Advertisement

ވަކިވި ކަމަށް އާޒިމް ގަބޫލެއް ނުކުރައްވާ، ވިދާޅުވި ކޮމިޓީ ބޭއްވީ ގޯސްކޮށް ކަމަށް

16 މޭ 2023 - 11:13 2

މުހައްމަދު އުޝާމް

މުހައްމަދު އުޝާމް

މެދު ހެންވޭރު ދާއިރާގެ މެންބަރު އަލީ އާޒިމް؛ އެމްޑީޕީން ވަކިވި ކަމަށް ކޮމިޓީން ކަނޑައެޅިޔަސް ކޮމިޓީ ބޭއްވީ ގޯސްކޮށް ކަމަށް ވިދާޅުވި - ފޮޓޯ: މުހައްމަދު ޝާބިން / އަދަދު


ވަކިވި ކަމަށް އާޒިމް ގަބޫލެއް ނުކުރައްވާ، ވިދާޅުވި ކޮމިޓީ ބޭއްވީ ގޯސްކޮށް ކަމަށް

16 މޭ 2023 - 11:13 2

ރައްޔިތުންގެ މަޖިލީހުގެ މެދު ހެންވޭރު ދާއިރާގެ މެންބަރު އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ "ފިކުރެއްގެ ދިރުން" ފެކްޝަނުގައި އިސްކޮށް އުޅުއްވާ އަލީ އާޒިމް އެމްޑީޕީން ވަކިވެފައިވާ ކަމަށް ފިޔަވަޅު އަޅާ ކޮމިޓީން ނިންމިޔަސް، އެ ކޮމިޓީ ބާއްވާފައިވަނީ ގޯސްކޮށް ކަމަށް އާޒިމް ވިދާޅުވެއްޖެ އެވެ.

އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕުގެ ލީޑަރުކަން ކުރެއްވި އާޒިމަށް ފިޔަވަޅު އަޅައިދޭން ފޮނުވުމުން، ފިޔަވަޅު އަޅާ ކޮމިޓީން އިއްޔެ ބައްދަލުވި އެވެ. ކޮމިޓީގައި ބައިވެރިވި މެންބަރުން އިއްތިފާގުވީ އާޒިމް ޕާޓީން "ވަކިވެފައިވާ" ކަމަށެވެ. ވަކިކުރަން ޖެހޭ ތަނެއް ވެސް ނެތް ކަމަށެވެ.

މިކަމާ ގުޅިގެން "އަދަދު" ނޫހުން ސުވާލުކުރުމުން އާޒިމް ވިދާޅުވީ ޕާޓީން އެ ކަން ރަސްމީކޮށް ނާންގާހާ ހިނދަކު އޭނާ ޕާޓީން ވަކިވި ކަމަށް ގަބޫލު ނުކުރައްވާނެ ކަމަށެވެ. "ހިއެއް ނުވޭ ތިޔައީ ރަނގަޅު ވާހަކައެއް ހެން ވެސް" ކަމަށް އޭނާ ވިދާޅުވި އެވެ.

އާޒިމް ދެން އިޝާރާތް ކުރެއްވި ކަމަކީ ފިޔަވަޅު އަޅާ ކޮމިޓީގެ މުގައްރިރަކީ ޕާޓީގެ ނައިބު ރައީސް ކަމެވެ. ޕާޓީގެ ނައިބު ރައީސް މުހައްމަދު ޝިފާޒު (ޝިއްޕެ) އެ ބައްދަލުވުމުގައި ބައިވެރިވަޑައެއް ނުގަންނަވަ އެވެ. އަދި ޝިފާޒަކީ ވެސް "ފިކުރެއްގެ ދިރުން" ފެކްޝަނަށް ތާއީދުކުރައްވާ ބޭފުޅެކެވެ.

