Advertisement

ނިޒާމްބެގެ ޓާގެޓަކީ ފުޓްބޯޅަ ސަޕޯޓަރުން ބުރުއާ މެދު ވިސްނާވަރުކުރުން

8 މޭ 2023 - 12:18 0

އައްޒާމް އަލިފުޅު

އައްޒާމް އަލިފުޅު

އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން ބުރު ސްޕޯޓްސް ކްލަބްގެ ކޯޗު ނިޒާމްބެ ވާހަކަދައްކަނީ.--- ފޮޓޯ: އަބްދުﷲ އިޔާން/ އަދަދު


ނިޒާމްބެގެ ޓާގެޓަކީ ފުޓްބޯޅަ ސަޕޯޓަރުން ބުރުއާ މެދު ވިސްނާވަރުކުރުން

8 މޭ 2023 - 12:18 0

ދެ ވަނަ ޑިވިޝަން ޗެމްޕިއަންކަން ހޯދައި، ކޮލިފިކޭޝަން ބުރެއް ކުޅެފައި، ފުރަތަމަ ޑިވިޝަނުގައި މުޅިން އަލަށް ވާދަކުރަމުން އަންނަ ބުރު ސްޕޯޓްސް ކްލަބް ގޮވައިގެން މި ސީޒަނުގައި އެންމެ އިސް ޓާގެޓެއްގެ ގޮތުގައި ކުރަން ބޭނުންވާ ކަމަކީ ފުޓްބޯޅަ ސަޕޯޓަރުން ބުރާ މެދު ވިސްނާނެ ހާލަތަަކަށް އެ ޓީމު ގެނައުން ކަމަށް އެ ޓީމުގެ ކޯޗު މުހައްމަދު ނިޒާމް (ނިޒާމްބެ) ބުނެފި އެވެ.

ބުރުން ވަނީ ޕްރެޒިޑެންޓްސް ކަޕްގައި ރާއްޖޭގެ ލީގު ޗެމްޕިއަން، މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން 2-1 އިން ބަލިކޮށްފަ އެވެ. ޓީސީ ސްޕޯޓްސް ކްލަބް އަތުން 1-0 އިން ބަލިވި ބުރު ވަނީ ސެމީ ފައިނަލުގައި އިތުރު ވަގުތުގެ ދެ ހާފް ކުޅެގެން، ކްލަބް އީގަލްސް އަތުން 2-1 އިން ބަލިވެފަ އެވެ. ފުރަތަމަ ޑިިވިޝަނުގައި ބުރު ކުޅުނު ފުރަތަމަ ތިން މެޗުގައި ވެސް ފެނުނީ ވާދަވެރި ޓީމެއްގެ ގޮތުގަ އެވެ.

"ލީގަށް ނުކުންނައިރު، ޓޮޕަށް އެއީ ހަމަގައިމުވެސް މަސައްކަތް ކުރާނެ އެއްޗަކީ، އެއް ގޮތަކަށް ވެސް، ބައެއް ފަރާތްތަކުން ހީކޮށްފާނެ، މި އަހަރު ރެލިގޭޝަން ނެތީމަ ދެން، ފަސޭހަކޮށް، ލީގު ނިންމާލާނީއޭ، ބުރުގެ ނެތް އެ ވިސްނުން. ބުރުގެ ހުރީ ބުރަށް ދެވުނު އެންމެ ކުރިއަކަށް ދިއުމުގެ ވިސްނުން." މި ސީޒަނުގައި ބުރުން ކަނޑައަޅާނެ ޓާގެޓަކީ ކޮބައިތޯ ސުވާލުކުރުމުން ނިޒާމްބެ ބުންޏެވެ.

"(ބުރުގެ) ފުރަތަމަ ސީޒަނަށް ވެފައި، މި ސީޒަނުގައި ރަނގަޅު އެއްޗެއް އެޗީވްކޮށްފައި ބުރު މި ލެވަލްގެ ޓީމެއްގެ ގޮތުގައި ތިބެފައި އެ ކޮންފިޑެންސް ޓީމަށް އަދި މެނޭޖްމަންޓަށް ލިބުން. އަދި ރާއްޖޭގެ ބޯޅަ ބަލާ މީހުންނަށް ބުރަކީ ވާދަވެރި ޓީމެއްގެ ގޮތުގައި ފެނުމަކީ އެންމެ މުހިންމު ޓާގެޓަކީ،"

ދާދި ފަހުން ކޯޗިންގެ ޕްރޯ ލައިސަންސް ހާސިލްކުރި ކޯޗު ނިޒާމްބެ ބުނީ ޕްރެޒިޑެންޓްސް ކަޕްގައި ބުރަށް ގިނަ ކަންތައްތައް ދިޔައީ "ޕޮޒިޓިވްކޮށް" ކަމަށެވެ. އެކަމަކު، ލީގަށް ތައްޔާރުވާން އަދިވެސް އެކަށީގެންވާ ވަގުތު ނުލިބޭ ކަމަށް ނިޒާމްބެ ވަނީ ބުނެފަ އެވެ.

