Advertisement

ރާއްޖެއިން އުމްރާއަށް މީހުން ގެންދިއުމުގެ ހުއްދައަށް އެދުމުގެ ފުރުސަތު ހުޅުވާލައިފި

10 މޭ 2023 - 19:01 0

އާމިނަތު ނިއުޝާ

އާމިނަތު ނިއުޝާ

ރާއްޖެއިން އުމުރާއަށް ދިއުމަށް ފުރި ބަޔަކު އެއާޕޯޓުގައި؛ އިސްލާމިކް މިނިސްޓްރީން ވަނީ އުމްރާއަށް ގެންދިއުމުގެ ހުއްދައަށް އެދުމަށް ހުޅުވާލާފައި -- ފޮޓޯ: ކޯޕަރޭޓް މޯލްޑިވްސް


ރާއްޖެއިން އުމްރާއަށް މީހުން ގެންދިއުމުގެ ހުއްދައަށް އެދުމުގެ ފުރުސަތު ހުޅުވާލައިފި

10 މޭ 2023 - 19:01 0

ރާއްޖެއިން އުމްރާއަަށް މީހުން ގެންދިއުމަށް ޝައުގުވެރިިވާ ފަރާތްތަކަށް އެކަމުގެ ހުއްދައަށް އެދުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.

އިސްލާމިކް މިނިސްޓްރީއިން މިއަދު ކުރި އިއުލާނެއްގައި ބުނެފައި ވަނީ އުމްރާއަށް މީހުން ގެންދިއުމަށް ޝައުގުވެރިވާ ފަރާތްތަކަށް ޕްރޮޕޯސަލް ހުށަހެޅުމުގެ ފުރުސަތު މި މަހުގެ 23 ވަނަ ދުވަހުގެ ނިޔަލަށް އޮންނާނެ ކަމަށެވެ. ޕްރޮޕޯސަލް ބަލައިގަންނަން ފަށާނީ މިމަހުގެ 14 އިން ފެށިގެންނެވެ.

އުމްރާ ހުއްދައަށް އެދި ހުށަހަޅަން ޖެހޭ ޕްރޮޕޯސަލް ފޮތް މާދަމާއިން ފެށިގެން މިނިސްޓްރީއިން ދޫކުރާނެ އެވެ.

ރާއްޖޭން މީހުން އުމްރާއަށް ގެންދިއުމުގެ ހުއްދަ ދީފައިވަނީ 43 ކުންފުންޏަކަށެވެ. އޭގެ ތެރެއިން 24 ކުންފުންޏެއްގެ ހުއްދަ މި މަހުގެ ނިޔަލަށް ހަމަވާނެ އެވެ. އަދި 12 ކުންފުންޏެއްގެ ހުއްދަ މި އަހަރުގެ ނޮވެމްބަރުގައި ހަމަވާނެ އެވެ. ބާކީ ހަތް ކުންފުނީގެ ހުއްދަ ހަމަވާނީ އަންނަ އަހަރުގެ މާޗު މަހު އެވެ.

އުމްރާއަށް މީހުން ގެންދަން ހުއްދަ ދެނީ ދެ އަހަރުގެ މުއްދަތަށެވެ.

ޕްރޮޕޯޒަލް ހުށަހަޅާ ކުންފުނިތަކުގައި ހުންނަންޖެހޭ ޝަރުތު

ދިވެހިރާއްޖެއިން އުމްރާއަށް މީހުން ގެންދިޔުމުގެ ހުއްދައަށް އެދި ޕްރޮޕޯޒަލް ހުށަހެޅޭނީ އުމްރާއަށް މީހުން ގެންދިއުމާބެހޭ އުސޫލުގައިވާ ގޮތުގެ މަތީންނެވެ. އެއީ،

  • ސައްތައިން ސައްތަ ދިވެހީންގެ ހިއްސާ އޮންނަ ކުންފުންޏަކަށް ވުން
  • ދިވެހިރާއްޖެއިން އުމްރާއަށް މީހުން ގެންދިޔުމުގެ ހުއްދައަށް އެދޭ ކުންފުނީގެ ޑިރެކްޓަރުންނަކީ، ހުއްދައަށް އެދި ހުށަހަޅާއިރު ޖިނާއީ ކުށެއްގައި ހުކުމެއް ތަންފީޒު ކުރަމުންދާ މީހެއް ކަމުގައި ނުވުން، ނުވަތަ ހުއްދައަށް އެދި ހުށަހަޅާ ތާރީހުން ފެށިގެން ވޭތުވެދިޔަ 5 (ފަހެއް) އަހަރުދުވަހުގެ މުއްދަތުގައި އޭނާގެ މައްޗަށް ޖިނާއީ ހުކުމެއް ސާބިތުވެފައިވާ މީހެއް ކަމުގައި ނުވުން، ނުވަތަ އެ މުއްދަތުގައި ޖިނާއީ ކުށްތަކުގެ ތެރެއިން ފައިސާގެ ހިޔާނަތާބެހޭ އެއްވެސް މައްސަލައެއްގެ ތުހުމަތު ކުރެވިފައިވާ މީހެއް ކަމުގައި ނުވުމާއި، އެ ފަދަ މައްސަލައެއް ށަރުއީ ކޯޓެއްގައި ހިނގަމުންދާ ފަރާތެއް ކުންފުނީގެ ޑިރެކްޓަރުންގެ ގޮތުގައި ހިމެނިފައި ނުވުން.

ހުއްދަ ލިބުމަށް ފަހު ދަފުތަރު ކުރާ ކޮންމެ ކުންފުންޏަކުން 20،000ރ. ގެ ފީއެއް ދައްކަންޖެހެ އެވެ.