Advertisement

އެމްޓީޑީސީގެ ޑިވިޑެންޑުގެ ގޮތުގައި 20 މިލިއަން ރުފިޔާ ބަހަނީ

11 މޭ 2023 - 21:35 1

އެމްޓީޑީސީއަށް 15 އަހަރު ފުރުން ފާހަގަ ކުރުމަށް ބޭއްވި ހާއްސަ ރަސްމިއްޔާތުގެ ތެރެއިން -- ފޮޓޯ: އެމްޓީޑީސީ


އެމްޓީޑީސީގެ ޑިވިޑެންޑުގެ ގޮތުގައި 20 މިލިއަން ރުފިޔާ ބަހަނީ

11 މޭ 2023 - 21:35 1

މޯލްޑިވްސް ޓޫރިޒަމް ޑިވެލޮޕްމެންޓު ކޯޕަރޭޝަން (އެމްޓީޑީސީ) އަށް މިދިޔަ އަހަރު ވެސް ފައިދާވެ، ޑިވިޑެންޑުގެ ގޮތުގައި ހިއްސާދާރުންނަށް 20 މިލިއަން ރުފިޔާ ބަހަން ނިންމައިފި އެވެ.

އަހަރީ ރިޕޯޓުގައިވާ ގޮތުން މިދިޔަ އަހަރު އާމްދަނީގެ ގޮތުގައި 7.3 މިލިއަން ޑޮލަރު (113 މިލިއަން ރުފިޔާ) ލިބިފައިވާއިރު، ފައިދާ 2.5 މިލިއަން ޑޮލަރު (38.5 މިލިއަން ރުފިޔާ) އަށް އަރަ އެވެ. އަދި ހިއްސާދާރުންނަށް ބަހަން ނިންމާފައިވަނީ ހިއްސާ އަކަށް 60 ލާރީގެ މަގުން ޖުމުލަ 20 މިލިއަން ރުފިޔާ އެވެ.

"އަންނަ އަހަރު އެތައް އިންވެސްޓްމަންޓެއްގެ ފުރުސަތު އޮތުމާއެކު، 2022 ވަނަ އަހަރުގެ ފައިދާއިން ހިއްސާއަކަށް 60 ލާރި ބަހަން ބޯޑުން ވަނީ ފާސްކޮށްފަ،" އެމްޓީޑީސީގެ މެނޭޖިން ޑިރެކްޓަރު ތަޒްމީލު އަބްދުއް ސޮމަދު، އަހަރީ ރިޕޯޓުގައި ވިދާޅުވި އެވެ.

ހިއްސާދާރުންނަށް ޝައުގުވެރި މިންވަރެއްގެ ޑިވިޑެންޑެއް ފޯރުކޮށް ދިނުމަށް ވަރަށް ބޮޑު އިސްކަމެއް ދެއްވި ކަމަށް އޭނާ ވިދާޅުވި އެވެ.

ދަރަނީގައި ގިނަ އަހަރުތަކެއް ހިންގުމަށް ފަހު އެމްޓީޑީސީއަށް ފައިދާވެ، ޑިވިޑެންޑު ބަހަން ފެށީ މީގެ ތިން އަހަރު ކުރިންނެވެ. އެގޮތުން 2020 ވަނަ އަހަރު 50 ލާރި، 2021 ވަނަ އަހަރު 60 ލާރި ބަހާފައިވެ އެވެ.

ތަޒްމީލު ވިދާޅުވީ ނިމިގެން ދިޔަ އަހަރު ކުންފުނި ތަރައްގީކުރަން ކުރެވުނު މަސައްކަތްތަކާއެކު އިންވެސްޓަރުންގެ އިތުބާރު ކުންފުންޏަށް ލިބިފައިވާ ކަމަށެވެ.

އަމިއްލަ ފަރާތްތަކުގެ 53 ޕަސެންޓާއި ސަރުކާރުގެ 47 ޕަސެންޓު އޮންނަ އެ ކުންފުނިން ޕްލޭންކޮށްފައިވާ ކަންކަމުގެ ތެރެއިން ހުޅުމާލޭގައި އޮފީސް އިމާރާތެއް ބިނާކުރުމާއި ހދ. އަތޮޅުގެ ނާގޯށި ތަރައްގީކުރުމުގެ މަސައްކަތް ހިމެނެ އެވެ.

ޔޫއޭއީގެ ރޯ ގަލަދާރީ ކުންފުންޏާއެކު ޖޮއިންޓު ވެންޗާ ހަދައިގެން ތަރައްގީ ކުރަމުން އަންނަ ނާގޯއްޓަކީ މިހާތަނަށް ރާއްޖޭގައި ހުޅުވޭ އެންމެ ބޮޑު ރިސޯޓެވެ. ހަތްދިހަ ހެކްޓަރުގެ އެ ރިސޯޓުގެ ކޮންސްޓުރަކްޝަން މަސައްކަތް ފެށުމަށް ވާންޖެހޭ އެންމެ ފަހުގެ ތައްޔާރީތައް އަންނަނީ ވަމުންނެވެ.