3 މޭ 2023 - 11:09 0
ސާއިފް ޝިޔާދު
3 މޭ 2023 - 11:09 0
ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ނޫސްވެރިކަމުގެ މިނިވަންކަން އޮންނަ މިންވަރު ބަލައި "ރިޕޯޓާސް ވިތައުޓް ބޯޑާސް" ކޮންމެ އަހަރަކު އާންމު ކުރަމުންދާ "ވޯލްޑް ޕްރެސް ފްރީޑަމް އިންޑެކްސް" ގައި ރާއްޖެ ކުރީ އަހަރަށް ވުރެ 13 ދަރަޖަ ވެއްޓިއްޖެ އެވެ.
ޖުމްލަ 180 ގައުމު ހިމެނޭ އެ އިންޑެކްސްގައި މި އަހަރު ރާއްޖެ އޮތީ 100 ވަނައިގަ އެވެ. މިދިޔަ އަހަރު ރާއްޖެ އޮތީ އިންޑެކްސްގެ 87 ވަނައިގަ އެވެ. އެހެންކަމުން މިދިޔަ އަހަރު އޮތް ހިސާބާ އަޅާބަލާއިރު މިއީ 13 ދަރަޖައިގެ ވެއްޓުމެކެވެ.
މިއީ ފާއިތުވެ ދިޔަ ފަސް އަހަރުގައި މި އިންޑެކްސްގައި ރާއްޖެ ފަހަތަށް ދިޔަ ދެވަނަ ފަހަރެވެ. އެގޮތުން, 2018 ވަނަ އަހަރު ރާއްޖެ 120 ވަނައިގައި އޮތް އިރު، 2019 ވަނަ އަހަރު ރާއްޖެ އޮތީ 98 ވަނަ އެވެ. އަދި 2020 ވަނަ އަހަރު 79 ވަނައިގައި އޮތް އިރު، 2021 ގައި 72 ވަނައަށް ރާއްޖެ ޖެހިލި އެވެ.
އެކަމަކު އަނެއްކާ ވެސް 2022 ވަނަ އަހަރު 15 ދަރަޖަ ވެއްޓި ރާއްޖެ އޮތީ 87 ވަނައިގަ އެވެ. އެއާއެކު, މިދިޔަ ދެ އަހަރުގެ ރޭންކިންތަކަށް ބަލާއިރު ރާއްޖެ ވަނީ 28 ދަރަޖަ ސޮއްސާލާފަ އެވެ.
ރާއްޖޭގެ ރޭންކިންއާ އެކު ނެރުނު ކަންޓްރީ ޕްރޮފައިލްގައި އާރުއެސްއެފްއިން ވަނީ 2018 ގެ ރިޔާސީ އިންތިހާބުގެ ކެމްޕޭނުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ނޫސްވެރިކަމުގެ މިނިވަންކަމާ ގުޅޭގޮތުން ވެވަޑައިގެންނެވި ވައުދުތައް ފުއްދުމަށް އެކަށީގެންވާ މަސައްކަތްތައް ކޮށްފައިވާ ކަމަށް ބުނެފަ އެވެ.
އެހެން ނަމަވެސް, އެ ޖަމިއްޔާއިން ވަނީ ޖެނުއަރީ 2023, ގައި ރައްޔިތުންގެ މަޖިލީހުން ފާސްކުރި ހެއްކާ ބެހޭ ބިލާ އެކު ނޫސްވެރިންނަށް މަސްދަރު ހާމަކުރަން މަޖުބޫރު ކުރެވޭ ގޮތަށް އޮންނާތީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ. އެ ބިލަށް ސަރުކާރުން އިސްލާހު ގެންނަން ނިންމި ނަމަވެސް ނޫސްވެރިން އެދޭ ގޮތަށް ބަދަލުތައް ގެނެސްފައި ނުވެ އެވެ.
ހަމައެހެންމެ, ނޫސްތަކަށް އިސްތިހާރު ދިނުމުގައި އެއްވެސް ހާމަކަމެއް ނެތުމާއި ފާރަވެރިވާނެ ގޮތްތަކެއް ނެތުމުން ރާއްޖޭގެ މީޑިއާތަކުގެ މިނިވަންކަމަށް ސީރިއަސް މައްސަލަތަކެއް ކުރިމަތިވެފައިވާ ކަމަށް ވެސް އާރުއެސްއެފްއިން ބުނެފައިވެ އެވެ.
އޭގެ އިތުރުން, ނޫސްވެރިންނަށް ދޭ ހަމަލާތަކާ ގުޅިގެން އެކަށީގެންވާ ފިޔަވަޅުތައް ނޭޅޭ ކަމަށާއި އެކަމުގެ ސަބަބުން ނޫސްވެރިން ބިރުވެރިކަމަށް ހުށަހެޅޭ ކަމަށް ވެސް އާރުއެސްއެފްއިން ބުނެފައިވެ އެވެ. ހަމައެއާއެކު, އަންހެން ނޫސްވެރިންނަށް ފުރައްސާރަ ކުރުމުގެ މައްސަލަތައް ވެސް ފެންމަތިވަމުންދާ ކަން އެ ޖަމިއްޔާއިން ވަނީ ފާހަގަކޮށްފަ އެވެ.
މި ލިޔުމާ ގުޅޭ ލިޔުންތައް
Comment