11 މޭ 2023 - 06:59 0
ހޭންޑްބޯލް އެސޯސިއޭޝަނުން ބޭއްވި އިވެންޓްގެ ތެރެއިން މުޖޭ ވާހަކަ ދައްކަވަނީ.--- ފޮޓޯ: މުހައްމަދު ޝާބިން/ އަދަދު
11 މޭ 2023 - 06:59 0
ބަންގްލަދޭޝްގައި މި މަހު 13-17 އަށް ކުރިއަށްދާ އިންޓަނޭޝަނަލް ހޭންޑްބޯލް ފެޑެރޭޝަން (އައިއެޗްއެފް) ޓްރޮފީ މުބާރާތުގައި ރާއްޖޭގެ 17 އަަހަރާއި 19 އަހަރުން ދަށުގެ އަންހެން ގައުމީ ޓީމު ވާދަކުރާއިރު، މި މުބާރާތުގެ އަލީގައި މުސްތަގުބަލުގައި ރަން މެޑަލަށް ޓާގެޓްކުރާ ޕްރޮޖެކްޓެއް ފެށޭނެ ކަމަށް ހޭންޑްބޯލް މޯލްޑިވްސްގެ ރައީސް އަހުމަދު މުޖުތަބާ (މުޖޭ) ވިދާޅުވެއްޖެ އެވެ.
ސޯޝަލް ސެންޓަރުގައި އަންގާރަ ދުވަހު ހަވީރު ހޭންޑްބޯލް މޯލްޑިވްސް އިން ބޭއްވި ހާއްސަ އިވެންޓެއްގައި ވާހަކަ ދައްކަވަމުން މުޖޭ ވަނީ މުސްތަގުބަލަށް ކުރަން ޖެހޭ މަސައްކަތްތައް މިހާރު ފަށައިގެން ނޫނީ އެ ކުޅިވަރު ކުރިއަށް ނުދާނެ ކަަމަށެވެ. އެހެންވެ، މިހާރު އޮތް ލީޑަޝިޕްގެ ހަތަރު އަހަރުގެ ޓާމަށް ދިގުދެމިގެންދާ ގޮތެއްގައި، އަދި ހޭންޑްބޯޅަ އަށް މުސްތަގުބަލެއް ހޯދުމުގެ ބޭނުމުގައި، "ގޮއިން ފޯ ގޯލްޑް" ނަމުގައި ޕްރޮޖެކްޓެއް ފެށިގެންދާނެ ކަމަށް މުޖޭގެ ވާހަކައިގައި ފާހަގަކުރެއްވި އެވެ.
"އަޅުގަނޑުމެން އެންމެ އިސްކަމެއްގެ ގޮތުގައި ކުރަން ޖެހޭ ކަމަކީ ޑިވެލޮޕްމަންޓްގެ މަސައްކަތް ހުއްޓުމެއް ނެތި ކުރުން. އެ ކަން ކުރުމުގެ ބޭނުމުގައި އަޅުގަނޑުމެން، މި ފަހަރުގެ އައިއެޗްއެފް ޓްރޮފީ ނިންމާފައި އައިސް ވެސް ޕްރެކްޓިސްތައް ގަވާއިދުން ބާއްވާނަން. އެއީ ޒުވާން ޓީމުތަކުން، މުސްތަގުބަލަށް ރަނގަޅު ޓީމެއް ބިނާ ކުރެވޭނީ،" މުޖޭ ވިދާޅުވި އެވެ.
އެ ގޮތުން ހޭންޑްބޯލް މޯލްޑިވްސްގެ ވިސްނުމަކީ، 15 އަހަރުން ދަށާއި 17 އަހަރުން ދަށާއި 19 އަހަރުން ދަށުގެ އަންހެން އަދި ފިރިހެން ގައުމީ ސްކޮޑުތަކެއް އެކުލަވާލައި، ދާއިމަށް އެ ކުޅުންތެރިންގެ ޕްރެކްޓިސްތަކެއް ގެންދެވޭނެ ގޮތަށް މަސައްކަތް ބައްޓަން ކުރުމަށެވެ.
މުޖޭ ވަނީ އެހެން ކުޅިވަރުތަކާ އަޅާބަލާއިރު، ކުރު މުއްދަތެއްގެ ތެރޭގައި ހޭންޑްބޯލް އިން ހޯދަމުން އަންނަ ކުރިއެރުންތަކުގެ އަސްލަކީ ގިނަ ފަރާތްތަކެއްގެ އެއްބާރުލުން މި ކަމުގައި ލިބިގެންދިއުން ކަމަށް ފާހަގަކުރައްވައިފަ އެވެ. އެ ގޮތުން، ކުޅުންތެރިންގެ އާއިލާ އާއި ސަރުކާރުގެ އިތުރުން އޮލިމްޕިކް ކޮމިޓީ އަދި އެކިއެކި އަމިއްލަ ކުންފުނިތަކުން ދޭ އެހީތެރިކަން ވެސް ހޭންޑްބޯޅައިގެ މުސްތަގުބަލަށް މުހިންމު ކަމަށް މުޖޭގެ ވިދާޅުވި އެވެ.
މި މަހު ކުޅޭ އައިއެޗްއެފް ޓްރޮފީގައި ރާއްޖެ ކުޅެން ޖެހޭނެ ގައުމުތަކަކީ ނޭޕާލް، ސްރީ ލަންކާ، އިންޑިއާ، ބޫޓާން، ބަންގްލަދޭޝް، އަފްގާނިސްތާން އަދި ޔަމަން އެވެ.
މި ލިޔުމާ ގުޅޭ ލިޔުންތައް
Comment