Advertisement

ރާފިލްގެ ރާއްޖެ- ބަބުރު އަކުރުން


ރާފިލްގެ ރާއްޖެ- ބަބުރު އަކުރުން

ގެއިން ބޭރަށް ނިކުމެލާނެ ފުރުޞަތު ލިބުމާއެކު އާދައިގެ މަތިން މިސްރާބު ޖެހީ ނޮވެލްޓީ ބުކްޝޮޕާ ދިމާއަށެވެ. އަހަރެންގެ ކުޑަކުޑަ ކުތުބުޚާނާގައި ނެތް، ޝައުޤުވެރިކުރަނިވި، ދިވެހި ފޮތެއް ވިއްކަން ނެރެފައި އެބަހުރިތޯ ބަލާލުމަށެވެ. ބުކްޝޮޕްގެ މަތީ ފަންގިފިލާގައި އެނބުރެމުން ސެނބުރެމުން، އެއްފޮތް ނަގައި އޭގެ ބައެއް ކިޔާލާފައި އަނެއް ފޮތް ނަގައި އޭގެ ބޭރުގަނޑު ބަލާލަ ބަލާލަ ހުންނަތާ ވިއްސަކަށް މިނެޓު ވީ ފަހުން ފެނުނީ ފަންޑިތަވެރިކަމުގައި ކުރަހާ އަކައަކާ ވައްތަރު ޒާތެއްގެ އެއްޗެއްގެ ތެރޭ، ކަށް ދެ އަތުން މަސްދަތް ފިޔޮއްސެއްގައި ހިފައިގެން އެއްޗެއް ލިޔާގޮތް ސިފަވާ ގޮތަށް ކުރަހާފައި ހުރި ކުރެހުމެކެވެ. ކަޅު ކުލައިގެ ބަނޑޭރިގަނޑެއްގައި އިރުއޮއްސޭ ދަޅައިގައި އުޑުމަތިން އެ ފެންނަ ކަޅު-ދަނބު ކުލަ ފޭދިފައި ހުންނަ ގޮތް ސިފަވާނޭހެން މި ކުރެހުމުގައި ކުލަޖައްސާފައި ހުރި އިރު، ޒާތެއްގެ ދަމާބާރެއް ހުރިހެން ހީވެއެވެ. އެ ސިއްކައިގެ ވަށައިގެން ބޮޑުއަކުރުން "ބަބުރު އަކުރު" މިހެން ލިޔެފައި އޮތުމުން ޝައުޤުވެރިކަން އިތުރުވިއެވެ. ފޮތް ނަގައި ޞަފުޙާތައް ވިނަވާލުމުން ފެނުނީ ލަފުޒު މަދު، އިނގިރޭސި އަދި ތާނަ އަކުރުން ސާފު ލިޔުންތައް ހުރި ޞަފުޙާތަކާއި ކުރެހުމުން ފުރާފައި ހުރި ޞަފުޙާތަކެކެވެ. ފޮތުގެ އަގަށް ބަލާލާފައި ކުޑަކޮށް ބުރެކި ޖެހުމުން، ދެން ބަލާލީ އިސްބަހެވެ. އިސްބަސް ލިޔުއްވާފައިވަނީ އަހަރެންގެ އިޙުތިރާމު ހޯދާފައިވާ ޒަމާނީ، ހުނަރުވެރި، ބަހަވީ އަހުލުވެރިންނެވެ. އަހަރެން ވިކިއްޖެއެވެ. އެހާ ހިސާބުން އެކަނިވެސް ރާފިލް މުހައްމަދުގެ "ބަބުރު އަކުރު" އެއީ ހަމަ ކިޔަން މަޖުބޫރު ފޮތެއް ކަމަށް އަހަރެންގެ ހިތާއި ޟަމީރު އިއްތިފާޤުވެއްޖެއެވެ. ގެއަށް އައިސް ހުޅުވާލި ފޮތް ލައްޕާލީ ބަނޑޭރިގަނޑުން ބަނޑޭރިގަނޑަށް ކިޔާފައެވެ. ނިންޖެއް، ހައިހޫނުކަމެއް، މި މަސައްކަތަކަށް ހުރަހެއް ނޭޅިއެވެ. ކިޔަމުން ދިޔައިރު މިއީ ކޮންކަހަލަ ފޮތެއްތޯ ނިންމަން އުނދަގޫވިއެވެ. ބައެއް ފަހަރު ހުސް ހާސަރޭ ހިތަށް އެރިއެވެ. އަނެއްބައި