3 މޭ 2023 - 17:50 0
މެމްބަރު ޒަރީރު: އޭނާއަށް ހަމަލާދިން ވަގުތު އިތުރު މެމްބަރަކު އޭނާއާއެކު އިންނެވި -- ފޮޓޯ: މަޖިލިސް
3 މޭ 2023 - 17:50 0
ރައްޔިތުންގެ މަޖިލީހުގެ މަތިވެރި ދާއިރާގެ މެމްބަރު ހަސަން ޒަރީރު ކެފޭއެއްގައި އިންނަވަނިކޮށް ބަޔަކު ގްރޫޕު ހަދާފައި އައިސް އޭނާއަށް ހަމަލާދިން މައްސަލަ ކުށްވެރިކޮށް އެކަން ބަލަން މަޖިލީހުގެ އިދާރާއިން މިއަދު ގޮވާލައިފި އެވެ.
މެމްބަރު ޒަރީރަށް ހަމަލާ ދިނީ ހަބީބީ ނަމަކަށް ކިޔާ ރެސްޓޯރަންޓެއްގައި އިންނަވަނިކޮށެވެ. ކުރިން އޮރިގާނޯ ރެސްޓޯރަންޓު އިން އިމާރާތުގައި ހިންގާ އެ ކެފޭއަކީ ޒަރީރު އާންމުކޮށް ވަޑައިގަންނަވާ ތަނެއް ކަމަށްވެ އެވެ.
"މަތިވެރި ދާއިރާގެ މެމްބަރަށް އަމާޒުކޮށް ދިން މި ހަމަލާ އެންމެ ހަރުކަށި އިބާރާތުން ރައްޔިތުންގެ މަޖިލީހުން ކުށްވެރިކުރަން. އަދި މި މައްސަލަ ފުރިހަމައަށް ތަހުގީގު ކުރަން ގޮވާލަން،" އެ އިދާރާއިން ނެރުނު ހަތަރު ޖުމްލައިގެ ކުރު ބަޔާނުގައި ބުނެފައިވެ އެވެ.
މަޖިލީހުން ބުނީ ޒަރީރަށް ލިބުނު އަނިޔާއަށް އޭނާ އަދިވެސް ގެންދަވަނީ ފަރުވާ ހޯދަމުންނެވެ. ފުލުހުން ބުނީ ޒަރީރަށް ހަމަލާދިނީ ގްރޫޕަކުން ގޮސް ނުރައްކާތެރި ހަތިޔާރެއް ކަމަށް ބެލެވިދާނެ އެއްޗަކުން ކަމަށެވެ.
ޒަރީރަށް ހަމަލާދިން ވަގުތު، އޭނާއާ އެކު މާފަންނު ދެކުނު ދާއިރާގެ މެންބަރު، އާދަމް އަލީ ވެސް އިންނެވި ކަމަށްވެ އެވެ. އަދި ހަމަލާދިން މީހުން އެތަނުން ނުކުމެގެން ދިޔަ މަންޒަރު އެސަރަހައްދުގައި ހުރި ސީސީޓީވީތަކަށް ވެސް އަރާފައިވާ ކަމަށް މައުލޫމާތު ލިބެ އެވެ.
Comment