އެ ގޮތުން، އިސް ކަމެއްގެ ގޮތުގައި ކުޅުންތެރިންގެ ފިޒިކަލް ކޮންޑިޝަން (ފިޓްނަސް) ރަނގަޅުކުރަން ކަންކަން ކުރަން ޖެހޭކަން ނިޒާމްބެ ވަނީ ފާހަގަކޮށްފަ އެވެ.

ނިޒާމްބެ ބުނީ ބުރުގެ ހާލަތު ރަނގަޅުކުރެވޭނީ މި މަހު 20 އިން ޖުލައި 13 އަށް އަންނަ ބްރޭކުގެ ބޭނުން ހިފައިގެން ކަމަށެވެ. އެ ބްރޭކަކީ ސާފް ޗެމްޕިއަންޝިޕަށް ތައްޔާރުވާން ގައުމީ ޓީމަށް ދޭ ބްރޭކް އެކެވެ.

"(ކުރަން ހުރި) އަނެއް މަސައްކަތަކީ ބޭނުންވާ ގޭމް ފިލޯސަފީ އަށް މަސައްކަތް ކުރަން ވެސް ވަގުތެއް އަދި ނުލިބޭ. ދެން ކުރި ބުނި ގޮތަށް ޕްރީ ސީޒަނެއް މި ލިބެނީ ލީގުގެ ފުރަތަމަ ތިން މެޗަށް ފަހު މި އަންނަ ބްރޭކުގައި. އޭރު ނުކުންނައިރު ޓީމު ވަރަށް ރަނގަޅު ކުރެވޭނެ ކަމަށް މި ބަލަނީ،" ބްރޭކަށް އިޝާރަތްކޮށް ނިޒާމްބެ ބުންޏެވެ.

ބޮޑު ބްރޭކެއް އަންނައިރު، ގިނަ ޓީމުތަކުން ވެސް ޕްރެކްޓިސް ދިގު މުއްދަތަކަށް މެދުކަނޑާލާ ފަހަރު އާދެ އެވެ. ބުރުން ގެންގުޅެނީ ކޮން ވިސްނުމެއްތޯ އެހުމުން ނިޒާމްބެ ވަނީ އެ ކްލަބްގެ ޕްލޭނެއް އޮތް ކަމަށް ބުނެފަ އެެވެ.

"މީގެ އެންމެ ފުރިހަމަ ގޮތުގައި ބޭނުންހިފުން ބުއްދިވެރިއީ. ގާތްގަނޑަކަށް ދެ ޓީމު ފިޔަވައި ދެން އޮތް ހުރިހާ ޓީމެއް ވެސް މި އޮތީ، ރަނގަޅު ޕްރީ ސީޒަން ނުލައި، ސީޒަނަށް ނުކުމެފައި، މިއީ އެންމެ އެކަށީގެންވާ ވަގުތު، ގާތްގަނޑަކަށް އެބަ ލިބޭ އަށް ހަފްތާ، އެއީ ރަނގަޅު މުއްދަތެއް، ރަނގަޅު ޕްރީ ސީޒަނެއް ހަދާފައި، އެންމެ ރަނގަޅަށް ޓީމު ބައްޓަންކޮށްގެން ނުކުންނަ. ހަމަގައިމު ވެސް ބުރުގެ ވިސްނުމެއް ނެތް މެދުކަނޑާލަން. ވިސްނުން މި ހުރީ ޕްރެކްޓިސްތައް ގެންގޮސްފައި، ރަނގަޅު ޕްރީ ސީޒަނެއް ގެންދިއުން،" ފުރަތަމަ ޑިވިޝަނުގައި 15 އަށް ވުރެ ގިނަ އަހަރުގެ ކޯޗިން ތަޖުރިބާ ހުރި ނިޒާމްބެ ބުންޏެވެ.

ބުރުން ފުރަތަމަ ޑިވިޝަނުގައި ލީގުގައި ކުޅޭ ފުރަތަމަ މެޗަކީ މިރޭ އީގަލްސްއާ ކުޅޭ މެޗެވެ. ނިޒާމްބެ ބުނީ ޕްރެޒިޑެންޓްސް ކަޕް ސެމީ ފައިނަލުގައި އީގަލްސްއާ ކުޅުނު މެޗަކީ ނޮކައުޓް މެޗެއް ކަމަށެވެ. އަދި އެ މެޗާ ލީގުގެ މެޗެއް ވަރަށް ތަފާތުވާނެކަން ފާހަގަކޮށް ނިޒާމްބެ ވަނީ އީގަލްސްއާ މެދު ސަމާލުވާނެ ކަމަށް ބުނެފަ އެވެ.

