Advertisement

އެޕީލް ނާކާމިޔާބުވެ ނޫނޭޒްގެ ސަސްޕެންޝަނަށް އަމަލުކުރަން ޖެހިއްޖެ

14 މޭ 2025 - 10:58 1


އެޕީލް ނާކާމިޔާބުވެ ނޫނޭޒްގެ ސަސްޕެންޝަނަށް އަމަލުކުރަން ޖެހިއްޖެ

14 މޭ 2025 - 10:58 1

ޒިއުރިކް، ސްވިޒަލެންޑް (މެއި 14) - ކޮޕަ އެމެރިކާ ފުޓްބޯޅަ މުބާރާތުގެ ސެމީ ފައިނަލުގައި ކޮލަމްބިއާ އަތުން އުރުގުއޭ ބަލިވި މެޗަށް ފަހު، ކޮލަމްބިއާގެ ސަޕޯޓަރުންނާއި އުރުގުއޭގެ ކުޅުންތެރިންނާ ދެމެދު ހިނގި މާރާމާރީއާ ގުޅިގެން، އުރުގުއޭގެ ފޯވާޑް، ޑާވިން ނޫނޭޒްގެ އެޕީލް ނާކާމިޔާބުވެ، ސަސްޕެންޝަނަށް އަމަލުކުރަންޖެހިއްޖެ އެވެ.

އެންމެ ފަހުން ބޭއްވި ކޮޕަ އެމެރިކާ ފުޓްބޯޅަ މުބާރާތުގައި، ކޮލަމްބިއާ އަތުން 1-0 އިން އުރުގުއޭ ބަލިވި މެޗުގައި، އުރުގުއޭގެ ކުޅުންތެރިންގެ އާއިލާ ތިބި ސަރަހައްދާ ގާތުގައި، ކޮލަމްބިއާގެ ސަޕޯޓަރުން ތިބި އެވެ. މެޗަށް ފަހު، މައްސަލަ ހޫނުވީ، އުރުގުއޭގެ ކުޅުންތެރިންގެ އާއިލާއާ ކޮލަމްބިއާގެ ސަޕޯޓަރުން ދިމާކުރަން ފެށުމުންނެވެ. އެ ހިސާބުން، އުރުގުއޭގެ ކުޅުންތެރިން ވަނީ، ސަޕޯޓަރުންގެ ތެެރެއަށް ގޮސް، އާއިލާގެ ދިފާއުގައި މާރާމާރީ ހިންގައިފަ އެވެ.

އެ މައްސަލައިގައި، ނޫނޭޒްގެ ބައިވެރިވުން އޮތް މިންވަރު ބަލައި، 2024ގެ އޮގަސްޓް މަހު، އޭނާ ފަސް މެޗަށް ސަސްޕެންޑްކޮށް 20،000 ޑޮލަރުން ޖޫރިމަނާކުރި އެވެ. އެ ސަސްޕެންޝަނާ އެއްގޮތަށް ނޫނޭޒް ދެ މެޗެއްގައި ނުކުޅެ ހުންނަަަން ޖެހުނުއިރު، ފަހުން، އެ މައްސަލަ ކޯޓް އޮފް އާބިޓްރޭޝަން ފޯ ސްޕޯޓްސް (ކާސް)ގައި އެޕީލްކުރުމުން، ސަސްޕެންޝަނަށް އަމަލުކުރުން މަޑުކުރީ އެވެ.

އެހެން ނަމަވެސް، ކާސް އިން މިހާރު ނިންމާފައިވަނީ ނޫނޭޒަށް ދިން ސަސްޕެންޝަން ރަނގަޅު ކަމަށާއި އެއާ އެއްގޮތަށް އަމަލުކުރަން ޖެހޭނެ ކަމަށެވެ. އެހެންކަމުން، ވޯލްޑް ކަޕް ކޮލިފައިންގައި ދެން އުރުގުއޭ ކުޅޭ ތިން މެޗުގައި ނޫނޭޒަށް ނުުކުޅެވޭނެ އެވެ. ނޫނޭޒް ނުލައި ކުޅެން ޖެހޭނެ މެޗުތަކަކީ، ޕެރަގުއޭ، ވެނެޒުއޭލާ އަދި ޕެރޫ މެޗެވެ.

ކޮލަމްބިއާ މެޗުގައި ހިނގައިދިޔަ ކަންތައްތަކަށް ފަހު، އިތުރު ކުޅުންތެރިންނަށް ވެސް އަދަބު ދިނެވެ. އުރުގުއޭ އަށް ކުޅޭ ޓޮޓެންހަމްގެ މިޑްފީލްޑަރު، ރޮޑްރީގޯ ބެންޓަންކޫރު ވަނީ ހަތަރު މެޗަށް ސަސްޕެންޑްކޮށްފަ އެވެ. ނަޕޯލީގެ ޑިފެންޑަރު، މަތައިސް އޮލިވޭރާ، ބާސެލޯނާގެ ރޮނާލްޑް އަރައުހޯ އަދި އެތުލެޓިކޯ މެޑްރިޑްގެ ހޯސޭ މާރިއާ ޖިމެނޭޒަށް ވަނީ ތިން މެޗުގެ ސަސްޕެންޝަނެއް އަތުވެފަ އެވެ.