ފަހަރު މިއީ އާ ޒާތެއްގެ ޅެންފޮތެކޭ ހިތަށް އެރިއެވެ. އަނެއްބައި ފަހަރު މިއީ ބަހަވީ ތަރިކައެއް ނޫންބާއޭ ހިތަށް އެރިއެވެ. އެހެން ފަހަރުފަހަރު މިއީ ރާއްޖޭގެ ޖޯގުރަފީ، ތުކި... އިޖުތިމާޢީ ފާޑުކިޔުންތައް ފެންނަ ފޮތެކޭ ހީވެއެވެ. އަނެއްބައި ފަހަރު މިއީ ތާރީޚީ ބަހުޘުތައް އުފައްދާނޭ ފޮތެކޭ ހިތަށް އެރިއެވެ. އަހަރެން ކަހަލަ ބަހާ ބެހެމުން ހިނގާ މީހެއްގެ ހައިސިއްޔަތުން ޔަޤީނުންވެސް ނުކުރެވޭނެކަމަކީ މި ފޮތުގައި މި ދައްކާ ވާހަކަތަކުގެ އަޑި ނުކޮނެ ދޫކޮށްލުމެވެ. ފައްޓަމާ ބަހީއެވެ.

މުސައްނިފު ފޮތް ސިފަކުރައްވަނީ ޅެން ފޮތެއްގެ ގޮތުގައެވެ. އަހަރެން މި ފޮތް ސިފަކުރާނީ ރާއްޖޭގެ ތާރީޚާއި ޘަޤާފަތާއި އާދަކާދަތަކާއި ޤަބޫލުކުރުންތަކުގެ ޢިލްމަށް (ކުރު ގޮތަކަށް ދަންނަވާނަމަ ދިވެހި ފޯކްލޯރުގެ ޢިލްމަށް) ޒުވާން ޖީލުގެ ހިތްތަކުގައި ޝައުޤުވެރިކަން އުފައްދައިދޭނެ އާރުކާޓީއެއްގެ ގޮތުގައެވެ. ފޮތުގެ ބަސްމަގާ ހިސާބުން ފަށަމާތޯއެވެ. މި ޅެން ފޮތުގައި މިހުރީ "ބޮކިފުރާޅުއަލި" ސުކޫލުގެ ޅެންވެރިކަމެއް ނޫނެވެ. އާ ބާވަތެކެވެ. ދިވެހި ވަޒަންތަކެއް ނޫނެވެ. އެހެންނަމަވެސް ހަމައެއް ހުރެއެވެ. ދިވެހި ޅެންވެރިކަމުގައި ވެސް ބަނޑުވައްއަކުރުގައި އެ ގެންގުޅޭ އަޑު ތަކުރާރުކުރުން މި ޅެންތަކުން ކޮންމެވެސް ވަރަކަށް ފެނެއެވެ. ކާފިޔާ އާއި ފިލިކޯޅި އެއްގޮތް ޙާލަތްތައް ވެސް ފެނެއެވެ. އެހެންނަމަވެސް ބޮޑަށް ސަމާލުކަން ދީފައި ހުރި ކަމަށް ބެލެވެނީ އެއްވައްތަރުގެ އަޑުތަކެއް ގާތްގާތުގައި ތަކުރާރުކުރުމަށެވެ. ޅެން އަތުރާފައިވާގޮތަށް ބަލާލާއިރު، ބަހާލާފައިހުރީ ހަތަރު ބަހާއި ހަ ބަހުގެ ބައިބަޔަށެވެ. މި ތަނުގައި "ބަސް" ބޭނުންކޮށްފައި އެވަނީ ރައިވަރުގައި "ބަސް" ބޭނުންކުރާ އުޞޫލުންނެވެ. ކޮންމެ ބަހެއްގައި ހިމެނެނީ ބަސްކޯޅިއެކެވެ. ފުރިހަމަ ޖުމުލައެއް ނުވަތަ ޢިބާރާތެއްވެސް ނޫނެވެ. ރައިވަރެކޭ އެއްފަދައިން ބަސްފުރޮޅާފައި ހުރެއެވެ. ގިނަ ޅެންތައް ލިޔެފައި ހުރި ކަމަށް ފެންނަނީ ވާކަން ނުވަތަ ވޭވޭހުރިކަމުގެ ގޮތުގައެވެ. އެހެންކަމުން، ޅެން ކިޔަމުންދާއިރު، ކުރިމަތީ މަންޒަރު ނިއުޅެމުންދާ ކަހަލަ އިހުސާސްތަކެއް ކުރެވެއެވެ.

