17 މޭ 2023 - 13:35 0
ފާތިމަތު ސާޔާ އަހުމަދު
އަޒަރްބައިޖާނުގައި ހުންނަ އިރާން އެމްބަސީ ބޭރުގައި ފުލުހަކު. -- ފޮޓޯ: އޭޕީ
17 މޭ 2023 - 13:35 0
ބާކޫ، އަޒަރްބައިޖާން (މޭ 16) - އިރާނާ ގުޅިގެން ބަގާވާތްކޮށް ބަޔަކު މަރަން ރޭވިކަމުގެ ތުހުމަތުގައި އަޒަރްބައިޖާނުން ނުވަ މީހުން ހައްޔަރުކޮށްފި އެވެ.
އިރާނާއި އަޒަރްބައިޖާންގެ ގުޅުން އާއްމުކޮށް ގޯހެވެ. ބަގާވާތުގެ ތުހުމަތު ކުރީ ދެ ގައުމުން ވެސް ޑިޕްލޮމެޓުންތަކެއް ފޮނުވާލި ފަހުންނެވެ.
އަޒަރްބައިޖާންގެ އިންޓީރިއާ މިނިސްޓްރީ އާއި ޕްރޮސެކިއުޓާ ޖެނެރަލް ގުޅިގެން ނެރުނު ބަޔާނެއްގައި ބުނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔައީ އިރާނުގެ ޖާސޫސީ އިދާރާތަކާ ގުޅިގެން އުޅޭ މީހުން ކަމަށެވެ.
އެ ބަޔާނުގައި ނުވަ މީހެއްގެ ނަން ފާހަގަކޮށްފައިވާ އިރު، އިތުރު ބަޔަކު ވެސް ބަންދުކޮށްފައިވާ ކަމަށް ބުންޏެވެ.
ބަޔާނުގައި ބުނީ އެ ގްރޫޕުން ރާވަމުން ދިޔައީ ހަމަނުޖެހުން އުފައްދައި ސަރުކާރު ވައްޓާލައި އިސް ވެރިންތަކެއް މެރުމަށް ކަމަށެވެ.
މިދިޔަ އެޕްރީލް މަހު ވެސް އިރާނާ ގުޅުން ހުރި ކަމަށް ތުހުމަތުކޮށް އަޒަރްބައިޖާނުގައި ހަ މީހުން ހައްޔަރު ކުރި އެވެ.
އަޒަރްބައިޖާނަށް އެންމެ ގިނައިން ހަތިޔާރު ފޯރުކޮށްދޭ އެއް ގައުމަކީ އިޒްރޭލެވެ. އެހެންވެ، އަޒަރްބައިޖާން މެދުވެރިކޮށް އިރާނަށް ހަމަލާއެއް ދީފާނެތީ އިރާނުން ކަންބޮޑުވެ އެވެ.
އޭގެ އިތުރުން އިރާނާ ވާދަވެރި ތުރުކީއަކީ ތާރީހީ ގޮތުން އަޒަރްބައިޖާންއާ އެންމެ ގުޅުން ރަނގަޅު އެއް ގައުމެވެ.
ދެ ގައުމުގެ ގުޅުން ގޯހުން ގޯހަށް ދާއިރު، މިދިޔަ ޖެނުއަރީ މަހު ތެހްރާންގައި ހުންނަ އަޒަރްބައިޖާންގެ އެމްބަސީ ތެރެއަށް މީހަކު ވަދެ ބަޑިން ހަަމަލާ ދިނެވެ.
އެ ހަމަލާގައި ޑިޕްލޮމެޓަކު މަރާލައި ދެ ގާޑުންނަށް އަނިޔާވި އެވެ. އެކަމުގެ ޒިންމާ އިރާނުން އުފުލަން ޖެހޭނެ ކަމަށް އަޒަރްބައިޖާނުން ބުންޏެވެ. އެކަމަކު އިރާނުން ބުނީ އެ ގައުމުގެ ސަރުކާރާ ގުޅުން އޮތް ކަމެއް ނޫން ކަމަށެވެ.
Comment