Advertisement

ތޫފާންތައް މޮނީޓާކުރަން ނާސާއިން ދެ ސެޓެލައިޓް ލޯންޗުކޮށްފި

ސެޓެލައިޓްތައް ލޯންޗުކުރީ ނިއުޒީލޭންޑުން. -- ފޮޓޯ: ނާސާ


ތޫފާންތައް މޮނީޓާކުރަން ނާސާއިން ދެ ސެޓެލައިޓް ލޯންޗުކޮށްފި

ވޮޝިންޓަން، އެމެރިކާ (މޭ 8) - ތޫފާންތައް މޮނީޓާކުރަން ހާއްސަ ދެ ކުޑަ ސެޓެލައިޓް ނާސާއިން ލޯންޗުކޮށްފި އެވެ.

އެ ސެޓެލައިޓްތައް ލޯންޗުކުރީ ނިއުޒީލޭންޑުންނެވެ. އެ ސެޓެލައިޓްތަކުގެ އެހީގައި ތޫފާންތަކާ ގުޅޭ މައުލޫމާތު ހޯދުމުގައި ކުރިއެރުންތަކެއް ލިބޭނެ ކަމަށް ބެލެވެ އެވެ.

ސެޓެލައިޓްތައް ދުނިޔޭގެ އޯބިޓަށް ފޮނުވީ އެމެރިކާގެ ކުންފުނި ރޮކެޓް ލެބުން އުފެއްދި ރޮކެޓެއްގަ އެވެ. އެ ސެޓެލައިޓް ގަޑިއަކު އެއް ފަހަރު ތޫފާންތައް މަތިން ދަތުރުކުރާނެ އެވެ. މިހާރު ބޭނުންކުރަމުންދާ ސެޓެލައިޓްތައް ތޫފާންތައް މަތިން ދަތުރު ކުރަނީ ކޮންމެ ހަ ގަޑިއިރަކުންނެވެ.

އެހެންކަމުން، ކޮންމެ 60 މިނެޓަކުން ތޫފާނަށް އަންނަމުންދާ ބަދަލު އާ ސެޓެލައިޓްތައް ބޭނުންކޮށްގެން މޮނީޓާ ކުރެވޭނެ އެވެ.

އިތުރު ދެ ސެޓެލައިޓް ހިފައިގެން ރޮކެޓް ލެބްގެ ރޮކެޓެއް މީގެ ދެ ހަފުތާ ފަހުން ލޯންޗުކުރުމަށް ހަމަޖެހިފައިވެ އެވެ. ކުރިން ނިންމާފައި އޮތީ މި މިޝަންގައި ހަ ސެޓެލައިޓް ލޯންޗު ކުރުމަށެވެ. އެކަމަކު ފުރަތަމަ ލޯންޗުކުރި ދެ ސެޓެލައިޓް ގެއްލުނީ ރޮކެޓް ރަނގަޅަށް މަސައްކަތް ނުކުރުމުންނެވެ.

ދުނިޔެ ހޫނުވުމުގެ ސަބަބުން މޫސުމީ ބަދަލުތައް އައިސް، ތޫފާންތަކުގެ ބާރު ގަދަވަމުންދާ ކަމަށް ސައިންސްވެރިން ބުނެ އެވެ.