Advertisement

ހަ މީހުން މަރުވި ނިއުޒީލޭންޑްގެ ހޮސްޓެލްގައި ގަސްދުގައި ރޯކުރިކަމުގެ ތުހުމަތު

އަލިފާން ރޯވީ ލޯފާޒް ލޮޖް ހޮސްޓެލްގައި. -- ފޮޓޯ: އޭއެފްޕީ


ހަ މީހުން މަރުވި ނިއުޒީލޭންޑްގެ ހޮސްޓެލްގައި ގަސްދުގައި ރޯކުރިކަމުގެ ތުހުމަތު

ނިއުޒީލޭންޑްގެ ވެލިންގްޓަންގައި އެމެޖެންސީ ބޯހިޔާވަހިކަމަށް ހާއްސަ ހޮސްޓެލްގައި ގަސްދުގައި ރޯކުރީ ކަމަށް ފުލުހުން ތުހުމަތުކޮށްފި އެވެ.

އެހެންވެ، މިހާރު ފުލުހުން ހިންގަމުން ދަނީ މަރުގެ ތަހުގީގެކެވެ. އެ ތަނުގައި ރޯވެ ހަ މީހުން މަރުވި އިރު، 20 މީހުންގެ ހަށިގަނޑު ފެނިފައެއް ނުވެ އެވެ.

ހަތަރު ފަންގިފިލާގެ ހޮސްޓެލްގައި ރޯވީ އަންގާރަ ދުވަހުގެ އިރާކޮޅު އެވެ. ބައެއް މީހުން އެ ތަނުގެ ފުރާޅު މައްޗަށް އަރައި، ކުޑަދޮރުން ފުންމާލަން މަޖުބޫރުވި އެވެ.

އަލިފާނުގައި ލިބުނު ގެއްލުމުގެ ބޮޑުކަމުން މަރުވި މީހުންގެ ސީދާ އަދަދު ފުލުހުން އަދިވެސް ރަސްމީކޮށް އިއުލާނެއް ނުކުރެ އެވެ. އެހެން ނަމަވެސް، އެ އަދަދު އިތުރުވާނެ ކަމަށް ވަނީ ބުނެފަ އެވެ.

އެ ތަނުގައި އުޅުނު މީހުންގެ ތެރެއިން 90 މީހުން ސަލާމަތުން ތިބި އިރު، ހަބަރެއް ނުވާ މީހުންނާއި މަރުވި މީހުންގެ ވަނަވަރު މިހާތަނަށް ހާމަކޮށްފައެއް ނުވެ އެވެ.

ބޮޑު ވަޒީރު ކްރިސް ހިޕްކިންސް ވިދާޅުވީ އެއީ ހިތާމަވެރި ހާދިސާއެއް ކަމަށާއި އެކަމުން ހުޅުވެނީ ގައުމަށް ދިމާވެފައިވާ ބޯހިޔާވަހިކަމާ ގުޅޭ ކާރިސާގެ ބަހުސް ކަމަށެވެ.

ނުވަދިހަ ދެ ކޮޓަރި ހުންނަ އެ ހޮސްޓެލަކީ ބޯހިޔާވަހިކަން ހޯދަން ދަތި މީހުންނަށް ހާއްސަ ތަނެކެވެ. އޭގެ ތެރޭގައި އާމްދަނީ ދަށް މީހުންނާއި ނުކުޅެދޭ މީހުން ހިމެނެ އެވެ.

އެމެޖެންސީ ބޯހިޔާވަހިކަން ފޯރުކޮށްދޭ ތަނެއްގެ ގޮތުގައި ލޯފާޒް ލޮޖް ހަމަޖެއްސީ 2011 ގަ އެވެ. ސަރުކާރާ އެކު އޭރު އެކުލަވާލި އެއްބަސްވުން ހަމަވި ނަމަވެސް، ރޯވުމާ ހަމައަށް ވެސް އެތަނަކީ ނުރަސްމީކޮށް ވަގުތީ ބޯހިޔާވަހިކަން ފޯރުކޮށްދެމުން ދިޔަ ތަނެކެވެ.

ނިއުޒީލޭންޑުގައި ގެ އާއި އެޕާޓްމަންޓުގެ އަގު އަދި ކުލި ވަރަށް ބޮޑަށް އުފުލި ކާރިސާއެއް އުފެދިފައިވާ އިރު، ދައުލަތުގެ ފަރާތުން ހެޔޮ އަގުގައި ފޯރުކޮށްދޭ ބޯހިޔާވަހިކަމުގެ ދަތިކަން ވަރަށް ބޮޑެވެ.

ރަސްމީ ހިސާބުތައް ދައްކާ ގޮތުން 3،300 އަށް ވުރެ ގިނަ އާއިލާ ދިރިއުޅެނީ އެކަށީގެންވާ ބޯހިޔާވަހިކަމެއް ނެތި، އުނދަގޫ ހާލަތްތަކުގައި ވަގުތީ ތަންތަނުގަ އެވެ.