9 މޭ 2023 - 11:49 0
ރައްޔާން މުހައްމަދު
މިކަމުގެ ސަބަބުން އެތައް ޓްވިޓާ ޔޫޒަނޭމެއް އަލުން އެވެއިލެބަލް ވާނެ
9 މޭ 2023 - 11:49 0
ބޭނުންނުކުރާތާ އަހަރުތަކެއް ވެފައިވާ ޓްވިޓާ އެކައުންޓްތައް ޑިލީޓުކުރަން ފަށާފައިވާ ކަމަށް ޓްވިޓާގެ ސީއީއޯ އިލޯން މަސްކް ބުނެފި އެވެ.
މަސްކް ކުރި ޓްވީޓްތަކެއްގައި ބުނެފައިވަނީ ޓްވިޓާގެ ބޭނުންނުކުރާ އެކައުންޓްތައް ޑިލިޓްކުރަން ފެށުމުގެ ސަބަބުން ކުރިއަށް އޮތް ދުވަސްތަކުގައި ޓްވިޓާގެ ޔޫޒަރުންގެ އަދަދު މަދުވެގެން ދާތަން ފެންނާނެ ކަމަށެވެ.
މަސްކް ކޮށްފައިވާ ޓްވީޓް
މަސްކް ބުނެފައިވަނީ މި ފިޔަވަޅުގެ ސަބަބުން އެތައް ޓްވިޓާ ހޭންޑްލްތަކެއްގެ ޔޫޒަނޭމް އަލުން އެވެއިލެބަލް ވާނެ ކަމަށް ވެސް ބުނެފަ އެވެ. ނަމަވެސް, ކުރީގެ އެކައުންޓުތަކުގެ ކޮންޓެންޓުތައް އެއްކޮށް ފުހެލުމުގެ ބަދަލުގައި އެ މައުލޫމާތު ޓްވިޓާގައި އާކައިވް ކުރެވިފައި ހުންނާނެ ކަމަށް ވެސް މަސްކް ބުނެފައިވެ އެވެ.
ޓްވިޓާ ޕޮލިސީގައި ވާގޮތުން ޓްވިޓާ ޔޫޒަރުން ކޮންމެ 30 ދުވަހަކުން މަދުވެގެން އެއްފަހަރުން އެކައުންޓަށް ލޮގިންވެ ބޭނުންކުރަން ޖެހެ އެވެ. މިކަން ނުކުރާނަމަ ޓްވިޓާއިން އެކައުންޓު ޑިލީޓު ކޮށްލާނެ އެވެ.
ނަމަވެސް މިކަން އެންމެ ފުރިހަމައަށް ތަންފީޒުކުރުމަށް ޓްވިޓާ ވަނީ ނުކުޅެދިފަ އެވެ. މަސްކް ވަނީ މީގެ ކުރިން ވެސް އެތައް ފަހަރަކު، ބޭނުންނުކުރާ ޓްވިޓާ ހޭންޑްލް ތަކުގެ ޔޫޒާނޭމް އަލުން ލިބޭނެ ގޮތް ހަދައިދޭނެ ކަމަށް ބުނެފަ އެވެ. އެގޮތުން, މިދިޔަ އަހަރު ޑިސެމްބަރު މަހު ކުރި ޓްވީޓެއްގައި މަސްކް ބުނެފައިވަނީ، އިން އެކްޓިވް އެކައުންޓްތައް ޑިލިޓްކުރުމުން 1.5 ބިލިއަން ޔޫޒާނޭމް އަލުން އެވެއިލެބަލް ވެގެންދާނެ ކަމަށެވެ.
މި މަސައްކަތް މިހާރު ފަށާފައިވާކަމަށް މަސްކް ބުނެފައިވާ ނަމަވެސް، ޔޫޒާނޭމްތައް ލިބެން ފަށާނީ ކޮން ދުވަހުކުތޯ އަދި ކިހިނެއްތޯ ހާމަކޮށްފައެއް ނުވެ އެވެ. އާމްދަނީ އިތުރުކުރުމުގެ ގޮތުން ޓްވިޓާއިން ވަނީ މީގެ ކުރިން ޔޫޒާނޭމްތައް އޮންލައިން އޯކްޝަންއެއްގައި ވިއްކުމުގެ ވިސްނުމެއް ގެންގުޅެފަ އެވެ.
Comment