14 މޭ 2023 - 09:02 0
ބުރު ސްޕޯޓްސް ކްލަބްގެ ކޯޗު މުހައްމަދު ނިޒާމް (ނިޒާމްބެ) ނޫސްވެރިންގެ ބައްދަލުވުމެއްގެ ތެރެއިން.-- ފޮޓޯ: އިސްމާއިލް އަޒްމީން/ އަދަދު
14 މޭ 2023 - 09:02 0
މިއަދު ހަވީރު ޓީސީ ސްޕޯޓްސް ކުލަބާާ ދެކޮޅަށް ދިވެހި ޕްރިމިއާ ލީގުގައި ކުޅެން ހަމަޖެހިފައި އޮތް މެޗަށް ނިކުންނައިރު ޓީމުން ބަދަލުތަކެއް ފެނުން ގާތް ކަމަށް ބުރު ސްޕޯޓްސް ކްލަބްގެ ކޯޗު މުހައްމަދު ނިޒާމް (ނިޒާމްބެ) ބުނެފި އެވެ.
ލީގުގައި މިއަދު ހަވީރު ޓީސީއާ ދެކޮޅަށް ބުރު ނުކުންނައިރު އެ ޓީމު ވަނީ ފުރަތަމަ މެޗުގައި ކުލަބު އީގަލްސް އަތުން ބަލިވެފަ އެވެ.
ޓީސީ މެޗަށް ޓީމްގެ ތައްޔާރީތަކާ ގުޅޭގޮތުން ނިޒާމްބެ ބުނީ ގާތް ގާތުގައި މެޗުތައް ކުޅެން ޖެހުމުން އެކަމުގެ އަސަރު މިހާރު ޓީމުން ފެންނަމުން އަންނަ ކަމަށެވެ. މިއީ މި ވަގުތަށް ބަލާއިރު ޕްރީ ސީޒަން ރަނގަޅަށް ނަހަދައި އޮތުމުގެ ސަބަބުން ޓީމަށް ދިމާވެފައި އޮތް މައްސަލައެއް ކަމަށާއި، ދެން އަންނަ މެޗުގައި ޓީމަށް ބަދަލުތަކެއް ގެންނަން އޭނާ އަށް މަޖުބޫރު ކަމަށް ނިޒާމްބެ ވަނީ ބުނެފަ އެވެ.
"ޓީމަށް މިހާރު މި ދިމާވަނީ ރަނގަޅު ޕްރީ ސީޒަނެއް ނުހެދި ގާތް ގާތުގައި މެޗުތައް ކުޅެން ޖެހުނީމަ ދިމާވާ މައްސަލަ. މިއަންނަ މެޗަށް ނިކުންނައިރު އެ މައްސަލަ އެބައުޅޭ ޓީމްތެރޭގައި. ފަހަރުގައި ދެން އަންނަ މެޗަށް އެންމެ ރަނގަޅު ޓީމް ނުވަތަ އެގާރަ ފަހަރުގައި ނުނެރެވިދާނެ." ނިޒާމްބެ ބުންޏެވެ.
އޭނާ ބުނީ މިއަދުގެ މެޗުން ތިން ޕޮއިންޓް ހޯދުން ވަރަށް މުހިންމު ކަމަށާއި، މިދިޔަ މެޗުގައިވެސް ރަނގަޅަށް ކުޅެވި ބަލިވެފައި އޮތުމުން މޮޅެއް ހޯދުން މުހިންމު ކަމަށެވެ.
ބުރާ ދެކޮޅަށް ނިކުންނަ ޓީސީއާ ގުޅޭގޮތުން ނިޒާމްބެ ބުނީ އެ ޓީމަށް އޮތް އެންމެ ބޮޑު އެޑްވާންޓޭޖަކީ މިދިޔަ ސީޒަންގައި ގިނަ މެޗުތަކެއް އެއްކޮށް ކުޅެފައި ތިބި ކުޅުންތެރިން ތިބުން ކަމަށާއި، އެއީ ނަތީޖާ ނެރެން ބަލާއިރު އެ ޓީމަށް ލިބޭނެ ހިތްހަމަޖެހުމެއް ކަމަށެވެ.
"ޓީސީގައި އެ އޮތީ ގާތް ގަނޑަކަށް މިދިޔަ ސީޒަންގައި ތިރީހަކަށް މެޗު އެއްކޮށް ކުޅެފައި އޮތް ޓީމެއް. މި ސީޒަންގައި ކުޅުންވެސް ގޯހެއް ނޫން. އެހެންވީމަ ވިސްނައިގެން ކުޅެގެން ރަނގަޅު ނަތީޖާއެއް ނެެރެވޭނީ. މި މެޗަކީ ވިން ކުރެވޭނެ މެޗެއް. އެންމެ އެކަށީގެންވާ އެފަޓް ކުޅުންތެރިން ލައިފިއްޔާމުން މި މެޗުން މޮޅުވެވެން ފޭބޭނީ." ނިޒާމްބެ ބުންޏެވެ.
ފުރަތަމަ ޑިވިޝަންގައި އަލަށް ވާދަކުރަމުން އަންނަ ބުރަށް ސީޒަންގެ ފެށުން އެހާ ރަނގަޅު ނޫންކަމަށާއި، އެކަން ބަދަލުކުރަން މެޗުތަކުން މޮޅުވާން މުހިންމުކަން އޭނާ ފާހަގަކުރި އެވެ. އެހެންކަމުން މި މެޗުން މޮޅުވެ އެ ބަދަލު ގެންނަން އުންމީދުކުރާ ކަމަށް ނިޒާމްބެގެ ވާހަކައިގައި ފާހަގަކޮށްފައިވެ އެވެ.
ބުރު އަތުން ޓީސީ ވަނީ ޕްރެޒިޑެންޓްސް ކަޕްގައި 1-0 އިން މޮޅުވެފަ އެވެ. މިއަދު މި ދެ ޓީމު ކުޅޭ މެޗު ފަށާނީ ހަތަރެއް ޖަހާއިރު އެވެ.
Comment