"އީގަލްސް އަކީ ޓެކްނިކަލީ ރަނގަޅު ކުޅުންތެރިންނާއި އެކްސްޕީރިއަންސް ކުޅުންތެރިން އޮތް ސްކޮޑަކަށް ވާތީވެ، ބުރުން ވިސްނާނެ ކަމެއް. ޓީމު ގޭމެއްގައި ޓީމެއް ހުއްޓުވުމަށް ވުރެ އިންޑިވިޖުއަލް ޕްލޭޔަރުން އެޓޭކިން ތާޑުގައި އެ ގެންނަ މޫވްމަންޓްތައް ވެސް ހުއްޓުވުން މުހިންމު،" ނިޒާމްބެ ބުންޏެވެ.

އިއްޔެގެ ނޫސްވެރިންގެ ބައްދަލުވުމުގައި އީގަލްސްގެ އެސިސްޓަންޓް ކޯޗު މުއާވިޔަތު އިލްހާމް ވާހަކަ ދައްކަނީ.---- ފޮޓޯ: އަބްދުﷲ އިޔާން/ އަދަދު


އީގަލްސްގެ ހެޑް ކޯޗު އިހުސާން އަބްދުލް ގަނީ (ސާންތީ) ބަލިވެ އުޅޭތީ، ނޫސްވެރިންގެ ބައްދަލުވުމުގައި ކްލަބްގެ ފަރާތުން ބައިވެރިވީ އެސިސްޓަންޓް ކޯޗު މުއާވިޔަތު އިލްހާމް އެވެ.

ސާންތީއާ އެކު ޔުނައިޓެޑް ވިކްޓަރީ (ޔޫވީ)ގައި ވެސް އެސިސްޓަންޓް ކޯޗަކަށް ހުރި މުއާވިޔަތު ބުނީ ޕްރެޒިޑެންޓްސް ކަޕް ފައިނަލުގައި މާޒިޔާ އަތުން 2-0 އިން އީގަލްސް ބަލިވުމުން އެ އަށް ފަހު ފުރަތަމަ މެޗަށް ނުކުންނައިރު އެ ޓީމަށް އުނދަގޫތަކެއް ހުންނާނެ ކަމަށެވެ.

އީގަލްސް އަކީ މިދިޔަ އަހަރުގެ ލީގު ރަނަރަޕް އެވެ. މި ފަހަރު ލީގަށް މާޒިޔާއާ ވާދަކުރާނެ ޓީމެއްގެ ގޮތުގައި ފެންނަނީ ވެސް އީގަލްސް އެވެ. މުއާވިޔަތު ވެސް އެކަމަށް އެއްބަސްވެ އެވެ.

"އީގަލްސްގެ ޕްލޭނަކީ މެޗުތައް ކާމިޔާބުކުރުން ލީގުގައި އިރާދަކުރެއްވިއްޔާ ފައިޓް ކުރާ ފެންވަރު އީގަލްސްގައި އެބަހުރިކަމަށް އަޅުގަނޑަށް ވެސް ގަބޫލުކުރެވޭ. ރާއްޖޭގައި ފުޓްބޯޅަ ބަލާ ހުރިހާ ބޭފުޅުން ވެސް ގަބޫލުކުރާނެ އެކަން،" މުއާވިޔަތު ބުންޏެވެ.

"ލީގުގައި އީގަލްސްގެ ހިތްވަރަކީ ޓީމުގެ ކުުޅުންތެރިންގެ ހިތްވަރު. އިރާދަކުރެއްވިއްޔާ މެޗުތައް ކާމިޔާބުކުރުމުގެ އަޒުމުގައި މި ނުކުންނަނީ. (އީގަލްސްގެ) ބިދޭސީ ކުުޅުންތެރިން ރާއްޖޭގެ މާހައުލަށް ހޭނުމުގައި އުނދަގޫތަކެއް އެބަހުރި. ދެން، އަނިޔާއިން ރިކަވާކުރަން ޖެހޭ ކުޅުންތެރިންގެ ކަންކަން ވެސް ކުރިއަށް އެބަދޭ،"

ލީގުގައި ކުޅޭ ފުރަތަމަ މެޗުގައި، ބުރާ ދެކޮޅަށް ކުޅޭ މެޗު އެއްވެސް ގޮތަކަށް އީގަލްސް އިން ފަސޭހަކޮށް ނުނަގާނެ ކަމަށް މުއާވިޔަތު ވަނީ ބުނެފަ އެވެ. ޕްރެޒިޑެންޓްސް ކަޕްގެ ސެމީ ފައިނަލުގައި ކަންކަން ދިމާވި ގޮތުން ފިލާވަޅުނަގާނަމަ ބުރު ފެންނަނީ ދެ ވަނަ ޑިވިޝަނުން އައި ޓީމެއް ކަމަށް ވިޔަސް ފުރަތަަމަ ޑިވިޝަން ލެވަލް ޓީމެއްގެ ގޮތުގައި ކަމަށް މުއާވިޔަތު ބުނެފައިވެ އެވެ.

އީގަލްސް އާއި ބުރު ކުޅޭ މެޗު ފަށާނީ މިރޭ 9 ޖަހާއިރު އެވެ.