Advertisement

ބޯކޮށް ވާރޭވެހި މާލޭގެ މަގުތަކުގައި ފެން ބޮޑުވުމުން ސިފައިން ނިކުމެ ފެން ހިންދަނީ

4 މޭ 2023 - 08:30 0

އަހުމަދު އާއިދު

އަހުމަދު އާއިދު

މީގެ ކުރިން މާލެއަށް ބޯކޮށް ވާރޭވެހި ފެންބޮޑުވެފައި ވަނިކޮށް - ފޮޓޯ: އަދަދު ފައިލް


ބޯކޮށް ވާރޭވެހި މާލޭގެ މަގުތަކުގައި ފެން ބޮޑުވުމުން ސިފައިން ނިކުމެ ފެން ހިންދަނީ

4 މޭ 2023 - 08:30 0

ރޭ ފަތިހުން ފެށިގެން މާލެއަށް ބޯކޮށް ވާރޭވެހި މަގުތަކުގައި ފެންބޮޑުވުމުން، ސިފައިން ނިކުމެ ފެން ހިންދަން ފަށައިފި އެވެ.

ސިފައިންގެއިން މިއަދު ބުނީ ފަޔާ އެންޑް ރެސްކިޔު ސާވިސްގެ ސިފައިން މިހާރު ފެން ހިއްކުމަށް މަސައްކަތް ކުރަމުންދާ ކަމަށާއި އެ މަސައްކަތް ފެށީ ހެދުނު 06:00 ގައި ކަމަށް ވެސް ވަނީ ބުނެފަ އެވެ. މާލެއަށް އަދިވެސް ދަނީ މެދުކެނޑުމެތް ނެތި ވާރޭ ވެހެމުންނެވެ.

މާލޭގައި އެންމެ ބޮޑަށް ފެން ހެދޭ ސަރަހައްދުތައް ކަމަށްވާ ގިޔާސުއްދީން ސުކޫލު، އައިޖީއެމްއެޗް އަދި ދިރާގު ހެޑް އޮފީސް ސަރަހައްދުގައި ޕަމްޕު ބަހައްޓައިގެން ސިފައިން އަންނަނީ ފެން ހިއްކުމުގެ މަސައްކަތް ކުރަމުންނެވެ.

މިދިޔަ އޭޕްރީލް 1، ގައި ވެސް މާލެއަށް އާދަޔާހިލާފަށް ބޯކޮށް ވާރޭވެހި ފެންބޮޑުވި އެވެ. އެ ދުވަހު ފެން ހިއްކުމަށް ގިނަ ވަގުތުތަކެއް ނެގުމުގެ ސަބަބުން ގިނަ ބަޔަކު ނުރުހުން ފާޅުކުރި އެވެ.

އެގޮތުން މަގުތަކުގައި ފެންބޮޑުވާން ދިމާވީ ސްޓޯމް ވޯޓާ ޕަމްޕުތައް ޖެއްސުން ލަސްވުމާ ގުޅިގެން ކަމަށް ވިދާޅުވެ މާލޭ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ވަނީ އެ ޕަމްޕުތައް ބަލަހައްޓާ އެމްޑަބްލިއު އެސްސީއަށް ފާޑުވިދާޅުވެފަ އެވެ. ނަމަވެސް، އެމްޑަބްލިޔޫއެސްސީން އެދުވަހު ބުނީ ޕަމްޕު ސިސްޓަމް ފުރިހަމައަށް މަސައްކަތް ކުރާ ކަމަށާއި ފެންބޮޑުވާ ވަގުތު ޕަމްޕްތައް އޮޓޮމެޓިކުން "އޮން" ވާނެ ކަމަށެވެ.

މާލެއަށް ބޯކޮށް ވާރޭވެހެމުންދާއިރު، މޫސުމާ ބެހޭ ގައުމީ އިދާރާއިން ވަނީ ރާއްޖޭގެ ބޮޑު ބަޔަކަށް ވިއްސާރަ ކުރާނެ ކަމަށް ލަފާކޮށް ރީނދޫ ސަމާލު ނެރެފަ އެވެ. އެގޮތުން އެންމެ ފަހުން އެ އިދާރާއިން ނެރުނު ސަމާލުގައި ވަނީ ކ. އަތޮޅުން ފެށިގެން އައްޑު އަތޮޅުގެ ނިޔަލަށް ނެރެފައިވާ ރީނދޫ ސަލާމުގެ ވަގުތުގައި، ގުގުރުމާއެކު ބޯކޮށް ވާރޭ ވެހޭނެ ކަމަށް ލަފާކޮށް، ވިލާގަނޑުގައި ގަޑިޔަކު 45 މޭލު ބާރަށް ވައިޖެހޭނެ ކަމަށް ވެސް އަންދާޒާކޮށްފަ އެވެ. އެއާއެކު ކަނޑުތައް ވެސް ގަދަވާނެ ކަމަށް މެޓުން ބުނެ އެވެ.