Advertisement

މި ފަހަރު މައިކު ލިބުމުން އިދިކޮޅު ލީޑާޝިޕް އެއް އަޑަކުން, އެއް މެސެޖެއް

1 މޭ 2023 - 23:41 0

މުހައްމަދު ވިޝާމް

މުހައްމަދު ވިޝާމް

ޕީޕީއެމް/ޕީއެންސީ ކޯލިޝަނުން މީގެ ކުރިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެ ކޯލިޝަންގެ ވަގުތީ ލީޑަރު އަބްދުއްރަހީމް މައުލޫމާތު ދެއްވަނީ. -ފޮޓޯ: މުހައްމަދު ޝާބިން/އަދަދު


މި ފަހަރު މައިކު ލިބުމުން އިދިކޮޅު ލީޑާޝިޕް އެއް އަޑަކުން, އެއް މެސެޖެއް

1 މޭ 2023 - 23:41 0

މީގެ ކުރިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި މައިކެއް ނުދިނެވެ، އިދިކޮޅު ޕީޕީއެމް/ޕީއެންސީ ކޯލިޝަނުގެ ލީޑަޝިޕްގެ އިސް ބޭފުޅުންގެ އަމިއްލަ ދުލުން އެ ސުވާލުގެ ޖަވާބު އަޑުއަހަން ނޫސްވެރިން އެދުމުންނެވެ،

އެ ދުވަހު ވެސް ކުރީ އެއް ސުވާލެކެވެ. އިދިކޮޅު ކޯލިޝަނުގެ ލީޑަރު އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް އަންނަ ރިޔާސީ އިންތިހާބުގައި ވާދަނުކުރެއްވޭނަމަ، ރިޔާސީ ޓިކެޓު ހޯދުމުގެ ޝައުގުވެރިކަން ހުރިތޯ އެވެ. އެކަމަކު އެ ސުވާލުގެ ޖަވާބު ތަކުރާރުކޮށްދެއްވީ އެ ކޯލިޝަނުގެ ވަގުތީ ލީޑަރު އަބްދުއްރަހީމް އަބްދުﷲ އެވެ. އެހެން ބޭފުޅުންގެ ފަރާތުން ވެސް ޖަވާބު ދެއްވީ އަބްދުއްރަހީމެވެ. ނޫނެކޭ ވިދާޅުވާން ވެސް އެހެން ބޭފުޅަކަށް މައިކު ނުދެއްވި އެވެ.

އޭގެ ފަހުން، ޕީޕީއެމް/ޕީއެންސީގެ ތެރޭގައި އެ ޓިކެޓަށް ވާދަވެރިކަން ބޮޑުވެފައިވާ ކަމުގެ އަޑުތައް ވަނީ ގަދަވެފަ އެވެ. އިންތިހާބަށް ހަތަރު މަހެއްހާ ދުވަހަށް ވެފައިވާއިރު، އެ ވާދަވެރިކަމާއެކު މުޅި ކޯލިޝަން ތެރެ ހޫނުވެ، ރެނދުލައި، ބައިބައިވެފައިވާ ކަަމުގެ ވާހަކަތައް ތުންތުންމަތިން ދަނީ އިވެމުންނެވެ.

މިވަގުތު ޖަލުގައި ހުކުމް ތަންފީޒުކުރަމުން ގެންދަވާ ޔާމީނަށް ސަރުކާރުން އެތަކެއް އަނިޔާއެއް ދެމުންދާ ކަމުގެ ކަންބޮޑުވުންތައް އިއްވަން މިރޭ އިދިކޮޅުން ވަނީ ނޫސްވެރިންގެ ބައްދަލުވުމެއް ބާއްވައިފަ އެވެ.

ސުވާލަށް ހުޅުވާލުމުން، ކުރީގެ ނިއުސް ކޮންފަރެންސްއެއްގައި އެހެން ބޭފުޅަކު ޖަވާބު ދިނުމަށް މައިކް ނުދީ ހިފެހެއްޓި ސުވާލު އަދަދު ނޫހުގެ ނޫސްވެރިޔާ މުހައްމަދު ޝަހުޒާން އަމާޒުކޮށްލީ ނެއްޓެން އުނދަގޫވާނެ ގޮތަށެވެ. ޓިކެޓު ހޯދުމުގެ ރޭހުގެ އެންމެ ކުރީގައި އުޅުއްވާ ކަމަށް އަޑުއިވޭ، ލީޑަޝިޕްގެ ވަކިވަކި ބޭފުޅުންގެ ފަރާތުން އެ ބޭފުޅުންގެ ނަން ވިދާޅުވެ ޖަވާބު ދިނުމަށް އެދުނެވެ.

