Advertisement

ޔާމީންގެ "އަތް ކަނޑަން" ބުނުން ޓެރަރިޒަމްގެ ގޮތުގައި ސިފަކޮށް މައްސަލަ ބަލަން ގޮވާލައިފި

އިހަވަންދޫ ދާއިރާގެ މެންބަރު މުހައްމަދު ޝިފާއު؛ ރައީސް އަބްދުﷲ ޔާމީންގެ އަތް "ބުރިކުރަން" ގޮވި މައްސަލަ ބަލަން ގޮވާލައިފި


ޔާމީންގެ "އަތް ކަނޑަން" ބުނުން ޓެރަރިޒަމްގެ ގޮތުގައި ސިފަކޮށް މައްސަލަ ބަލަން ގޮވާލައިފި

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ އަތް "ކަނޑަން" ޖެހޭ ކަމަށް ރައްޔިތުންގެ މަޖިލީހުގެ އިހަވަންދޫ ދާއިރާގެ މެންބަރު މުހައްމަދު ޝިފާއު ވިދާޅުވެ ކުރެއްވި ޓެކްސްޓް މެސެޖެއް ޓެރަރިޒަމްގެ އަމަލެއް ކަމަށް ބުނެ އެ މައްސަލަ ބަލަން އިދިކޮޅު ޕީޕީއެމް ޕީއެންސީގެ ކޯލިޝަނުން ގޮވާލައިފި އެވެ.

ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ތިއްބަވާ ވަޓްސް އެޕްގެ ރަސްމީ ގްރޫޕަށް މެންބަރު ޝިފާއު ފޮނުއްވި މެސެޖެއްގައި ވަނީ "ރައީސް ޔާމީންގެ އަތް ކަނޑައި، އިތުރު 100 އަހަރު ދުވަހަށް ޖަލަށް ލާން" ޖެހޭ ކަމަށެވެ.

މި ޓެކްސްޓް މެސެޖާ ގުޅިގެން ޕީޕީއެމް ޕީއެންސީން މިރޭ ނެރުނު ނޫސް ބަޔާނެއްގައި ވަނީ "ޝިފާއު މިކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓް ރައީސް ޔާމީންގެ ހަށިކޮޅަށް ގެއްލުން ދިނުމަށް ގޮވާލި ގޮވާލުން ހަރުކަށިކޮށް ކުށްވެރިކޮށް، މައްސަލަ ތަހުގީގު ކުރުމަށް ގޮވާލަން،" ކަމަށެވެ.

"ޝިފާއު ރައީސް ޔާމީންގެ އަތްޕުޅު ބުރިކުރުމަށް ގޮވާލި ގޮވާލުމަކީ ޓެރަރިޒަމަށް ހިތްވަރުދޭ އަމަލަކަށް ވާއިރު، މިމައްސަލަ ލަސްކުރުމެއް ނެތި ސީރިއަސް މައްސަލައެއްގެ ގޮތުގައި ތަހުގީގުކޮށް ދެއްވުމަށް މޯލްޑިވްސް ޕޮލިސް ސާވިސް އަށް ގޮވާލަމެވެ." ބަޔާނުގައި އިތުރަށް ލިޔެފައިވެ އެވެ.

ދައުރުވަމުންދާ ސްކްރީން ޝޮޓުން ފެންނަ ޓެކްސްޓް މެސެޖަކީ ޝިފާއުގެ މެސެޖެއް ކަން އޭނާ ވެސް ވަނީ "އަދަދު" ނޫހަށް ޔަގީންކޮށްދެއްވައިފަ އެވެ.

"އަޅުގަނޑު ގޮވާލީ އިސްލާމީ ޝަރީއަތުގައި، ވައްކަމެއް ކޮށްފައިވާ މީހަކަށް ދޭން ޖެހޭ ހައްގު އަދަބެއް ދިނުމަށް، އެއީ ނުހައްގު އަނިޔާއެއް ދިނުމެއް ނުވާނެ ނޫންތޯ،" ޓެކްސްޓް މެސެޖާ ގުޅޭ ގޮތުން ވާހަކަ ދައްކަވަމުން ޝިފާއު ވިދާޅުވި އެވެ.

ޔާމީންގެ ވެރިކަމުގައި ހިނގި އެމްއެމްޕީއާރުސީގެ ހިޔާނާތުގެ މައްސަލާގައި އެމަނިކުފާނުގެ މައްޗަށް އުފުލި ރިޝްވަތާއި މަނީ ލޯންޑަރިންގެ ދައުވާއެއް ސާބިތުވެއްޖެ ކަމަށް ކަނޑައަޅައި ކްރިމިނަލް ކޯޓުން އިއްވާފައިވާ 11 އަހަރުގެ ޖަލު ހުކުމެއް މިހާރު ވެސް އެމަނިކުފާނު ގެންދަވަނީ ތަންފީޒުކުރައްވަމުންނެވެ.

އެއީ އެމްއެމްޕީއާރުސީ މެދުވެރިކޮށް އެ ސަރުކާރުގައި ވ. އާރަށް ކުއްޔަށް ދޫކުރުގައި ހިންގި ކަމަށް ބުނާ ހިޔާނާތުގެ މައްސަލާގައި އިއްވާފައިވާ ހުކުމެކެވެ. ރ. ފުއްގިރި ކުއްޔަށް ދިނުމުގައި ހިންގި ކަމަށް ބުނާ ހިޔާނާތުގެ މައްސަލާގައި ވެސް ޔާމީންގެ މައްޗަށް އުފުލާފައިވާ ދެ ދައުވާއެއްގެ ޝަރީއަތް އެބަ ހިނގަ އެވެ.

ނަމަވެސް އެ ދައުވާތަކަށް ޔާމީން އިންކާރު ކުރައްވަ އެވެ. ޔާމީނަށް ލިބިފައިވާ "ސައްހަ ނޫން ގޮތެއްގައި ހިޔާނާތުން ހޯދި" ފައިސާ ކަމަށް ދައުލަތުން ކޮށްފައިވާ ދައުވާތަކުގައި ވިޔަސް، އެއީ އެމަނިކުފާނު "ފްރޭމް" ކުރުމުގެ އަމަލެއްގެ ގޮތުގައި ޔާމީން ސިފަކުރައްވަ އެވެ.

ޔާމީންގެ މައްޗަށް އިއްވާފައިވާ ޖަލު ހުކުމް ދެމިއޮތްހާ ހިނދަކު އެމަނިކުފާނަށް ރިޔާސީ އިންތިހާބުގައި ވާދައެއް ނުކުރެވޭނެ އެވެ.

ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާއަށް ވުމަށް ގާނޫނު އަސާސީގައި ބަޔާން ކޮށްފައިވާ އެއް ޝަރުތަކީ، ޖިނާއީ ކުށެއްކުރިކަން ސާބިތުވެގެން 12 މަސް ދުވަހަށް ވުރެ ދިގު މުއްދަތެއްގެ ހުކުމެއް އޮތް ނަަމަ، އެ ހުކުމް ތަންފީޒުކޮށް ނިމުނުތާ ނުވަތަ ކަނޑައެޅުނު އަދަބު މައާފު ކުރެވުނުތާ ތިން އަހަރު ވެފައިވާ މީހަކަށްވުމެވެ.