"އަސާސީ ގަވާއިދުގައި އޮންނާނެ، ޕާޓީގެ ނައިބު ރައީސް އެއީ ކޮމިޓީގެ މުގައްރިރު، ކޮމިޓީގެ މުގައްރިރު ހުރެގެން ކޮމިޓީ ބޭއްވޭނީ ވެސް، މުގައްރިރު އަންގަވާނީ ވެސް ބައްދަލުވުންތަކަށް ވެސް، އެހެންވީމަ ކޮމިޓީ ނުވެސް ބޭއްވޭނެ ނޫންތޯ،" އާޒިމް ވިދާޅުވި އެވެ.

އާޒިމަށް ފިޔަވަޅު އަޅައިދިނުމަށް ޕާޓީގެ ޕާލިމެންޓްރީ ގްރޫޕުން ޕާޓީގެ އިދާރާއަށް ފޮނުވީ، ފޯޅަވައްސާއި އައްޑޫއާ ދެމެދު ފުށުއަރާ ކަނޑުގެ ސަރަހައްދުގެ އިން ވަކިކުރި މައްސަލާގައި އެޓާނީ ޖެނެރަލް އިބްރާހީމް ރިފްއަތުގެ އިތުބާރު ނެތް ކަމުގެ މައްސަލަ މަޖިލީހަށް ސޮއި ދެއްވުމުންނެވެ.

ފޯޅަވައްސާއި އައްޑޫއާ ދެމެދު ފުށުއަރާ ކަނޑުގެ ސަރަހައްދުގެ އިން ވަކިކުރި މައްސަލާގައި، ކަނޑުގެ ޓްރަބިއުނަލް ކަމަށްވާ އިޓްލޮސްގައި ދިވެހި ސަރުކާރުން ގެންގުޅުނު ސްޓޭންޑާ ދެކޮޅަށް މަސައްކަތް ކުރުމަށް އުފައްދާފައިވާ އިދިކޮޅު ސިޔާސީ ޕާޓީތަކުގެ ކޯލިޝަނުގައި އެމްޑީޕީގެ އެ ފެކްޝަން ބައިވެރިވެ އެވެ. އަދި, އެ ކޯލިޝަންގެ ހަރަކާތްތަކުގައި އެ ފެކްޝަންގެ ފަރާތުން އެންމެ އިސްކޮށް ހަރަކާތްތެރިވަނީ އާޒިމް އެވެ.

ނަޝީދުގެ ފެކްޝަނަށް ތާއީދުކުރައްވާ ރައްޔިތުންގެ މަޖިލީހުގެ ބައެއް މެމްބަރުންނަށް ފިޔަވަޅު އެޅުމަށް ރައީސް ސޯލިހަށް ތާއީދުކުރާ ޕާޓީގެ މެމްބަރުން ވެސް ދަނީ ގޮވާލަމުންނެވެ. އެމްޑީޕީގެ 68 މެމްބަރުން މަޖިލީހުގައި ތިއްބަވާއިރު ވާދަވެރި ފެކްޝަނުގައި ނަޝީދު ހިމެނޭހެން ގާތްގަނޑަކަށް 15 މެމްބަރުން ތިއްބަވަ އެވެ.

އާޒިމް ވަކިވި ކަން ރަސްމީކޮށް ކަނޑައެޅުމުން އެމްޑީޕީގެ މެންބަރުންގެ އަދަދު 67 އަށް ތިރިވާނެ އެވެ.

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދަށް ލިބިވަޑައިގެންނެވި ނާކާމިޔާބަށް ފަހު އެ މަނިކުފާނު އުފެއްދެވި "ފިކުރެއްގެ ދިރުން" ހަރަކާތުގައި އިސްކޮށް ހަރަކާތްތެރިވާ އާޒިމް އެމްޑީޕީއާ ގުޅިވަޑައިގަތީ 2013 ވަނަ އަހަރު ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރަށް ފަހު އެވެ. އޭގެ ކުރިން އޭނާ ހުންނެވީ، ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް ފުރަތަމަ އުފެއްދެވި ޑީއާރުޕީގަ އެވެ.