އަބްދުއްރަހީމާ ސުވާލު އަމާޒު ނުކުރި ނަމަވެސް، މިރޭ ވެސް އެ ސުވާލަށް ފުރަތަމަ ޖަވާބު ދެއްވީ އޭނާ އެވެ.

"އަޅުގަނޑު މިދަންނަވަނީ [ޕާޓީ ތެރޭ] މައްސަލަ ހުންނާނެއޭ. އެކަމަކު އަޅުގަނޑުމެން އަމާޒަށް ދިޔުމުގަ މައްސަލައެއް ނެތޭ. އެއީ ނޫންތޯ މީގަ މުހިންމު ކަމަކީ؟ ޕީޕީއެމް/ޕީއެންސީ ނުކުމެ މިއޮތީ ރައީސް ޔާމީން މިނިވަންކޮށްގެން މިގައުމުގެ ވެރިކަމަށް ގެންނަން،" އަބްދުއްރަހީމް ވިދާޅުވި އެވެ.

އެއާ ވިދިގެން ކުރީގެ ބައްދަލުވުމުގައި ކަން ހިނގި ގޮތުގެ ހަނދާން އާ ކުރެއްވި އެވެ. މައިކު ދޫކޮށްނުލުމުގެ ފާޑުކިޔުންތަކަށް އިޝާރާތް ކުރައްވަމުން އަބްދުއްރަހީމް މިރޭ ވަނީ އެ ސުވާލު އަމާޒުވި ވަކިވަކި ބޭފުޅުންނަށް ފުރުސަތު ދިނުމަށް މައިކު ދޫކޮށްލައްވައިފަ އެވެ.

ލީޑާޝިޕުގެ ފަހަރަކު ބޭފުޅަކު މައިކު ކައިރިއަށް ވަޑައިގެން ޖަވާބު ދެއްވި އެވެ.

ސުވާލުގެ ޖަވާބު ލިބުނީ ކުރުކޮށެވެ. އެކަމަކު އިދިކޮޅު ލީޑަޝިޕް އެއް އަޑަކުން ދިން މެސެޖު ވަރަށް ސާފެވެ.

"އަޅުގަނޑުމެން އެންމެ އެކައްޗެއް ކިޔައިގެން މިތިބީ. އަޅުގަނޑުމެންގެ ރިޔާސީ ކެންޑިޑޭޓަކީ ރައީސް ޔާމީން. އެކަމުގަ އެއްވެސް ދެބަސްވުމެއް ނެތް. އިރާދަކުރެއްވިއްޔާ މި މަސައްކަތް އަޅުގަނޑުމެން ކާމިޔާބުކޮށް، ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ކަމަށް ރައީސް ޔާމީން ހޮވާފަ ހުއްޓާލާނީ،" ޕީޕީއެމްގެ ނައިބު ލީޑަރު އަދި މާލެ ސިޓީގެ މޭޔަރު ޑރ މުހައްމަދު މުއިއްޒު ވިދާޅުވި އެވެ.

"އަޅުގަނޑުމެންގެ ޕްލޭން އޭ އަކީ ވެސް ޕްލޭން ބީ އަކީ ވެސް ޕްލޭން ސީ އަކީ ވެސް ރައީސް ޔާމީން... އަޅުގަނޑު މިހުރީ ރައީސް ޔާމީންގެ ފަހަތްޕުޅުގަ ވަރަށް ސާބިތުކަމާއެކު. އަޅުގަނޑުގެ ސިޔާސީ ހަޔާތް ނިންމާނީ އެމަނިކުފާނާއެކީ އެމަނިކުފާނުގެ ފަހަތްޕުޅުގަ. ދެން ކިހިނެއްތޯ އަޅުގަނޑު ކުރިއަށް އަރާނީ،" ޕީޕީއެމްގެ ނައިބު ލީޑަރު އަދި މަޖިލީހުގެ ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމް ވިދާޅުވި އެވެ.

"އަޅުގަނޑު ހަމަ އިއްޔެ ވެސް ހުރީ، މިއަދު މިހުރީ، އަދި މާދަމާ ވެސް ހުންނާނީ އިރާދަކުރެއްވިއްޔާ ރައީސް ޔާމީންގެ ފަހަތްޕުޅުގަ. އެމަނިކުފާނު ދެއްކެވި މަގަކުން ނޫނީ އަޅުގަނޑު ހިނގާކަށް ގަސްދެއް ނުކުރަން،" ޕީޕީއެމްގެ ނައިބު ލީޑަރު އަދި މަޖިލީހުގެ ތ. ގުރައިދޫ ދާއިރާގެ މެމްބަރު ޣައްސާން މައުމޫން ވިދާޅުވި އެވެ.

