2 މޭ 2023 - 09:59 0
އަހުމަދު އާއިދު
ރޭގަ ވިލިމާލެ ފަރަށް އެރިކަމަށް ބުނާ އުޅަނދު - ފޮޓޯ: ޓުވިޓާ
2 މޭ 2023 - 09:59 0
މާލެ އާއި ތިލަފުއްޓާ ދެމެދު އަޅަމުންދާ ބުރިޖުގެ މަސައްކަތުގައި ގެންގުޅޭ އުޅަނދެއް އަނެއްކާވެސް ވިލިމާލެ ފަރަށް އަރައިފި ކަމަށް ބުނެ ފެތުރެމުންދާ ވާހަކަތައް ޕްލޭނިން މިނިސްޓްރީން ދޮގުކޮށްފި އެވެ.
ޕްލޭނިން މިނިސްޓްރީގެ އޮފިޝަލަކު "އަދަދު" އަށް މައުލޫމާތު ދެއްވި ގޮތުގައި ސޯޝަލްމީޑިއާގައި ފެތުރެމުންދާ ފޮޓޯތަކުގައި ފެންނަނީ ބުރިޖުގެ މަސައްކަތުގައި ގެންގުޅޭ ފްލޯޓިން ބެޗިން ޕްލާންޓެއް ކަމަށާއި އެ އުޅަނދު ވިލިމާލެ ފަރާއި ވަރަށް ގާތަށް ރޭ އައި ނަމަވެސް ފަރަށް ނާރާ ކަމަށެވެ.
"އުޅަނދުތައް އަޅާފައި ހުންނާނީ ގުޅީފަޅު ވިލިމާލެއާ ދިމާލުގައި، ދެން ރޭގަ ފްލޯޓިން ބެޗިން ޕްލާންޓުގެ ނަގިލި ކަހާލައިގެން ވިލިމާލެ ފަރު ކައިރިއަށް އައީ، ފަރަކަށް ނާރާ، މިހާރު ބަލަމުން މިދަނީ ފަރުގައި ޖެހިފަ ހުރިތޯ، ފަރުވެސް، ޕްލާންޓުވެސް ބަލަމުން މިދަނީ" އެ އޮފިޝަލް ވިދާޅުވި އެވެ.
ތިލަމާލެ ބުރިޖުގެ މަސައްކަތުގައި މީގެ ކުރިންވެސް މިފަދަ ހާދިސާއެއް ވަނީ ހިނގާފަ އެވެ. އެގޮތުން ބުރިޖު ސާވޭއަށް ބޭނުންކުރަމުންދިޔަ ޕްލެޓްފޯމެއް ވިލިމާލެ ފަރަށް އަރާ ފަރަށް ބޮޑެތި ގެއްލުންތަކެއް ވަނީ ވެފަ އެވެ.
މިދިޔަ އޮގަސްޓު 16, ގައި ވިލިމާލެ ފަރަށް އެރި އެ ޕްލެޓްފޯމް އެފްކޮންސްއަށް ފުންކުރެވުނީ އޭގެ 12 ދުވަސް ފަހުންނެވެ. އޭގެ ފަހުން ބުރިޖުގެ ތަނބެއް ޖެހުމުގެ ތެރޭގައި މަސައްކަތުގައި ގެންގުޅުނު ކެރޭނެއްވެސް ވަނީ ބިނދިގެން ކަނޑަވެސް ވެއްޓިފަ އެވެ.
އެކަމާއި ގުޅިގެން ތިމާވެށީގެ ގިނަ ޖަމްއިއްޔާތަކުންނާއި އިދިކޮޅު ސިޔާސީ ފަރާތްތަކުންވެސް ވަނީ ސަރުކާރަށާއި އެފްކޮންސްއަށް ވަރަށް ބޮޑަށް ފާޑުކިޔާފަ އެވެ.
އޭގެ ފަހުން ވިލިމާލޭ ފަރަށް ލިބުނު ގެއްލުން ބެލުމަށް އީޕީއޭއިން ސާވޭއެއް ހެދުމުން އެފްކޮންސްއިން ވަނީ އެ ސާވޭގެ ރިޕޯޓު ބަލައިނުގަނެ އީޕީއޭގެ ހުއްދައާއެކު އަލުން ސާވޭއެއް ހަދާފަ އެވެ. ދެ ސާވޭއަށް ބެލުމަށްފަހު އީޕީއޭއިން ވަނީ އެފްކޮންސް ކުންފުނި ލިބުނު ގެއްލުންތަކުގެ ބަދަލުގެ ގޮތުގައި އެ ކުންފުނި 69.4 މިލިއަން ރުފިޔާއިން ޖޫރިމަނާ ކޮށްފަ އެވެ.
Comment