މޮންޓެވީޑޯ (މެއި 16) - އުރުގުއޭ ފުޓްބޯޅަ ޓީމުގެ ކޯޗަކަށް އާޖެންޓީނާގެ ތަޖުރިބާކާރު ކޯޗު މާސެލޯ ބިއެލްސާ ހަމަޖައްސައިފި އެވެ.
މިދިޔަ އަހަރުގެ ފެބްރުއަރީ މަހު، އިނގިރޭސި ޕްރިމިއާ ލީގުގެ ލީޑްސް ޔުނައިޓެޑްގެ ކޯޗުކަމުން ވަކިކުރި ބިއެލްސާ، 67، އެ ފަހުން ޓީމަަކާ ހަވާލުނުވި ނަމަވެސް އެކި ކްލަބްތަކާއި ޓްރެއިނިން ސެންޓަރުތަކުގައި ވޮލަންޓަރީ ކޮށާއި ކޮންސަލްޓަންޓެއްގެ ގޮތުގައި މަސައްކަތް ކޮށްފަ އެވެ.
އުރުގުއޭގެ ކޯޗަކަށް އެންމެ ފަހުން ހުރި، ޑިއޭގޯ އަލޮންސޯ ވަކިކުރީ މިދިޔަ ނޮވެމްބަރާއި ޑިސެމްބަރު މަހު ގަތަރުގައި ބޭއްވި ފީފާ ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުގެ ގްރޫޕް ސްޓޭޖުން އުރުގުއޭ ކެޓުމުންނެވެ. އަލޮންސޯއާ ޓީމު ހަވާލުވުކުރީ ގިނަ އަހަރުތަކެއް ވަންދެން އުރުގުއޭ އަށް ކޯޗުކޮށްދިން އޮސްކާ ޓަބަރޭޒް ވަކިވުމުންނެވެ.
ބިއެލްސާއާ އުރުގުއޭ އިން ހަވާލުކުރި ޓާގެޓަކީ 2026 ވަނަ އަހަރުގެ ފީފާ ވޯލްޑް ކަޕަށް އުރުގުއޭ ކޮލިފައިކޮށްދިނުމެވެ.
އެ ގޮތުން، އުރުގުއޭ ފުޓްބޯޅަ ފެޑެރޭޝަނުން ބުނީ ލީޑްސް ޔުނައިޓެެޑްގައި ހުރެ، 2018 ޖޫން އިން 2022 ގެ ފެބްރުއަރީ އަށް ބިއެލްސާ ކުރި ފަދަ ބިނާކުރަނިވި މަސައްކަތެއް އުރުގުއޭ ފުޓްބޯޅައިގައި ކުރުމަށް އެދޭ ކަމަށެެވެ.
އުރުގުއޭ ކޯޗެއްގެ ގޮތުގައި ބިއެލްސާ މީޑިއާއަށް ތަައާރަފްކުރުން އޮތީ ބުދަ ދުވަހު އެވެ.
ތިރީހަށް ވުރެ ގިނަ އަހަރުގެ ކޯޗިން ކެރިއަރުގައި ބިއެލްސާ ވަނީ އާޖެންޓީނާ އާއި ޗިލީ ގައުމީ ޓީމުގެ އިތުރުން އެތުލެޓިކް ބިލްބާއޯ، މާސޭ އަދި ލިލް އަށް ވެސް ކޯޗުކޮށްދީފަ އެވެ.
Comment