Advertisement

ސަރަހައްދީ މަސްވެރިކަން ބެލެހެއްޓުން ހަރުދަނާކުރަން ވޯލްޑް ބޭންކުގެ އެހީ ރާއްޖެއަށް

18 މޭ 2023 - 08:56 0

ސާއިފް ޝިޔާދު

ސާއިފް ޝިޔާދު


ސަރަހައްދީ މަސްވެރިކަން ބެލެހެއްޓުން ހަރުދަނާކުރަން ވޯލްޑް ބޭންކުގެ އެހީ ރާއްޖެއަށް

18 މޭ 2023 - 08:56 0

ދެކުނު ހުޅަނގު އިންޑިއާ ކަނޑުގެ ސަރަހައްދުގެ މަސްވެރިކަން ބެލެހެއްޓުން ހަރުދަނާ ކުރުމަށާއި ރާއްޖޭގެ މަސްވެރިކަމުގެ ސިނާއަތުގެ ވާދަވެރިކަން އިތުރުކުރުމަށް ވޯލްޑް ބޭންކުގެ އެގްޒެކެޓިވް ޑިރެކްޓަރުންގެ ބޯޑުން 64.8 މިލިއަން ޑޮލަރުގެ މަޝްރޫއެއް ފާސްކޮށްފި އެވެ.

ޓްރާންސްފޯމިން ފިޝަރީޒް ސެކްޓާ މެނޭޖްމަންޓް އިން ސައުތު-ވެސްޓް އިންޑިއަން އޯޝަން ރީޖަން އެންޑް މޯލްޑިވްސް ޕްރޮޖެކްޓް (ޓްރާންސްފޯމް)ގެ އަމާޒަކީ މުޅި ދެކުނު ހުޅަނގު އިންޑިއާ ކަނޑުގެ ސަރަހައްދުގެ މަސްވެރިކަން ބެލެހެއްޓުން ހަރުދަނާކުރުން ކަމަށް ވޯލްޑް ބޭންކުން ބުނެ އެވެ.

ލިބެން ހުރި މައުލޫމާތުތަކުގެ މައްޗަށް ބިނާކޮށް ނިންމުންތައް ނިންމުމަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ޑޭޓާ އަދި ދިރާސާތައް ހަދައި އެ މައުލޫމާތު ހިއްސާކުރުމުގެ ތެރެއިން ސަރަހައްދީ ގުޅުން ބަދަހިކުރުމާއި، މަސްވެރިކަމާއި މަހުގެ ސްޓޮކް ހުރި މިންވަރު ދެނެގަތުން ހަރުދަނާކުރުމާއި، ވަކި އަމާޒުތަކަކަށް ވާސިލްވެވޭ ގޮތަށް ގާބިލިއްޔަތުކަން އިތުރުކުރުން، އަދި ސަރަހައްދީ ފެންވަރުގައި މަސްވެރިކަން ބެލެހެއްޓުމަށް ކުރެވޭ އެހެނިހެން ކަންކަމާ ގުޅިލާމެހިގެންދާ ގޮތަށް މަސައްކަތްތައް ބައްޓަންކުރުން ކަމަށް ވެސް ވޯލްޑް ބޭންކުން ބުނެ އެވެ.

"ދެމެހެއްޓެނިވި ގޮތެއްގައި މަސްވެރިކަން ބެލެހެއްޓުމުގައި ރާއްޖޭން ހޯދާފައިވާ ހަރުދަނާ ކާމިޔާބީ އަކީ ދެކުނު ހުޅަނގު އިންޑިއާ ކަނޑުގެ ސަރަހައްދުގެ އެހެން ގައުމުތަކަށް ނަމޫނާއަކަށް ވެގެންދާނެ،" ވޯލްޑް ބޭންކުން ދިވެހިރާއްޖެ އާއި ސްރީ ލަންކާ އަދި ނޭޕާލަށް ކަނޑައަޅާފައި ހުންނަވާ ކަންޓްރީ ޑިރެކްޓަރު ފާރިސް އެޗް ހަދާދު-ޒާވޮސް ވިދާޅުވި އެވެ.