"...ރައީސް ޔާމީންގެ ފަހަތްޕުޅުގަ ރައީސް ޔާމީން ވެރިކަމަށް ގެނައުމަށް ޓަކައި އެމަނިކުފާނު ބެހެއްޓެވި ހިސާބެއްގަ އަޅުގަނޑު ހުންނާނަން. އަޅުގަނޑުގެ އެއްވެސް ޝައުގުވެރިކަމެއް ހުރި ކަމެއް ނޫން ތިޔަ ވިދާޅުވަނީކީ. އަޅުގަނޑުމެންގެ ތެރޭގަ ރައީސް ޔާމީންގެ ތަޖުރިބާ އާއި އިލްމާއި މިގައުމު ތަރައްގީ ކުރުމުގެ ވިޝަން ގެންގުޅުއްވާ ވަރުގެ، އެ ލެވަލްގެ ފަތިގަނޑު ފިރުކާލެވޭ ވަރުގެ ބޭފުޅެއް ވެސް އަޅުގަނޑުމެންގެ ތެރޭގަ ނެތް،" ޕީއެންސީގެ ނައިބު ލީޑަރު އަދި މަޖިލީހުގެ މާވަށު ދާއިރާގެ މެމްބަރު މުހައްމަދު ސައީދު ވިދާޅުވި އެވެ.

"އަޅުގަނޑަކީ ވެސް ރައީސް ޔާމީންގެ ފޮލޮވާއެއް. އަޅުގަނޑަކީ މިހާތަނަށް އަދި މިހާރު ވެސް، އަދި ކުރިއަށް އޮތް ތަނުގައި ވެސް މަސައްކަތް ކުރާނީ ރައީސް ޔާމީން ވެރިކަމަށް ގެންނަން. އެކަމަށް ޓަކައި ކުރަންޖެހުނު ކޮންމެ މަސައްކަތެއް އަޅުގަނޑު ކުރާނަން. އަޅުގަނޑު ހުންނާނީ ރައީސް ޔާމީން ބެހެއްޓެވި ހިސާބެއްގަ. ރައީސް ޔާމީނަށް ކުރިމަތިނުލެވޭ ހާލަތެއް އައި ކަމަށްވިޔަސް، އަޅުގަނޑު ފޮލޯ ކުރާނީ ރައީސް ޔާމީންގެ އިރުޝާދު،" ޕީއެންސީގެ ނައިބު ލީޑަރު އަދި މަޖިލީހުގެ މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފް ވިދާޅުވި އެވެ.

ޔާމީން ޖަލު ހުކުމް މިނިވަންވެ އިންތިހާބުގައި ވާދަކުރައްވާނެކަމުގެ ޔަގީންކަމުގެ މަތީގައި އިދިކޮޅު ލީޑަޝިޕް އޮތް ނަމަވެސް، މި ވަގުތު ވެސް ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުން ގެންދަވާ ޔާމީންގެ މައްޗަށް އިތުރު މައްސަލައެއް އަދިވެސް ކްރިމިނަލް ކޯޓުގައި އެބަ ހިނގަ އެވެ. އެއީ ރ. ފުއްގިރި ކުއްޔަށް ދޫކުރުމުގައި ހިންގި ކަމަށް ބުނާ ހިޔާނާތުގެ މައްސަލަ އެވެ.

ޖަލު ހުކުމް ދެމިއޮތްހާ ހިނދަކު ޔާމީނަށް ރިޔާސީ އިންތިހާބުގައި ވާދަކުރުމުގެ ފުރުސަތެއް ނުލިބެ އެވެ.

ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާއަށް ވުމަށް ގާނޫނު އަސާސީގައި ބަޔާން ކޮށްފައިވާ އެއް ޝަރުތަކީ، ޖިނާއީ ކުށެއްކުރިކަން ސާބިތުވެގެން 12 މަސް ދުވަހަށް ވުރެ ދިގު މުއްދަތެއްގެ ހުކުމެއް އޮތް ނަަމަ، އެ ހުކުމް ތަންފީޒުކޮށް ނިމުނުތާ ނުވަތަ ކަނޑައެޅުނު އަދަބު މައާފު ކުރެވުނުތާ ތިން އަހަރު ވެފައިވާ މީހަކަށްވުމެވެ.