ޅެންތަކުން ފެންނަނީ މުއްސަނދި ބަސްކޮށާރެކެވެ. އެންމެ އަޅައިގަންނަ އެއް ސިފައަކީ ދެ ލަފުޒު އެއްކޮށްލައިގެން ޅެމަށް ޚާއްޞަ ލަފުޒުތަކެއް އުފެއްދުމުގެ އިސްތިއުމާލެވެ. މިސާލަކަށް "ކާށި" އަދި "ގަބުރު" އެއްކޮށްލައިގެން "ކަބުރު" މި ލަފުޒު އުފައްދާފައިވާގޮތާއި، "އަޑު" އަދި "އަޑަފިކޮޅު" އެއްކޮށްލައިގެން އުފައްދާފައިވާ "އަޑުފިކޮޅު" އަދި "ސަމާ" އަދި "ކަރަ" އެއްކޮށްލައިގެން ކޮއިންކޮށްފައިވާ ލަފުޒު "ސަމަންކަރަ" ފަދަ އިސްތިއުމާލުތަކެވެ. މިއިން ކޮންމެ އާ ލަފުޒަކާ ގުޅޭ ތަފްޞީލުތައް ކިޔައިދިނުމުގެ ތެރެއިން އެ ލަފުޒު ކޮއިން ކުރުމަށް ބޭނުންކުރި ލަފުޒުތަކުގެ މާނަ އާއި އެ ލަފުޒު އުފެދުނުގޮތް ކިޔައިދީފައިވުމުން، މިއީ ދިވެހި އެޓިމޮލޮޖީއަށް ކޮށްދިން ޚިދުމަތެއްކަމުގައި އަހަރެން ދެކެމެވެ. ދެން އޮތީ ސިފަކުރުމުގެ ވާހަކައެވެ. ތަފްޞީލީ ސިފަކުރުންތަކެކެވެ. ބޭނުންކޮށްފައިވާ ބައެއް އެއްގޮތްކުރުންތަކާއި މަޖާޒާއި މިސާލުއެއީ ޢާއްމުކޮށް ދިވެހި އަދަބިއްޔާތުން ނުފެންނަ ފަދަ ބަހާދަރު އިސްތިއުމާލުތަކެކެވެ. ޖެހިލުންކުޑަ ސިފަކުރުންތަކެކެވެ. ކިޔުންތެރިން ކިޔާފާނެ ފާޑަކަށް ފަރުވާލެއް ނެތޭ ބުނާ ފަދަ ހަވާލާތަކެކެވެ.

