Advertisement

ނަރުދަމާ އެޅިތާ ދޮޅު އަހަރު، އެކަމަކު ބޭނުމެއް ނުކުރެވޭ!

7 މޭ 2023 - 13:27 2

ހއ. ބާރަށް

އައިޝަތު ނުޒުހާ

އައިޝަތު ނުޒުހާ

ހއ. ބާރަށު ނަރުދަމާގެ ބައެއް؛ ނަރުދަމާ ނިމުނުތާ ދެ އަހަރާ ގާތްވެފައިވީނަމަވެސް ހިދުމަތެއް ނުދެވޭ-- ފޮޓޯ: މުހައްމަދު ޝާބިން/ އަދަދު


ނަރުދަމާ އެޅިތާ ދޮޅު އަހަރު، އެކަމަކު ބޭނުމެއް ނުކުރެވޭ!

7 މޭ 2023 - 13:27 2

ހއ. ބާރަށް

ރަށްރަށުން ލިބޭ ހިދުމަތްތަކާއި ގާއިމްވެފައިވާ ވަސީލަތްތައް ދައްކައިދޭ އައިލްސް އެމްވީ އިން ފެންނަ ގޮތުން މި ރަށުގެ ނަރުދަމާ ގާއިމް ކުރުމުގެ މަސައްކަތް ވަނީ 2021 ވަނަ އަހަރުގެ ތެރޭގައި ނިމިފަ އެވެ.

އެކަމަކު މި ރަށު ރައްޔިތުންގެ އެންމެ ކަންބޮޑުވުމަކީ މިހާ ދުވަސް ވެގެން ދިޔައިރު ވެސް ނަރުދަމާގެ ހިދުމަތް ބޭނުން ކުރަން ނުފެށުމެވެ. ކައުންސިލްގެ ރައީސް ސަފްއަތު މުހައްމަދުގެ އެންމެ ބޮޑު ކަންބޮޑުވުމަކީ ވެސް މިއީ އެވެ.

"މިއަދާ ހަމައަށް ދެ އަހަރެއްހާ ދުވަސް ވެގެން މިދަނީ މަސައްކަތް ނިންމާފައި ބޭނުން ނުކުރެވި، ނިންމާފައި ބޭނުންކުރަން ބެލިއިރު ވަރަށް ބޮޑެތި މައްސަލަތައް އެބަހުރި [ނިޒާމުގައި]،" ސަފްއަތު "އަދަދު" އަށް ވިދާޅުވި އެވެ.

އާބާދީގައި 2000 އެއްހާ މީހުން ދިރިއުޅޭ ބާރަށުގައި ނަރުދަމާ ނިޒާމު ގާއިމް ކުރުމަށް ހަވާލުކޮށްފައިވަނީ 2017 ވަނަ އަހަރުގެ ތެރޭގައި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގަ އެވެ.

ފަނަރަ މިލިއަން ރުފިޔާއަށް އެސްޖޭ ކޮންސްޓްރަކްޝަން އެންޑް ޓްރޭޑިން އާއި ނޯތު ކޯސްޓް ނަމަކަށް ކިޔާ ކުންފުންޏެއް ގުޅިގެން އުފެއްދި ޖޮއިންޓް ވެންޗާއަކާ ހަވާލުކުރި މި މަޝްރޫއުގެ އަމަލީ މަސައްކަތް ނިންމާފައިވަނީ 2021 ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ ތެރޭގަ އެވެ.

ބާރަށު ކައުންސިލްގެ ރައީސް ސަފްއަތު "އަދަދު"އަށް އިންޓަވިއު ދެއްވަނީ-- ފޮޓޯ: މުހައްމަދު ޝާބިން/ އަދަދު


ސަފްއަތު ކިޔައިދެއްވި ގޮތުގައި، ނަރުދަމާ ނިމި ފެނަކައާ ހަވާލުކުރިއިރު ވެސް އެތައް މައްސަލައެއް ހުއްޓެވެ. ބައެއް ހޮޅިތަކުގައި ބްލޮކްތައް އެބަހުއްޓެވެ. ބައެއް ހޮޅިތައް ހުރީ އިތުރު ހޮޅިއަކާ ނުގުޅަ އެވެ. އައުޓްފޯލްގެ މައްސަލަ އެވެ.

