Advertisement

ބޯކޮށް ވާރޭވެހި ހިތަދޫ އާއި ފޭދޫގައި ފެންބޮޑުވެ އެހީތެރިކަން ފޯރުކޮށްދެނީ

5 މޭ 2023 - 15:54 0

އާމިނަތު ނިއުޝާ

އާމިނަތު ނިއުޝާ

އެމްއެންޑީއެފް އިން ބުނީ މިހާތަނަށް ގާތްގަނޑަކަށް 22 ގެއަކަށް ފެން ވަދެގެން އެހީތެރިކަން ފޯރުކޮށްދީފައިވަކަމަށް -- ފޮޓޯ: އެމްއެންޑީއެފް


ބޯކޮށް ވާރޭވެހި ހިތަދޫ އާއި ފޭދޫގައި ފެންބޮޑުވެ އެހީތެރިކަން ފޯރުކޮށްދެނީ

5 މޭ 2023 - 15:54 0

މިހާރު މުޅި ރާއްޖެއަށް ކުރަަމުންދާ ހުޅަނގު މޫސުމުގެ ވިއްސާރާގައި އައްޑޫ ސިޓީ ހިތަދޫ އަަދި ފޭދޫއަށް ބޯކޮށް ވާރޭވެހި ބައެއް ހިސާބުތަކުގައި ފެންބޮޑުވެގެން އެހީތެރިކަން ފޯރުކޮށްދޭން ފަށައިފި އެވެ.

އެމްއެންޑީއެފް އިން ބުނީ އިއްޔެއިން ފެށިގެން ބޯކޮށް ވާރޭވެހުމުގެ ސަބަބުން ހިތަދޫ އަދި ފޭދޫގެ ބައެއް ހިސާބުތަކުގައި ގޭގެއަށް ފެން ވަންނަ ވަރަށް ފެންބޮޑުވެފައިވާ ކަމަށެވެ. ރެއިން ފެށިގެން އެފަދަ ގޭގެއަށް އެހީތެރިކަން ފޯރުކޮށްދެމުން އަންނަ ކަމަށް އެމްއެންޑީއެފް އިން ބުނެ އެވެ.

މި މަސައްކަތުގައި، މިހާތަނަށް ހިތަދޫ އަދި ފޭދޫގައި ގާތްގަނޑަކަށް 22 ގެއެއްގެ ފެން ހިއްކުމާއި ވެލިބަސްތާޖަހާ ދިނުމުގައި އެހީތެރިކަން ފޯރުކޮށްދީފައިވާ ކަމަށް އެމްއެންޑީއެފް އިން ބުނެ އެވެ.

ފެންބޮޑުވެފައިވާ ބައެއް މަގުތަކުގައި ކޯރު ކެނޑުމުގެ މަސައްކަތް މިހާރު ކުރަމުންދާއިރު، އެރަށްތަކުގެ މަގުތަކުގައި ހެދިފައިވާ ފެންގަނޑު ހިއްކުމުގެ މަސައްކަތް ޕަންޕުގެ އެހީގައި ދަނީ ކުރަމުންނެވެ.

މިކަމާއި ގުޅިގެން ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމެންޓު އޮތޯރިޓީ (އެންޑީއެމްއޭ)އިން ބުނީ، މިހާރު ކުރަމުންދާާ ވިއްސާރައިގައި އައްޑޫ ސިޓީ ހިތަދޫއިން 16 ގެއަކަށާއި ހަތް ގެއެއްގެ ދަނޑު ބިންތަކުގައި ފެންބޮޑުވެފައިވާ ކަމަށެވެ.

އަދި, ފޭދޫގެ އަށް ގެއަކަށް ވެސް ފެންވަދެ އެކިވަރުގެ ގެއްލުން ލިބިފައިވާކަމަށް އެ އޮތޯރިިޓީން ބުނެ އެވެ. އެހެން ނަމަވެސް މި ހާދިސާގައި އިންސާނީ އެހީތެރިކަން ފޯރުކޮށްދޭން ޖެހޭ ހާލަތަކަށް ގޮސްފައިނުވާކަމަށް ވެސް އެންޑީއެމްއޭއިން ބުނެ އެވެ.

މޫސުމާ ބެހޭ ގައުމީ އިދާރާ (މެޓް އޮފީސް)އިން ބުނެފައިވާ ގޮތުގާ މިއަދު އަދި މާދަމާ ވެސް ރާއްޖޭގެ ބޮޑު ބަޔަކަށް ވިއްސާރަވެ، ކަނޑު ގަދަވާނެ ކަމަށް ވަނީ ލަފާކުރެވިފަ އެވެ.

މިއަދު އަދި މާދަމާ ވެސް މެދުރާއްޖެތެރެ އާއި ދެކުނުގެ އަތޮޅު ތަކަށް އާންމު ގޮތެއްގައި ގަޑިއަކު 15 މޭލާއި 25 މޭލާ ދެމެދުގެ ބާރުމިނެއްގައި ވައިޖެހޭނެ ކަމަށް ލަފާކުރެވޭ ކަމަށާއި ވިލާގަނޑުގައި ގަޑިއަކު 40 މޭލާއި 50 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ ކަމަށް ލަފާކުރެވޭ ކަމަށް ވެސް މެޓުން ބުންޏެވެ.

ކަނޑުދަތުރުކުރާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށާއި ވާރޭ ވެހި ފެންބޮޑުވެގެން ލިބިދާނެ ގެއްލުންތައް ކުޑަކުރަން މަސައްކަތްކުރަން އެ އިދާރާއިން އިލްތިމާސް ކުރެ އެވެ.