ރާފިލްގެ ޅެންވެރިކަމުން އެތައް ޝިޢާރެއް ފެންނާން އެބަހުއްޓެވެ. އަހަރެންގެ ލޮލުގައި އަޅައިގަތް ބައެއް ޝިޢާރުތަކަށް ބަލާލާނަމެވެ. ލިޔެވި އަރުޝީފުކުރެވިފައިނުވާ ދިވެހި ތާރީޚުގެ ވާހަކައަކީ ރާފިލްގެ ޅެންވެރިކަމުގައި ތަކުރާރުވާ ޝިޢާރެކެވެ. މީގައި ހައިރާންވާންވީ ކަމެއް އޮތްކަމަކަށް އަހަރެން ނުދެކެމެވެ. "ބަބުރު އަކުރު"ގައި ތާރީޚީ އަދި ޘަޤާފީ ކަންކަން ބަޔާންކޮށްދިނުމުގައި ޅެންވެރިޔާ އެންމެ ބޮޑަށް ބަރޯސާވެފައިވާ އެއް މަސްދަރަކީ ރާއްޖެއާ ބެހޭގޮތުން މުހިއްމު ދިރާސާއެއް ކުރެއްވި ސްޕެނިޝް ދިރާސާވެރިޔާ ޒޭވިޔޭ ރޮމޭރޯ ފްރިއަސް އަދި އޭނާގެ ފޮތް "ދަ މޯލްޑިވް އައިލެންޑަރސް- އަ ސްޓަޑީ އޮފް ދަ ޕޮޕިއުލަރ ކަލްޗަރ އޮފް އެން އެންޝަންޓް އޯޝަން ކިންގްޑަމް" އެވެ. ދިރާސާވެރިޔާ ފްރިއަސް ދެކޭ ގޮތުގައި ދިވެހި ލިޔެވިފައިވާ ތާރީޚަކީ ރަސްމަތިފުށުން އިމުލާކޮށްފައިވާ ތާރީޚެކެވެ. ލިޔެވި އަރުޝީފުކުރެވިފައިވަނީ ރަސްމަތިފުށުގެ އާދަކާދަތަކާއި ވެރިކަމުގެ ފައްސި އަދި ނައްސި ބަހާތަކެވެ. ރައްޔިތުންގެ އާދަކާދަތަކާއި އިހުސާސްތަކާއި ކެކުޅުންތަކާއި ތަޖުރިބާތައް ވަނީ އެމީހުންނާއެކު ނެތި ގޮސްފައެވެ. ރާފިލްގެ ޅެންވެރިކަމުން ފެންނަނީ އެބުނާ "ގެއްލިފައިވާ" ތާރީޚުން ތަންކޮޅެއް އަތުލެވޭތޯ ކޮށްފައިވާ މަސައްކަތްތަކެވެ. މިސާލަކަށް، ދިވެހި ޘަޤާފަތާއި އާދަކާދަތަކާއި އެފުރިކާ ބައްރުގެ އާދަކާދަތަކާއި ޘަޤާފަތްތައް މަސްހުނިގެން ދިއުމުގެ އަސްލުކަމަށް ބުނާ މިނިވަންކުރި އަޅުންގެ ވާހަކަ އާއި، ޚާއްޞަކޮށް އެ މީހުންގެ ތެރެއިން ބޮޑެއް ކަމަށް ބެލެވިފައިވާ ސަންގޯރުގެ ވާހަކަ ޅެންވެރިޔާގެ ޚިޔާލުގެ ދެލިން ކުރަހާލަދީގެންނެވެ. ވަކަރުގޭ ކުދިން ފަދަ، ތާރީޚު ހަވާސާކުރި މީހުންގެ ފަރާތުން މުޖުތަމަޢަށް ތަޢާރަފުވިކަމަށް ބުނެއުޅޭ ކަންކަމަށް އިތުރު ބާރެއް ދީގެންނެވެ. ދިވެހިންގެ އަޞްލާ ގުޅުވައިގެން ދޫދޫމަތިން އަބަދުވެސް ދެކެވޭ ވާހަކަތައް، ބަބުރު އަކުރުން ލިޔެލައިގެންނެވެ.