"އައުޓްފޯލް މިހާރު ވަނީ ރަނގަޅުކޮށްފައި ރޯދައިގެ ކުރިން، ހޮޅި ލައިންތައް ދިމާނުވުމާ، ޖަންކްޝަންތަކުން ލީކުވާ ލީކުވުންތަކާ، ހޮޅިލައިންތައް ހަމަ ހުރި ގޮތަށް ހުރީ، ލީކުވުންތައް ވެސް ހައްލެއް ނުކުރެވޭ،" ނަރުދަމާ ނިޒާމު ހުރި ހާލަތު ކިޔައިދެއްވަމުން ސަފްއަތު ވިދާޅުވި އެވެ.

ބާރަށު ނަރުދަމާ އާ ގުޅޭ ގޮތުން 2021 ވަނަ އަހަރު މި ސަރުކާރުން ކުރި ޓްވީޓެއް--


ޕްލޭނިން މިނިސްޓްރީން ވަނީ މިހާރު ހުރި ގޮތަށް ހިދުމަތް ފޯރުކޮށްދިނުމަށް ފެނަކައަށް އަންގައިފަ އެވެ. އެކަމަކު ކައުންސިލުން އެގޮތް ބޭނުން ނުވެ އެވެ. ރައްޔިތުންގެ ކަންބޮޑުވުން ހުރުމާއެކު ހިދުމަތް ނުފެށުމަށް ކައުންސިލުން ވަނީ ރައީސް އޮފީހާއި ޕްލޭނިން މިނިސްޓްރީގައި ވެސް އެދިފަ އެވެ.

"މިނިސްޓްރީގެ ބޭފުޅުން ވިދާޅުވީ އެ ބޭފުޅުންނަށް އެނގިފައި ނެތޭ، ފެނަކައަށް ސީދާ އަންގާފައި އޮންނާނީ ކަންކަން ހައްލުކޮށްފައޭ އެކަމަކު ހައްލު ނުކޮށް ހިދުމަތް ދޭން އުޅޭ ކަމެއް އެނގިފައެއް ނެތޭ،" ސަފްއަތު ވިދާޅުވި އެވެ.

ރައީސް އޮފީހުން ވެސް ކައުންސިލަށް އެދެވޭ ޖަވާބެއް ލިބިފައިނުވާ ކަމަށް ސަފްއަތު ވިދާޅުވި އެވެ. އެ އޮފީހުގެ ޖަވާބަކީ ފެނަކައިން އެގޮތަށް އަމަލު ކުރަނީ "ހިދުމަތް އަވަހަށް ދޭން" ކަމަށް ލަފާ ކުރެވޭ ކަމަށެވެ.

ސަފްއަތު އިތުރަށް ވިދާޅުވި ގޮތުގައި ނިޒާމުގައި ހުރި މައްސަލަތައް ހައްލުނުކޮށް އެއް ގެއަށް ނަރުދަމާ ވަނީ ގުޅައިފަ އެވެ. އެކަން އެނގުމާއެކު ކައުންސިލުން ވަނީ ހުއްޓާލުމަށް އަންގައިފަ އެވެ.

""މައި ހޮޅިތަކުގަ ބައިވަރު މައްސަލަ އެބަހުރި، އެހެންވީމާ އެންމެ ގެއަކަށް ގުޅިނަމަވެސް ލީކުވާނެތާ، ރަނގަޅެއް ނުކުރެވޭނެ،" އޭނާ ވިދާޅުވި އެވެ.

މިހާރު ހުރި ގޮތަށް ހިދުމަތް ދޭން ފަށައިފިނަމަ ރަށުގެ ފެން ފަށަލައަށް ނޭދެވޭ އަސަރު ކުރާނެ ކަމުގެ ކަންބޮޑުވުން ކައުންސިލްގެ އެބައޮތެވެ. އެހެންވެ ކައުންސިލުގެ އެދުމަކީ މި މައްސަލައަށް އަވަހަށް ހައްލެއް ލިބިގެން ދިއުމެވެ.