4 މޭ 2023 - 18:57 0
އެމްއޭސީއެލްގެ އިންޓާންޝިޕް ފުރުސަތު ދިން ދަރިވަރުންނާ އެކު އެމްއޭސީއެލްއާއި ކެއާ ސޮސައިޓީގެ އިސް ބޭފުޅުން ފޮޓޯއަކަށް ހުއްޓިވަޑައިގަންނަވަނީ. ފޮޓޯ:އެމްއޭސީއެލް
4 މޭ 2023 - 18:57 0
މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް)ގެ އިޖްތިމާއީ ޒިންމާގެ ދަށުން ކެއާ ސޮސައިޓިގެ ދަރިވަރުންނަށް ހާއްސަ އިންޓާންޝިޕް ޕްރޮގްރާމެއް ފަށައިފި އެވެ.
ކެއާ ސޮސައިޓީ އާ ގުޅިގެން އެމްއޭސީއެލް އިން ފެށި އިންޓާންޝިޕް ޕްރޮގްރާމް ފެށުމަށް ޓަކައި ދެފަރާތުން މިއަދު އެމްއޯޔޫއެއްގައި ސޮއިކުރި އެވެ. ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) ގައި އެކަމަށް ޓަކައި ބޭއްވި ރަސްމިއްޔާތެއްގައި އެމްއޭސީއެލްގެ ފަރާތުން އެމްއޯޔޫގައި ސޮއިކުރެއްވީ ޑެޕިއުޓީ މެނޭޖިން ޑައިރެކްޓަރު އިބްރާޙިމް ތޯހާ އެވެ. ކެއަރ ސޮސައިޓީގެ ފަރާތުން ސޮއިކުރެއްވީ އެގްޒެކެޓިވް ޑިރެކްޓަރު އަހްމަދު އާތިފް އެވެ.
މިއަދު ފެށި އިންޓަންޝިޕް ޕްރޮގްރާމުގެ ދަށުން ކެއާ ސޮސައިޓީގެ ހަތަރު ދަރިވަރަކަށް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި މަސައްކަތުގެ ތަޖުރިބާ ހޯދުމުގެ ފުރުސަތު ދޭނެ އެވެ. އެމްއޭސީއެލް އިން ބުނި ގޮތުގައި އެ މިފުރުސަތަކީ އަމިއްލަ ފައިމައްޗަށް ތެދުވެ އެކުދިންނަކީވެސް މަސައްކަތުގެ މާހައުލުގައި ތަފާތު ދެއްކޭނެ ކުދިންތަކަކަށް ވުމަށް އެޅިގެންދިޔަ މުހިންމު ފިޔަވަޅެކެވެ.
އިންޓާންޝިޕްގެ އިތުރުން ސޮސައިޓީގައި ވޮކޭޝަންލް ޓްރެއިނިން ޕްރޮގްރާމް ފުރިހަމަކުރަމުންދާ ދަރިވަރަކަށާއި އަދި އެޑިއުކޭޝަން އެންހޭސްމަންޓް ޕްރޮގްރާމް ފުރިހަމަ ކުރަމުންދާ ދަރިވަރަކަށް އެކުދިންގެ އެއް އަހަރުގެ ފީ ސްޕޮންސާކޮށް ދޭން ވެސް މިއަދު ސޮއިކުރި އެމްއޯޔޫގައި އެމްއޭސީއެލްއިން ވަނީ އެއްބަސްވެފަ އެވެ. ވީއައިއޭ ގައި ކެއާ ސޮސައިޓީގެ ފަންޑް ފޮށިތައް ބަހައްޓަން ވެސް އެ އެމްއޯޔޫގަައި އެއްބަސްވި އެވެ.
މިއަދުގެ މިރަސްމިއްޔާތުގައި އެމްއޭސީއެލްގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ތޯހާ ވިދާޅުވީ މިއަދު މިވެވުނު އެއްބަސްވުމަކީ، އެމްއޭސީއެލް ގެ އިޖްތިމާއީ ޒިންމާގެ ދަށުން، މުޖުތަމައުގައި ތިބި އެކިގޮތްގޮތުން އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް ދެމެހެއްޓެނިވި ގޮތެއްގައި އެހީތެރިކަން ފޯރުކޮށްދިނުމަށް އެޅި މުހިންމު ފިޔަވަޅެއް ކަމަށެވެ. އަދި ކުންފުނީގެ އިޖުތިމާއީ ޒިންމާގެ ހަރަކާތްތައް ރާވާފައިވާނީ ދެމެހެއްޓެނިވި ތަރައްގީއާއި، މުޖުތަމައުގައި އެހީތެރިކަމަށް ބޭނުންވެފައިވާ ހާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކާއި އަދި ތައުލީމާއި، ތިމާވެށީގެ ދާއިރާއިން އެހީތެރިކަމާއި އެއްބާރުލުން ފޯރުކޮށްދިނުމަށް ކަމަށް ތޯހާ ވިދާޅުވި އެވެ.
ކެއާ ސޮސައިޓީގެ އެގްޒެކެޓިވް ޑައިރެކްޓަރް އަހުމަދު އާތިފް ވިދާޅުވީ ހާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކަށް ފުރިހަމައަށް އެހީތެރިކަން ފޯރުކޮށްދެވޭނީ ރާއްޖޭގެ އެކި ފަރާތްތައް ގުޅިގެން ހާއްސަކޮށް ބޮޑެތި ކުންފުނިތަކުގެ އިޖްތިމާއީ ޒިންމާގެ ދަށުން ކުރާ މަސައްކަތްތަކުގެ ތެރެއިން ކަމަށެވެ. އަދި އެމްއޭސީއެލްއާއެކު މިއަދު ފެށި މަސައްކަތަކީ މިކަމުގެ ފެށުމެއް ކަމަށާއި ކުރިއަށް އޮތްތަނުގައި އެމްއޭސީއެލް ފަދަ ބޮޑެތި ކުންފުނިތައް މިކަމުގައި އެއްބާރުލުންދޭނެކަމަށް ގަބޫލުކުރައްވައި އެމްއޭސީއެލް އަށް ވަރަށް ބޮޑަށް ޝުކުރު އަދާކުރެއްވި އެވެ.
މި ލިޔުމާ ގުޅޭ ލިޔުންތައް
Comment