ރާފިލްގެ ރާއްޖޭގައި ސިފަކޮށްދެނީ ހަމައެކަނި މާޒީއެއް ނޫނެވެ. މާޒީގެ ހަވާލާތަކުން މަޖާޒު އުފައްދައިގެން މިއަދުވެސް މުޖުތަމަޢަށް ކުރިމަތިވެފައިވާ އެތައް އިޖުތިމާޢީ މައްސަލަތަކަކަށް މިފޮތުގައި އިޝާރާތްކޮށްފައިވެއެވެ. މި ފޮތުގެ އެއް ޅެން "އޮއިކޮޅު" ގައި އަލިއަޅުވާލާފައި އޮންނަނީ ރާއްޖޭގައި އޮންނަ ދޮނާއި ކަޅުގެ ތަފާތުކުރުމުގެ މައްޗަށެވެ. އިޝާރާތްކުރަނީ ބެހިގެންދާތީ ރާއްޖޭގެ ސަރަޙައްދުން ފެނުނު ސޮމާލިޔާގެ "ކަނޑުފޭރޭ މީހުން"ނަށެވެ. އަދި އެފަދަ މީހުންނާމެދު ދެކޭ ނައްސި ނަޒަރާއި ހޮލީވުޑުގައި ޖަމާލިއްޔަތުގެ ފިހިން ކުރަހާ، ހަމުގެ ކުލަ ދޮން ކަނޑުފޭރޭ މީހުންނާމެދު ދިވެހިންވެސް ދެކޭ ފައްސި ނަޒަރަށެވެ. އެހެން މައްސަލައެކެވެ. މީހާގެ ނަޞަބާއި ފެންވަރު ދެކެ އެމީހަކާމެދު ގެންގުޅޭ ތަޢައްޞަބުގެ ވާހަކައެވެ. މިސާލަކަށް އިރެއްގައި ރާޅާއެޅުން އެއީ ވަކަރުގޭ ކުދިން ކުރި ގޯސްކަމަކަށް ވެފައި މިއަދުގެ މުޖުތަމަޢުގައި އެކަން އެއީ ޤައުމު ފަޚުރުވެރިވާ ކުޅިވަރަކަށް ވެފައިވާ ގޮތެވެ. މީގެ އިތުރުން ގެސްޓު ހައުސް ވިޔަފާރިން ޢާއްމުން ބާރުވެރިކުރުމަށް ފެއްޓި "ބިކިނީ ބީޗް" ފަދަ މަޝްރޫޢުތަކުގެ ސަބަބުން އަމިއްލަ ރަށުގައި ރައްޔިތުންނަށް އެ ތަންތަނުން އުފާ ނުހޯދޭނޭ ޢާއްމު ތަންތަން އުފެދުމާއި، ތަރައްޤީގެ ނަމުގައި ބިންހިއްކުމުގެ ސަބަބުން ދިމާވާ ގޮންޖެހުންތަކާއި އެކި ބޭނުންތަކަށް ރަށްރަށުގައި ޤުދުރަކީ ގޮތުން ހެދޭ ރުއްގަސް އުފުރައިގެން މަސްނޫޢީ ރަށްރަށުގައި އިންދުން ފަދަ މައްސަލަތައްވެސް ހިމެނެއެވެ. އެހެންނަމަވެސް މިއިން ކޮންމެ މައްސަލައަކަށްވެސް ޅެންވެރިޔާ އިޝާރާތް ކުރަނީ ދިވެހިރާއްޖޭގެ ފޯކްލޯރުގެ ހަވާލާއެއް އޭގައި ހިމަނައިގެންނެވެ. ދިވެހިންގެ ޘަޤާފަތާއި އާދަކާދަ، ޚާއްޞަކޮށް ޢާއްމު ދިވެހި ދިރިއުޅުމުގެ ތެރެއިން ފެންނަ ކަންކަމުގެ ކަވި ތަފްޞީލުތައް ބަބުރުއަކުރުގެ ޅެންވެރިކަމުގައި ހިމަނާފައިވެއެވެ. މިސާލަކަށް "ލޮނު އާހިތަ" މި ޅެމުގައި ދިވެހި ނަކަތާއި ނަކަތްތެރިންގެ ވާހަކަ ގެނެސްދީފައިވެއެވެ. "މިނިކާރާއްޖެ" މި ޅެމުގައި ނޯތު ސެންޓިނެލް އައިލެންޑްސް އާ ގުޅޭ ގޮތުން ދިވެހިން ގެންގުޅުނު ތަޢައްޞަބުތަކާއި އެ ތަޢައްޞަބުތައް އުފަންކުރި ދަތުރުވެރިންގެ ވާހަކަތަކަށް އިޝާރާތް ކޮށްފައިވެއެވެ. "ސަންގޯރު" މި ޅެމުން ދިވެހި ބަބުރު ބޮޑުބެރުގެ ބާނީ ކަމުގައި ބުނެވޭ ސަންގޯރަށް ޙައްޤު މަޤާމު ދިނުމަށް މަސައްކަތްކޮށްފައިވެއެވެ. އަދި ފޮތުގެ އެތައް ޅެމެއްގައި ދިވެހި ދިރިއުޅުމުގައި ބޮޑު ބައެއް އަދާކުރި ސިހުރާއި ފަންޑިތައަށް އިޝާރާތްކޮށްފައިވެއެވެ. އެހެން ނަމަވެސް، ފޮތުގައި އަހަންނަށް އެންމެ ކަމުދާ ސިފައަކީ، ޅެންވެރިކަމުގެ އެހީގައި ތާރީޚުގެ މައްޗަށް ބިނާކޮށްގެން އުފައްދާފައިވާ ރޫޙާނީ ފެންޓަސީތަކެވެ. މިއީ ދިވެހި އަދަބިއްޔާތުގައި ފަޤީރު ޖޮންރަރއެކެވެ.

