބެ ބުނީ ހީކުރާ ވަރަށް ވުރެ މި މެޗު އުނދަގޫވާނެ ކަމަށާއި، ވެލެންސިއާ އިން މިދިޔަ މެޗުގައި ދެއްކި ކުޅުމަށް ބަލާއިރު އެކަން ފެނުނު ކަމަށެވެ. އެ ޓީމުން މެޗަކަށް ފަހު މެޗެއް ރަނގަޅުކުރަމުން އަންނަކަން ވެސް ނިޒާމްބެ ފާހަގަކުރި އެވެ.

"މެޗު ފަސޭހައެއް ނުވާނެ. މެޗު އުނދަގޫވާނެ. އަނެއްކޮޅުން ވެލެންސިއާ އިން އަންނަނީ މެޗަކަށް ފަހު މެޗެއް ރަނގަޅުކުރަމުން. މިދިޔަ މެޗުގެވެސް 43 ވަނަ މިނެޓާ ހަމައަށް ވަރަށް ރަނގަޅަށް ކުޅުނު. ސްކޯރިން ޗާންސްތައް ވެސް ހޯދަމުންދިޔައީ. ބައިވަރު އޮޕޮޗުނީޓީސް ވެސް ލިބުނު. އެހެންވީމަ، ދެން އޮތް މެޗުގައި އެ ޓީމް އިތުރަށް ރަނގަޅުވާނެ ކަމަށް މި ގަބޫލުކުރަނީ. އެހެންވީމަ، ވަރަށް ސީރިއަސްކޮށް މި މެޗަށް ތައްޔާރުވާން ޖެހޭނެ." ނިޒާމްބެ ބުންޏެވެ.

ލީގުގައި މާދަމާ ކުޅޭ ދެ މެޗަށް ފަހު ސާފް ޗެމްޕިއަންޝިޕަށް ލީގު މެދުކަނޑާލާނެ އެވެ. މި ބްރޭކާ ގުޅޭގޮތުން ނިޒާމް ބުނީ މި ދަނޑިވަޅުގައި މި ލިބޭ ބްރޭކަކީ ވަރަށް މުހިންމު ބްރޭކެއް ކަމަށާއި، ރަނގަޅަށް ތައްޔާރުވެގެން އައިސް ލީގުގެ ބާކީ ހުރި މެޗުތަކުގައި ރަނގަޅު ކުޅުމެއް ދައްކަން މި ބްރޭކްގެ ބޭނުން ކުރެވޭނެ ކަމަށެވެ.

"މިއީ ވަރަށް މުހިންމު ބްރޭކެއް. މި ބްރޭކްގެ ބޭނުން އެންމެ ފުރިހަމަ ގޮތުގައި ހިފަން ޕްލޭންކޮށްފަ މިއޮތީ. ދެން މި ބްރޭކަށްފަހު ނިކުންނައިރު ރަނގަޅު އެކަށީގެންވާ ގޮތަށް ތައްޔާރުވެ ރަނގަޅު ކުޅުމެއް ދެއްކޭނެކަމަށް މި އުއްމީދުކުރަނީ. ވަރަށް ގެރެންޓީ އެބައޮތް މިވީ މަދު ދުވަސްކޮޅުގެ ތެރޭގައި ކުޅުންތެރިން ދެއްކި ކުޅުމާ ބަލާއިރު، ކުޅުންތެރިންގެ ޑިސިޕްލިންއާ ކަންކަމަށް ބަލާއިރު ވަރަށް ގިނަ ރަނގަޅު ކަންކަން އެބަހުރި. އެހެންވީމަ ވަރަށް އިތުބާރު އެބައޮތް ޓީމާ މެދު."

ބުރުން ފުރަތަަމަ ޑިވިޝަނުގައި މިހާތަނަށް ކުޅެފައިވަނީ ފަސް މެޗެވެ. އެއީ ޕްރެޒިޑެންޓްސް ކަޕްގެ ތިން މެޗާއި ލީގުގެ ދެ މެޗެވެ. އެ މެޗުތަކުން ބުރު މޮޅުވީ ދެ މެޗުންނެވެ. އެއީ ޕްރެޒިޑެންޓްސް ކަޕްގައި މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން އަތުންނާއި ލީގުގައި އެންމެ ފަހުން ކުޅުނު މެޗުން ޓީސީ ސްޕޯޓްސް ކްލަބް އަތުންނެވެ.

