މެސީ ނުލައި އާޖެންޓީނާ އިން އުރުގުއޭ ބަލިކޮށްފި

22 މާރިޗު 2025 - 06:27 0


މެސީ ނުލައި އާޖެންޓީނާ އިން އުރުގުއޭ ބަލިކޮށްފި

22 މާރިޗު 2025 - 06:27 0

މޮންޓެވީޑޯ، އުރުގުއޭ (މާޗް 22) - އަންނަ އަހަރު އެެމެރިކާ، މެކްސިކޯ އަދި ކެނަޑާގައި ބާއްވާ ފީފާ ވޯލްޑް ކަޕަށް ކޮލިފައިވާން ދެކުނު އެމެރިކާ ކޮލިފިކޭޝަންގައި އާޖެންޓީނާ އިން ލިއޮނަލް މެސީ ނުލައި ކުޅެ، 1-0 އިން އުރުގުއޭ ބަލިކޮށްފި އެވެ.

މި ނަތީޖާއާ އެކު، އާޖެންޓީނާ އިން ވަނީ އަންނަ އަހަރުގެ ވޯލްޑް ކަޕަށް ކޮލިފައިވުމުގެ ފުރުސަތު ބޮޑުކޮށްފަ އެވެ. އެ ގޮތުން، އާޖެންޓީނާ އަށް މިހާރު އޮތް ހިސާބުން ވެސް އެންމެ ކުޑަމިނުން، ޕްލޭއޮފްގެ ޖާގަ ލިބޭނެ އެވެ.

އިންޓަ މިއާމީ އަށް ކުޅެމުން އަންނަ އާޖެންޓީނާގެ ތަރި، މެސީ އަނިޔާގެ ސަބަބުން ރޭގެ މެޗުގައި ނުފެނެ އެވެ. އޭނާ ނުލައި ކުޅުނު މި މުހިންމު މެޗުން މޮޅުވެ، އާޖެންޓީނާ އިން ކޮލިފިކޭޝަން ތާވަލުގެ އެއް ވަނައިގައި އޮތީ 13 މެޗުން 28 ޕޮއިންޓާ އެކު އެެވެ. ދެ ވަނައިގައި އޮތީ ރޭ ވެނެޒުއޭލާ އަތުން 2-1 އިން މޮޅުވި އެކުއެޑޯ އަތުގަ އެވެ. އެ ޓީމަށް 13 މެޗުން ވަނީ 22 ޕޮއިންޓް ލިބިފަ އެވެ. ތިނެއްގައި އޮތް ބްރެޒިލަށް 13 މެޗުން 21 ޕޮއިންޓް ލިބިފައިވާއިރު، ހަތަރެއްގައި އޮތް އުރުގުއޭ އަށް ވަނީ 13 މެޗުން، 20 ޕޮއިންޓް ލިބިފަ އެވެ.

އެސްޓަޑިއޯ ސެންޓެނާރޯ ސްޓޭޑިއަމްގައި ރޭ ކުޅުނު މެޗުގައި އާޖެންޓީނާ އިން ހަމައެކަނި ގޯލު ޖެހީ މެޗުގެ ދެ ވަނަ ހާފުގަ އެވެ. މި ގޯލު ޖަަހައިދިނީ 68 ވަނަ މިނިޓްގައި، ތިއާގޯ އަލްމާޑާ އެވެ. އޭރިއާ ރޮނގުކައިރީގައި ހުރެފައި، އަލްމާޑާ ޖެހި ބާރު ބޯޅަ އަމާޒުވީ ގޯލުގެ މަތީ ކަނަށެވެ.

އާޖެންޓީނާ އިން މެޗު ނިންމާލީ ކުޅުންތެރިއަކު މަދުކޮށެވެ. އެއީ، އިތުރު ވަގުތުގެ ތެރޭގައި އެ ޓީމުގެ ނިކޮލަސް ގޮންޒާލޭޒަށް ރަތެއް ދެއްކުމުންނެވެ. އޭނާ އަށް ރަތެއް ދެއްކީ، އުރުގުއޭގެ ނަހިޓާން ނަންޑޭޒް އަށް ނުރައްކާތެރި ފައުލެއް ކުރުމުންނެވެ.