ޑރ. މުސްޠަފާ ލުތުފީ ފަދަ، މުޙައްމަދު ސަލީމް ފަދަ ލިޔުންތެރިން ތާރީޚީ ހާދިސާތަކުގެ ވަށައިގެން ޕްލޮޓު ގައްތަވައިގެން ދިގު ވާހަކަ ލިޔުއްވާފައިވެއެވެ. އެހެންނަމަވެސް ރާފިލްގެ ނަޒަރު ތަފާތެވެ. ރާފިލްގެ ޅެންތަކުގެ ފަހަތުގައި ފޮރުވިފައިވާ މާނަ ކިޔައިދިނުމަށް، އޭނާގެ ޚިޔާލުން އުފަންކޮށްފައިވާ ފެންޓަސީ ވާހަކަތަކުން އެ ވާހަކައިގައި ހަވާލާދޭ ޙަޤީޤީ ހާދިސާގެ ތަފްޞީލު ހޯދާލުމަށް ޝައުޤުވެރިކުރުވައެވެ. އެ ވާހަކަތަކުގައި އަޖައިބެއްފަދަ އަނދިރިކަމަކާއި ބިރުވެރިކަމެއް ފެނެއެވެ. ޖިންނި ޝައިޠާނުންނާއި ރޫޙާނީ ދިރުންތަކަށް އިހުޒަމާނުގައި ދީފައި ހުރި ދައުރުތައް ބަދަލުކޮށްލާފައިވާތީ ފެނެއެވެ. އަމީންދީދީގެ ވެރިކަމުގެ ނިމުން އައުމުގެ އަސްލުކަމަށް ސިފަކޮށް ލިޔެފައިވާ ޚިޔާލީ ޅެން "ރަޑަބަންގުޅި"، ސުވާދީވް ވެރިކަމުގެ ލީޑަރަށް އެ ޚިޔާލު ލިބުނު ގޮތްކަމަށް ބުނެ ރާފިލްގެ އަމިއްލަ ޚިޔާލުން ލިޔެފައިވާ ފެންޓަސީ ޅެން "ފެން މުލި"، "ރަސްލަބަރި ތަކުރުފާނު"، "ކަލަމިންޖާ" ފަދަ ޅެންތައް މިއީ ދިވެހި ޅެންވެރިކަމުގެ ފެންޓަސީ ޖޮންރަރ އަށް ލިބުނު މުއްސަނދިކަމަކަށް ނޫނީ ނުވާނެއެވެ.