ނޫސްވެރިންގެ ބައްދަލުވުމެއްގެ ތެރެއިން ފެސްކޯ މީޑިއާގެ ސުވާލުތަކަށް ޖަވާބުދެނީ.--- ފޮޓޯ: މުހައްމަދު ޝާބިން/ އަދަދު


ވެލެންސިއާ އިން ކުރިއެރުން އެބަފެނޭ، ފެސްކޯ އަށް ޓީމާ މެދު އިތުބާރު އެބައޮތް

ވެލެންސިއާގެ ކޯޗު އަހުމަދު މުޖުތަބާ (ފެސްކޯ) ބުނީ ވެލެންސިއާގެ ޓީމްގެ ހާލަތު ބަދަލުނުވާ ކަމަށާއި، ނަމަވެސް މެޗަކަށް ފަހު މެޗެއް ޓީމުން ބޮޑެތި ކުރިއެރުންތަކެއް އަންނަ ކަމަށެވެ.

ފެސްކޯ ބުނީ އޭނާ އަށް ލިބޭ އެންމެ ބޮޑު ހިތްހަމަޖެހުމަކީ ކުޅުންތެރިން މެޗުއާވެ މެޗަކަށް ފަހު މެޗެއް ކުޅުން ރަނގަޅުވުން ކަމަށާއި، މިދިޔަ މެޗުގައި ވެސް ޓީމަށް ގިނަ ޗާންސްތަކެއް ލިބުނު ކަމަށެވެ.

"ހާލަތު ބަދަލެއް ނުވޭ، އޯލެވެލް އެއް ނުނިމޭ، އެތުލެޓިކްސް މުބާރާތެއްވެސް އަދި ނުނިމޭ. އެކަމަކު އެއީ ކޮންމެ ދުވަހަކު ދައްކައިގެން ކުރި ލިބޭނެ ވާހަކައެއް ނޫން. އަބަދުުވެސް އަންނަ ސިޓުއޭޝަނަކަށް ބަލައިގެން މިކުޅެނީ. މިދިޔަ މެޗުގައި ކުޅުންތެރިން ދެއްކި ޕާފޯމަންސް ރަނގަޅު. ވަރަށް ރަނގަޅަށް ކުޅެ ގިނަ ފުރުސަތުތަކެއް ހޯދި. އޭގެ ބޭނުން ނުކުރެވުނީ. އެކަމަކު ޒުވާން ޓީމެއްވީމަ އެހެންވެދާނެ. މިދިޔަ މެޗަށްވުރެ މި މެޗުގައި ރަނގަޅަށް ކުޅެވޭނެކަމަށް މި އުއްމީދުކުރަނީ." ފެސްކޯ ބުންޏެވެ.

އޭނާ ބުނީ ބުރަކީ ފުރަތަމަ ޑިވިޝަނަށް އާ ޓީމެއް ނަމަވެސް ކުޅުންތެރިންނަކީ ތަޖުރިބާކާާރު ކުޅުންތެރިން ކަމަށާއި، އެޓީމްގައި އޮތީ ބެލެންސް ސްކޮޑެއް ކަމަށެވެ.

ވެލެންސިއާ އަކީ މި ސީޒަންގެ ލީގުގައި ގޯލެއް ނުޖެހި އޮތް ހަމައެކަނި ޓީމެވެ. މިކަމާ ގުޅޭގޮތުން ފެސްކޯ ބުނީ ގޯލު ނުޖެހުމަކީ ޓީމަށް އޮތް މައްސަލައެއް ކަމަށާއި، މެޗުތަކުން މޮޅުވުމަށް އޮތް އެންމެ ބޮޑު ހުރަހަކީ ވެސް އެއީ ކަމަށެވެ. އޭނާ ބުނީ މިދިޔަ ދެ ޕްރެކްޓިސްގައި ވެސް އެކަން ރަނގަޅު ކުރުމަށް މަސައްކަތް ކޮށްފައިވާނެ ކަމަށެވެ.

"އެންމެ ބޮޑު ޓާގެޓަކަށް މިއޮތީ މިހާރު ވިންއެއް ހޯދުން. މިހާރު އަޅުގަނޑު ދެކޭ ގޮތުގައި ވެލެންސިޔާގެ ނަމުގައި ނިކުންނަ ޓީމެއް ވެއްޖެއްޔާ ޕޮއިންޓެއް ނުހޯދައި މިހާ ގިނަ ދުވަހު ލީގެއްގައި އޮތުމަކީ ދެރަކަމެއް. އެހެންވީމަ އޭގެއިން އަރައިގަނެވޭތޯ މިއަންނަނީ މަސައްކަތްކުރަމުން. މިދިޔަ މެޗުގައި ދިމާވި މައްސަލަތަކަށް ހައްލު ހޯދަން މިދިޔަ ދެ ޕްރެކްޓިސްގައި މަސައްކަތްކުރަމުން މިއައީ." ވެލެންސިއާ އަށް ގިނަ ފަހަރުތަކެއް މަތިން ކޯޗުކޮށްދިން ފެސްކޯ ބުންޏެވެ.

ވެލެންސިއާ އާއި ބުރު ސްޕޯޓްސް ކްލަބް ކުޅޭ މެޗު ފަށާނީ މިރޭ ރާއްޖެ ގަޑިން 21:00 ގަ އެވެ.