Advertisement

މަސްތުވާތަކެތި ޓްރެފިކް ކުރުމުން އިންޑޮނީޝިއާގެ އިސް ފުލުހަކު އުމުރަށް ޖަލަށް

ހުޅަނގު ސުމަޓްރާގެ ކުރީގެ ފުލުހުންގެ ވެރިޔާ ޓެޑީ މިނަހާސާ ޕުޓްރާ.


މަސްތުވާތަކެތި ޓްރެފިކް ކުރުމުން އިންޑޮނީޝިއާގެ އިސް ފުލުހަކު އުމުރަށް ޖަލަށް

ޖަކާޓާ، އިންޑޮނީޝިއާ (މޭ 9) - ޖިނާއީ ހެކީގެ ގޮތުގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަ ފަސް ކިލޯގެ މެތަމްފެޓަމައިން ޓްރެފިކް ކުރުމުގެ ކުށް ސާބިތުވެ، އިންޑޮނީޝިއާގެ އިސް ފުލުހަކަށް އުމުރަށް ޖަލަށް ހުކުމްކޮށްފި އެވެ.

ޖަކާޓާގެ ކޯޓުން ބުނީ ހެކީގެ ގޮތުގައި ހުރި މެތަމްފެޓަމައިން ނަގައި އޭގެ ބަދަލުގައި ޕޮޓޭސިއަމް އެލަމް ބެހެއްޓުމަށް ދަށް ފަންތީގެ ފުލުހަކަށް ޓެޑީ މިނަހާސާ ޕުޓްރާ އަމުރު ކުރީ، ގާނޫނާ ހިލާފަށް އެ މަސްތުވާތަކެތި ވިއްކައި އޭގެން ފައިދާ ހޯދުމަށް ކަމަށެވެ.

ޕުޓްރާއަކީ ކުރިން ހުޅަނގު ސުމަޓްރާ ޕްރޮވިންސްގެ ފުލުހުންގެ ވެރިޔާ އެވެ. ހެކީގެ ގޮތުގައި ހުއްޓައި ނެގި މަސްތުވާތަކެތި ވިއްކާލީ އާއްމު މީހެއް މެދުވެރިވެގެން ކަމަށް ކޯޓުން ބުންޏެވެ. ޕުޓްރާގެ ވަކީލުން ބުނީ މައްސަލަ އިސްތިއުނާފު ކުރާނެ ކަމަށެވެ.

ދައުލަތުން އެދުނީ އޭނާގެ މައްޗަށް މަރުގެ ހުކުމެއް އިއްވުމަށެވެ. އެކަމަކު ކޯޓުން ބުނީ 30 އަހަރު ފުލުހުންނަށް ހިދުމަތްކޮށްފައިވުމަކީ ހުކުމް ކުރާ އިރު، ބަލަން ޖެހޭ ނުކުތާއެއް ކަމަށެވެ. އެހެންވެ، މަރުގެ ހުކުމުގެ ބަދަލުގައި ނިންމީ އުމުރަށް ޖަލަށް ލުމަށެވެ.

ދުނިޔޭގައި މަސްތުވާތަކެއްޗާ ދެކޮޅަށް އެންމެ ގާނޫނުތައް ހަރުކަށި އެއް ގައުމަކީ އިންޑޮނީޝިއާ އެވެ. އެ ގައުމުގައި ޑްރަގު ޓްރެފިކް ކުރާ މީހުންގެ އަދަބަކީ މަރެވެ. ތަފާސްހިސާބުތައް ދައްކާ ގޮތުން 2021 ގައި އިންޑޮނީޝިއާގައި 114 މީހުންގެ މައްޗަށް މަރުގެ ހުކުމް ތަންފީޒު ކުރި އިރު، 82 ޕަސެންޓު މީހުންނަކީ މަސްތުވާތަކެތީގެ މައްސަލަތަކާ ގުޅިގެން ހުކުމްކޮށްފައި ތިބި މީހުންނެވެ.