ތާރީޚީ ޙަޤީޤީ ހާދިސާތަކާ ގުޅުވައިގެން ޚިޔާލީ، ފެންޓަސީ ޖޮންރަރގެ ޅެންތަކެއް ޢާއްމުކުރުމަކީ ތާރީޚު އޮޅުވާލުންކަމުގައި ދެކޭ ބަޔަކު ތިބެދާނެއެވެ. އެހެންނަމަވެސް މިއީ އެހެން ބަސްބަހުގެ އަދަބިއްޔާތުގައިވެސް ނުކުރާ ކަމެއް ނޫނެވެ. ރާފިލްގެ ތަފާތަކީ، އަތުވެދާނޭ ފާޑުކިޔުމަކަށް ޖެހިލުންނުވެ، ފަހުގެ ތާރީޚީ ހާދިސާތަކާ މެދުވެސް މި ނަޒަރުން ލިޔެފައިވާތީއެވެ. ތާރީޚު އޮޅިދާނެތީ ބިރު ގަންނަ މީހުން އެދޭނަމަ، މި ފަދަ އަދަބީ މަސައްކަތްތައް މުޅިން އެހެން ގޮތަކަށްވެސް ގިންތި ކުރެވިދާނެއެވެ. އެއީ "އޯލްޓަރނޭޓް ހިސްޓޮރީ" ނުވަތަ ތާރީޚަށް އެހެން ނަޒަރަކުން ބަލާލާ މަސައްކަތްތަކުގެ ގިންތިއެވެ. ކޮންމެއަކަސް، މި ފޮތް އެކުގައި ކިޔާލުމުން، ރާފިލް އެ ސިފަކުރާ ރާއްޖެއަކީ އަހަރެމެން އަދި މި ދިރިއުޅޭ ރާއްޖެއަށް ވާން ނުޖެހޭކަން ސާފުވެއެވެ. އެ ވާހަކަތަކަކީ އޭނާގެ ޚިޔާލުން އުފަންކޮށްފައިވާ "ޕެރެލަލް" ދުނިޔެ "ސަމަންކަރަ"އިގެ ތާރީޚުކަމުގައި ބެލީމާ އެ ފުދުނީ ނޫންހެއްޔެވެ.

މި ފޮތުގައި ހިމެނޭ 50 ޅެމުން ކުރެ ކޮންމެ ޅެމެއް ދިރާސާކޮށް ކޮށައި މަށައި މޮޑެން ވެއްޖިއްޔާ ހާހެއްހާ ލަފުޒަކުން ނުފުދޭނެއެވެ. ކަންމިހެން އޮތް އިރު، އަހަރެން މި ހިފާލީ މުޅި ފޮތް ދިރާސާކުރަން ވިއްޔާއެވެ. މި ލިޔުމަކުން އެ ދިރާސާގެ ޒައްރެއްގެ މިންވަރުވެސް ކިޔައި ނުދެވޭނެއެވެ. ދެވޭނީ ތަޢާރަފެކެވެ. ކުރެވޭނީ އިލްތިމާހެކެވެ. މިފޮތް ވިދާޅުވާށެވެ. އެކަމަކު ބަހުގެ ސިޔާސަތުތަކާއި ތާރީޚުގެ ހަވާސާތެރޭ ބަނދެވި ތިބެގެނެއް ނޫނެވެ. "ބޮކިފުރާޅުއަލި" ސުކޫލުން ނިކުމެ ހުރެގެންނެވެ. ޚިޔާލުގެ ދޮރުތައް ހުޅުވާލައިގެންނެވެ. ސަމަންކަރައިގައި ހުރެގެންނެވެ. ޅެމުގެ ތެރެއަށް ފީނާލައިގެންނެވެ. ޅެންވެރިޔާ ޅެން ހެދިއިރު ހުރި ޙާލަތައް ކިޔުންތެރިޔާ ގޮސްގެންނެވެ. ނިންމާލާހިތް އޮތީ ފޮތުގެ އިސްބަހުގައި ރައުފަތު ޞާދިޤު ލިޔުއްވާފައިވާ ޢިބާރާތްކޮޅަކުންނެވެ.

"ދުނިޔޭގައިވާ ކޮންމެ ބަހެއްގެ ލައްޒަތަކީ އެ ބަހަކުން އުފައްދާފައިވާ ޅެންވެރިކަމުގެ އުފެއްދުންތަކެވެ. މިއީ މި ޒަމާނުގެ ޅެންވެރިކަމަށް ތަފާތު، އާ، ޒަމާނީ ފޮނިމީރުކަމެއް ގެނުވައިދޭ ފޮތެކެވެ."