މި މަޝްރޫއުގެ ސަބަބުން މަސްވެރިކަމާއި މެރިކަލްޗާ އަދި އެކުއަކަލްޗާ ފަދަ ގުޅުންހުރި ދާއިރާތަކުގައި ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް ބޮޑު ދައުރެއް އަދާކުރުމަށް މަގުފަހިވެގެންދާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"މިއީ ރާއްޖޭގެ އަމިއްލަ ވިޔަފާރިތަކުގެ ކުރިއެރުމަށް ހުރަސް އެޅޭ ގޮތަށް ހުރި ކަންކަމާއި އިންވެސްޓްމަންޓާއި ވިޔަފާރީގެ މާހައުލުގައި ހުރި ބަލިކަށިކަމަށް ހައްލެއް ހޯދުމަށް ދިވެހި ސަރުކާރާއި ވޯލްޑް ބޭންކާ ދެމެދު ގާއިމްކޮށްފައިވާ މުހިންމު ގުޅުމުގެ ދަށުން ކުރިއަށްގެންދެވޭ މަޝްރޫއެއް," އޭނާ ވިދާޅުވި އެވެ.

މި މަޝްރޫއުގެ ދަށުން، މަސްވެރިކަމުގެ ސިނާއަތުގެ ހިންގުން ހަރުދަނާކުރުމަށްޓަކައި ގައުމީ ފެންވަރުގައި ގާބިލުކަމާއި ހުނަރު ތަރައްގީކޮށް، ގުޅުންހުރި ގަވާއިދުތައް އެކުލަވާލާނެ އެވެ. ދިގު މުއްދަތުގެ އަމާޒަކީ، ދެކުނު ހުޅަނގު އިންޑިއާ ކަނޑުގެ ސަރަހައްދުގެ، ހާއްސަކޮށް މި ސަރަހައްދުގެ ޖަޒީރާ ގައުމުތަކުގެ އިލްމާއި ގާބިލުކަން އިތުރުކުރުމަށް އެހީތެރިކަން ފޯރުކޮށްދޭ ސަރަހައްދީ މަރުކަޒެއްގެ ގޮތުގައި ރާއްޖެއިން ހަރަކާތްތެރިވުމެވެ.

މި މަޝްރޫއުގެ ދަށުން، ތިމާވެއްޓާ ރަށްޓެހި، ކާރިސާތަކަށް ތައްޔާރުވެފައިވާ އަދި އެންމެންގެ ބައިވެރިވުން އޮންނަ ވިޔަފާރި ފުޅާކުރުމުގެ އުސޫލުތަކެއްގެ ތެރެއިން މަސްވެރިކަމާއި އެ ސިނާއަތާ ގުޅުންހުރި ދާއިރާތައް ފުޅާކޮށް، ތަރައްގީކުރުން ހިމެނެ އެވެ. މިސާލަކަށް، ރާއްޖޭގެ ވާދަވެރި ވިޔަފާރީގެ މާހައުލަށް ހުރި ހުރަސްތައް މަޑުމަޑުން ނައްތާލުމާއި، ދެކުނު ހުޅަނގު އިންޑިއާ ކަނޑުގެ ސަރަހައްދުގެ ގައުމުތަކުގެ މަސްވެރިކަމުގެ ދާއިރާއިން ފިލާވަޅުތައް ލިބިގަތުމަށް މަގުފަހިކޮށްދިނުން ހިމެނެ އެވެ.

"މި މަޝްރޫއުގެ ސަބަބުން ސަރަހައްދީ އެއްބައިވަންތަކަމާއި އެއްބާރުލުން އިތުރުވެ، ގައުމުތަކުގެ މެދުގައި އުނގެނުމާއި އެހީތެރިކަން ފޯރުކޮށްދިނުމަށް މަގުފަހިވެގެންދާނެ،" ވޯލްޑް ބޭންކުގެ ޓާސްކް ޓީމް ލީޑަރު ސަޗިކޯ ކޮންޑޯ ވިދާޅުވި އެވެ.

