Advertisement

ތޫފާން މޯކާގައި މިޔަންމާއިން 81 މީހުން މަރުވެއްޖެ

ތޫފާނުގައި މީހެއްގެ ގެ ސުންނާފަތިވެފައި. -- ފޮޓޯ: އޭއެފްޕީ


ތޫފާން މޯކާގައި މިޔަންމާއިން 81 މީހުން މަރުވެއްޖެ

ބޫމާ، މިޔަންމާ (މޭ 16) - ބޭ އޮފް ބެންގޯލްގައި އުފެދުނު ބާރުގަދަ ތޫފާން މޯކާ މިޔަންމާއަށް އަރައި މަރުވި މީހުންގެ އަދަދު 81 އަށް އަރައިފި އެވެ.

މިޔަންމާގެ އައްސޭރިފަށަށް މޯކާ އެރީ އާދީއްތަ ދުވަހު ގަޑިއަކު 195 ކިލޯމީޓަރުގެ ބާރުމިނުގަ އެވެ. ގަދަވައިގެ ސަބަބުން ބޮޑެތި ގެއްލުންތަކެއް ލިބިފައިވެ އެވެ.

އެންމެ ބޮޑަށް އަސަރު ކުރީ ރޮހިންޔާ ދަރިކޮޅުގެ މީހުން ދިރިއުޅޭ ރަހީން ސްޓޭޓަށެވެ. އިމާރާތްތައް ވެއްޓި ގަހާއި ދަގަނޑު ހޮޅިތައް ވެއްޓުމުން މީހުން މަރުވެފައިވެ އެވެ.

ބޫމާ އަވަށުގެ ވެރިޔާ ކާލޯ ވިދާޅުވީ އެތައް ސަތޭކަ ބަޔަކު ގެއްލިގެން ރިޕޯޓުކޮށްފައިވާ ކަމަށާއި މަރުވި މީހުންގެ އަދަދު އިތުރުވަމުން ދާނެ ކަމަށެވެ.

މޯކާއަކީ ފާއިތުވި 10 އަހަރުގެ ތެރޭގައި ބޭ އޮފް ބެންގޯލްގައި އުފެދުނު އެންމެ ބާރުގަދަ ތޫފާނެވެ. ޗައިނާއިން ބުނީ ހާލުގައި ޖެހިފައިވާ މިޔަންމާގެ މީހުންނަށް އެހީ ފޯރުކޮށްދޭން ބޭނުންވާ ކަމަށެވެ.

މިޔަންމާގެ ކުރިން ތޫފާން އެރީ ބަންގްލަދޭޝަށެވެ. އެހެން ނަމަވެސް އެ ގައުމުން އެއްވެސް މީހަކު މަރުވެފައި ނުވާ ކަމަށް ރިޕޯތުތައް ބުނެ އެވެ.