"ކަމާ ގުޅުން ހުރި ފަރާތްތަކުގެ އެކަށީގެންވާ ހުނަރާއި ގާބިލުކަން ހަރުދަނާކޮށް، ބަޔޯސެކިއުރިޓީ އާއި ޖައްވަށް ދޫކުރެވޭ ވިހަ ގޭސްތައް މަދުކުރުން ފަދަ ގޮންޖެހުންތަކުން އަރައިގަތުމަށް ގައުމީ ފެންވަރުގައި ގާބިލުކަން ތަރައްގީކުރުމާއި ތިމާވެށީގެ ގޮތުން ހަރުދަނާ އަދި އުފެއްދުންތެރިކަން ކުރިއެރުވޭ ކަންކަން އަށަގަންނުވައި އާލާކުރުމަކީ މަސްވެރިކަމުގެ ސިނާއަތް ބެލެހެއްޓުމުގެ ބައެއް،" ވޯލްޑް ބޭންކުގެ ލީޑް އެންވަޔަރަމެންޓަލް ސްޕެޝަލިސްޓް އަދި މި މަޝްރޫއުގެ ކޯ-ޓާސްކް ޓީމް ލީޑަރު ޓަޕަސް ޕޯލް އިތުރަށް ވިދާޅުވި އެވެ.

މި މަޝްރޫއު ކުރިއަށް ގެންދާނީ ސަރަހައްދީ ފެންވަރުގައި މަސައްކަތްކުރާ އިންޑިއަން އޯޝަން ކޮމިޝަނާއި ރާއްޖޭގެ މިނިސްޓްރީ އޮފް ފިޝަރީޒް މެރިން ރިސޯސަސް އެންޑް އެގްރިކަލްޗާ ގުޅިގެންނެވެ. މި މަޝްރޫއަށް ހަރަދުކުރުމަށް ހަމަޖެހިފައިވަނީ ޖުމްލަ 64.8 މިލިއަން ޑޮލަރެވެ.

އޭގެ ތެރޭގައި ހިމެނެނީ، ތަރައްގީވަމުން އަންނަ ގައުމްތަކަށް ލުއި ގޮތްތަކެއްގެ މަތިން އެހީތެރިކަން ފޯރުކޮށްދިނުމަށް ހާއްސަ ވޯލްޑް ބޭންކްގެ ގޮފި ކަމަށްވާ އިންޓަނޭޝަނަލް ޑިވެލޮޕްމަންޓް އެސޯސިއޭޝަން (އައިޑީއޭ) އިން އިންޑިއަން އޯޝަން ކޮމިޝަނަށް ދޭ 12 މިލިއަން ޑޮލަރުގެ ހިލޭ އެހީގެ އިތުރުން، އެ ގޮފިން ރާއްޖެއަށް ދޭ 26.4 މިލިއަން ޑޮލަރުގެ ލޯނާއި 26.4 މިލިއަން ޑޮލަރުގެ ހިލޭ އެހީ އެވެ.

ދެކުނު ހުޅަނގު އިންޑިއާ ކަނޑުގެ ސަރަހައްދުގެ ކަނޑު ރާއްޖެ އާއި އިތުރު 11 ގައުމަކުން ހިއްސާކުރެ އެވެ. އެއީ, ޖަޒީރާ ގައުމުތައް ކަމަށްވާ ކޮމޮރޯސް، ލާ ރިޔޫނިއަން (ފްރާންސް)، މަޑަގަސްކަރަ، މޮރިޝަސް އަދި ސީޝެލްސްގެ އިތުރުން، އެއްފަސް ހަ ގައުމު ކަށްވާ ކެންޔާ، މޮޒަމްބިކް، ސޯމާލިއާ، ދެކުނު އެފްރިކާ، ޓެންޒޭނިއާ އަދި ޔަމަނެވެ. މި ގައުމުތަކަކީ، ސަރަހައްދީ މަސްވެރިކަމުގެ ޖަމިއްޔާއެއް ކަމަށްވާ ސައުތު ވެސްޓް އިންޑިއަން އޯޝަން ފިޝަރީޒް ކޮމިޝަން (އެސްޑަބްލިއުއައިއޯއެފްސީ)ގެ މެމްބަރުންނެވެ.